ޖޫންމަހުގެ ކަރަންޓް ބިލާއިއެކު ކުނީގެ ބިލް ހިމެނޭނެ

ކުނި ބިލު ސްޓެލްކޯގެ ކަރަންޓް ބިލުގައި ހިމަނައި މިފެށޭ ޖޫން މަހުގެ ކަރަންޓު ބިލުގައި ކުނީގެ ބިލްވެސް ހިމެނިގެންދާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ ވެމްކޯގެ ކުނި މެނޭޖްކުރުމުގެ ޚިދުމަތުގެ ބިލް ކަރަންޓު ބިލުގައި ހިމެނުމަށް ވެމްކޯއާއި މިކުންފުންޏާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ.
ވެމްކޯ ބިލާއި ސްޓެލްކޯގެ ބިލު އެއްކޮށްލާތީ އެ ކުންފުނިން ވަނީ ގޭބިސީތަކުގެ މައުލޫމާތު އަޕްޑޭޓްކުރަން އިލްތިމާސްކޮށްފައެވެ. އެގޮތުން އާއްމު ގޭބިސީ ކަރަންޓް މީޓަރުތަކުގެ ތެރޭގައި ލިފްޓް ނުވަތަ މެއިންޓަނަންސް މީޓަރެއް ހުންނަ ނަމަ އެފަރާތްތަކުން "ޔޫޓިލިޓީ މީޓަރު އެކްސްކުލޫޝަން ފޯމް" ފުރިހަމަކޮށް، އެކޯޕަރޭޝަނަށް ހުށަހަޅަން ވަނީ އެދިފައެވެ.
ކުނީގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ކަރަންޓުބިލާއި ކުނީގެ ބިލް އެއްކޮށްލައިގެން ދެއްކުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. ޤާނޫނުގެ ތެރެއިން މިކަން ކުރުމަށް ސްޓެލްކޯއާއި ވެމްކޯއިން ފަހުމްނާމާގައި ސޮއިކުރުމުގެ ބޭނުމަކީވެސް ބިލްތައް ފަސޭހައި ދެއްކޭނެ އިންތިޒާމު ކަސްޓަމުންނަށް ފަހިކޮށް ދިނުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޝަރީފް ވިދާޅުވިއެވެ. އަދި މިފެށޭ މަހުން ފެށިގެން ބިލް އެއްކޮށް، ފޮނުވާއިރު މައްސަލައެއް ދިމާވާނަމަ އެކަމެއް ހައްލުކޮށް ދިނުމަށް ދެކުންފުނިންވެސް މަސައްކަތް ކުރާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
"މީޓަރުގެ ރީޑިން ނަގައިގެން އަޅުގަނޑުމެންގެ އެޕްގެ ޒަރީޢާގައި އިންނާނެ ކަލްކިއުލޭޓާއެއް ލާފަ. ހަމަ އޮޓޮމެޓިކުން އެއަދަދު ޖެއްސެވުމާއިއެކީ އަޅުގަނޑުމެންގެ ބިލިން އިންނަ ފޯމިއުލާއިން އެދުވަހެއްގެ އަދަދުވެސް ކަލްކިއުލެޓް ކުރެވޭނެ. އަދި ވޭތުވެދިޔަ މުއްދަތުގެވެސް އަދި ވޭތުވެދިޔަ 10 ދުވަހުގެ ބިލް، 15 ދުވަހުގެ ބިލް، 20 ދުވަހުގެ ބިލް، 25 ދުވަހުގެ ބިލް އެގޮތަށް ކަލްކިއުލެޓް ކުރެވޭ ގޮތަށް. އަޅުގަނޑުމެންނަށް ބިލް ނުކުރާ ކަރަންޓަކަށް ބިލް ކުރާކަމަށް އެކިއުސް ކުރުމުގެ ކުރިން އަޅުގަނޑުމެންގެ އެޕްގެ ބޭނުން ކުރައްވާ." ޝަރީފް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވީ، ޖޫން މަހުން ފެށިގެން ބިލް ކުރާނީ މަހަކަށް 150ރ ގެ ރޭޓުން ކަމަށެވެ. އެގޮތުން އަހަރަކަށް ޖެހޭ މިންވަރު 1800ރ، 365 ދުވަހަށް ބެހުމަށްފަހު ދުވާލަކަށް ޖެހޭ 4.9315 ގެ ރޭޓުން ސްޓެލްކޯއިން ތައްޔާރު ކުރާ ކަރަންޓް ބިލުގައިވާ މުއްދަތަށް ބިލްކުރާނެ ކަމަށް ވެމްކޯއިން ބުނެއެވެ.
"މިއީ ކޮންމެހެން ދައްކަންޖެހޭ އަދަދު ބޮޑުވެގެން ނޫނޭ، އެދެއްކުމުގަ އަދަދު ކުޑަވެގެން ނުވަތަ ބައެއް ފަހަރު ދެއްކުމުގެ ދަތިތަކެއް އަންނަނީ. ނޫނިއްޔާ އެނުދެއްކި ނަމަވެސް ޚިދުމަތް ލިބޭ ގޮތަށް މިއޮންނަނީ. ނޫނިއްޔާ ކުނި ނުނަގައިފިއްޔާ އެހެން ދިމާލަކަށް ގެންދިޔަ ޔަސް، އެބަނަގައޭ. އެކަހަލަ ނިޒާމެއް މިއޮތީ. އަޅުގަނޑުމެން މިމަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ބިލް ދެއްކޭނެ ފަސޭހަ ގޮތެއް ހޯދުމަށް. ދެން ނުދައްކާ ހުރި ފައިސާ މިހާރުވެސް ވެމްކޯގައި ފެންނަން ހުންނާނެ. އެކަމާއިމެދު ކަންކުރާނެ ގޮތެއް ވެމްކޯއިން ނިންމާނެ." ޔޫސުފް ސިރާޖް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި 53000 އަށްވުރެ ގިނަ ގޭބިސީން ކުނި ނެގި ނަމަވެސް ގަވާއިދުން ފީ ދައްކަނީ އެންމެ 20000 ގޭބީސީން ކަމަށް މީގެ ކުރިން ވެމްކޯއިން ވަނީ ވިދާޅުވެފައެވެ. ކުނި ބިލު ނުދައްކާތީ ކުންފުނީގެ ކޭޝްފްލޯ ދަތިވެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ ބައެއް އާލާތްތައް އެކަށީގެންވާ ގޮތެއްގައި މަރާމާތު ނުކުރެވި ބޭނުން ނުކުރެވޭ ހާލަތަށް އަންނަކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީންވެސްވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ