އާންމުކޮށް ކޯޓުން އަމަލުކުރާ އުސޫލާ ޚިލާފަށް އިސްތިއުނާފުކޮށްފައިވަނިކޮށް ފުއްގިރި މައްސަލަ ތާވަލުކޮށްފި

އާންމުކޮށް ކުރިމިނަލް ކޯޓުން އަމަލުކުރާ އުސޫލާ ޚިލާފަށް، އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ކުރިމަނަލް ކޯޓުގައި ވ.ފުއްގިރި މައްސަލާގައި އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާމެދު ނިންމި ގޮތް އިސްތިއުނާފުކޮށްފައިވަނިކޮށް އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފިއެވެ.
މިއަދު ހައިކޯޓުގައި އޮތް ފުއްގިރި މައްސަލައިގެ ޝަރީޢަތުގެ ކުރިން ހުށަހެޅި ކަންކަމާމެދު ނިންމި ނިންމުމުގެ އިސްތިއުނާފު އަޑުއެހުމުގައި ރައީސް ޔާމީނުގެ ވަކީލު ޢަބްދުﷲ ޝިޔާޒު ވިދާޅުވީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނިކޮށް ކުރިމިނަލް ކޯޓުން ފުއްގިރި މައްސަލައިގެ އަޑުއެހުމެއް އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ. އަދި އެއީ ކޯޓުން އަމަލުކުރަމުންދާ އުސޫލާ ޚިލާފު ކަމެއް ކަމަށްވެސް ޝިޔާޒު ވިދާޅުވިއެވެ.
އަދި އިސްތިއުނާފުކޮށްފައިވާ މައްސަލާގައި ހައިކޯޓުން ވަކި ގޮތެއް ކަނޑަނާޅަނީސް ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ދަށު ކޯޓުގައި ކުރިއަށް ގެންގޮސްފިނަމަ އިއާދަނުކުރެވޭނެ ގެއްލުމެއް ރައީސް ޔާމީނަށް ލިބިވަޑައިގަތުމުގެ އިހުތިމާލު އޮތުމާއެކު، އެ މައްސަލަ ނިމެންދެން ޝަރީޢަތް މަޑުޖައްސައިލުމަށް ކުރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްދިނުމަށް ހައިކޯޓުގައި ރައީސް ޔާމީނުގެ ވަކީލުން އެދިވަޑައިގެންފައިވެއެވެ.
އެ ނުކުތާއާ ގުޅިގެން ޝަރީޢަތުން ދައުލަތާ ސުވާލުކުރުމުން ދައުލަތުގެ ވަކީލާ މަރިޔަމް ޝަހުމާ ވިދާޅުވީ އާންމުކޮށް އެފަދަ މައްސަލަތަކުގައި ކުރިމިނަލް ކޯޓުން އަމަލުކުރާ އުސޫލަކީ ހައިކޯޓުގައި ހިނގާ ޝަރީއަތް ނިމެންދެން އަޑުއެހުންތައް ތާވަލުނުކޮށް މަޑުޖައްސައިލުންކަމަށާއި، އެހެންކަމުން މި މައްސަލާގައި އަޑުއެހުމެއް ކޯޓުން ތާވަލުކޮށްފައިވާނަމަ، އިސްތިއުނާފު ނިމެންދެން އަޑުއެހުންތައް މަޑުޖެއްސުމުގެ އަމުރެއް ނެރުމަށް ދައުލަތުން އިއުތިރާޒުނުކުރާ ކަމަށެވެ.
ފަނޑިޔާރުންގެ ސުވާލަކަށް ޖަވާބުދެއްވަމުން ޝިޔާޒު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފުކުރެއްވިކަން ކުރިމިނަލް ކޯޓަށް އަންގަވާފައިވާނެ ކަމަށެވެ. ނަމަވެސް އިއްޔެގެ ވަގުތެއްގައި ކޯޓުން 4 އޭޕްރީލަށް އަޑުއެހުމެއް ތާވަލުކޮށް ޗިޓު ފޮނުވާފައިވާ ކަމަށެވެ.
މިއަދު އަޑުއެހުން ނިންމައިލިއިރު ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުން ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ފަދައިން އިސްތިއުނާފީ މައްސަލަ ނިމެންދެން ކުރިމިނަލް ކޯޓުގެ އަޑުއެހުންތައް މަޑުޖައްސައިލުމުގެ އަމުރެއް ނެރެދެއްވާފައިނުވެއެވެ.
ކުރިމިނަލް ކޯޓުގައި ފުއްގިރި މައްސަލަ ބައްލަވާ ޤާޟީ އަލީ ނަދީމަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ހައްޔަރުކުރުމުން މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމާއެކު އަދީބުގެ ޤާނޫނީ ވަކީލުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ