އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރުމާއިމެދު ގޮތެއް ނިންމުމަށް އެޕާޓީގެ ކައުންސިލުން މަޝްވަރާ ކުރަމުން ދާކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ޖޭޕީ މިހާރު އޮތީ ސަރުކާރު ކޯލިޝަންގަ އެވެ. އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއިއެކު އެޕާޓީން ކޯލިޝަން ހަދާނެކަމަށް އުއްމީދުކޮށް އެމްޑީޕީން މީގެ ކުރިން ވާހަކަވެސް ދެއްކި އެވެ.
އެހެންނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި ޖޭޕީގެ ކައުންސިލްގެ ތާއީދު އޮތީ ގާސިމް ރިޔާސީ އިންތިހާބަށް ނިކުންނެވުމަށެވެ. ހާއްސަކޮށް އިދިކޮޅު ލީޑަރު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ގާސިމްއަށް ވެރިކަމުގެ އުއްމީދު ބޮޑުކަމަށް ޖޭޕީގެ އިސް ބޭފުޅުން ދެކިވަޑައިގަންނަވަ އެވެ.
ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރެއްވުމާއިމެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ އެވެ. އެއީ މިމަހުގެ 24 އަދި 25 ވަނަ ދުވަހު އޮންނަ ޖޭޕީގެ ކޮންގްރެސްގައި ގާސިމް ނިންމަވާ ގޮތެއްގެ މައްޗަށް ރުހުން ހޯދުން އޮންނާނެތީ އެވެ. ގާސިމް ރިޔާސީ އިންތިހާބަށް ނިކުންނަވާކަން ނުވަތަ ނޫންކަން ރަސްމީކޮށް އިއުލާން ކުރާނީ އެ ކޮންގްރެސްގަ އެވެ.
ފަހަކަށް އައިސް ގާސިމް ގެންދަވަނީ ސަރުކާރާއިމެދު ހިތްހަމަނުޖެހުން ފާޅު ކުރައްވަމުންނެވެ. އެގޮތުން ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށް ބައެއް ކަންކަން ނުދާތީ ގާސިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެޕާޓީގެ ކެނޑިޑޭޓު ރައީސް ޞާލިހަށް ތާއީދު ނުކުރައްވާނެކަން އިއުލާން ކުރައްވައިފަ އެވެ. އެއާއެކު ވިދާޅުވެފައިވަނީ ގާސިމް ރައީސް ޞާލިހަށް ތާއީދު ކުރެއްވުމަކީ ނުވާނެ ކަމެއް ކަމަށެވެ. އެއީ ރައީސް ޔާމީން ޖަލުގައި ހުންނެވުމުން ގާސިމަށް މިވަގުތު ވެރިކަމުގެ ފުރުސަތު ވަރަށް ބޮޑަށްވެސް ތަނަވަސްވެފައިވާތީކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ވަކި ކެނޑިޑޭޓެއްގެ ގޮތުގައި ގާސިމް އިންތިހާބަށް ނިކުތުމުގެ ފުރުސަތު ބޮޑު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ