ގާސިމް އިބްރާހީމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް އަރުވައިފި

ޖުމްހުރީ ޕާޓީގެ ފަރާތުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމަށް ޕާޓީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް އަރުވައިފިއެވެ.
އޮނަރަބަލް ގާސިމް އިބްރާހިމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވީ އެކަމަށް ހާއްސަކޮށްގެން އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
އޮނަރަބަލް ގާސިމް އިބްރާހިމްގެ އަތްޕުޅަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އަރުވައިދެއްވީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފްއެވެ.
ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ޤާސިމް އިބްރާހީމަށް ލިބިވަޑައިގަތީ، އެ ޕާޓީގެ ކައުންސިލްގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ. ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޤާސިމް އިބްރާހީމް ކަން އިއުލާނުކުރުމާއެކު، ސިޔާސީ ގޮތުން ހައިބަތުބޮޑު ގިނަ ފަރާތްތަކަކުން އަންނަނީ، ޤާސިމް އާއި ޖޭޕީއާ އެކުގައި މަސައްކަތްކުރުމަށް ނިންމައި، އެކަމުގެ މަޝްވަރާތައް ކުރަމުންނެވެ.
އޮނަރަބަލް ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ކަށަވަރުކޮށްދޭނެ ކަމަށް ވައުދުވެ ދެއްވި ޔަގީންކަމުގެ މައްޗަށް ޖުމްހޫރީ ޕާޓީގެ ހިއްސާއާއެކު ގާއިމްވި ސަރުކާރުގެ ސަބަބުން ގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވައި ރައްޔިތުންގެ އިސްލާހީ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމުގެ އަޒުމުގައެވެ.
އެހެންކަމުން ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވަން ރަސްމީ ގޮތުން ނިންމަވައި ގާސިމް ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ. ސިޓީފުޅުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ސަރުކާރުން މިހާތަނަށް އަމަލު ކުރެއްވި ގޮތުންނާއި ކަންކަން ހިނގަމުންދާ ގޮތުން ޕާޓީން އިސްވެއޮވެ އުފައްދާ ކޯލިޝަނަކުން ވާދަކުރައްވަން ނިންމަވާފައިވާ ކަމަށާއި އެ ނިންމެވުން ތަންފީޒު ކުރުމަށްޓަކައި އެމަނިކުފާނު ސާބިތުވެހުރިކަމުގައި ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އިންތިހާބީ މައިދާނުން އެންމެ ހަރަކާތްތެރިކޮށް ފެންނަނީ ޖުމްހޫރީ ޕާޓީއެވެ. ޕާޓީގެ ލީޑަރު އަދި މުޅި ލީޑަރޝިޕުން ދެކިވަޑައިގަންނަވާ ގޮތުގައި ޖުމްހޫރީ ޕާޓީއަކީ ރައްޔިތުންގެ ހިތާ ގުޅިފައިވާ ރައްޔިތުންގެ ވިންދެވެ. މިފަހުން ގިނަ އަަދަދެއްގެ މެމްބަރުންތަކެއް ޖޭޕީއާ ގުޅެމުން އަންނަ މައިގަނޑު ސަބަބަކީ އެއީ ކަމުގައި ވެސް އެ ފަރާތްތަކުން ފާހަގަކުރައްވައެވެ.
ރާއްޖޭގައި ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީގައި 23،000 އެއްހައި މެމްބަރުން ތިބޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެ ޕާޓީގެ އަމާޒަކީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އަދަދު ބޮޑުތަނުން އިތުރުކުރުމެވެ. މި އަޒުމުގައި ޕާޓީން އަންނަނީ ގިނަ ހަރަކާތްތަކެއް ރާވައި ހިންގަމުންނެވެ.
މިރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާގެ އިތުރުން ޕާޓީގެ ޑެޕިއުޓީ ލީޑަރުންނާއި ކައުންސިލް މެމްބަރުންނާއި އިދާރީ ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ އާއްމު މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ