ކުރިނބީ ޞިއްހީ މަރުކަޒުގެ މަސައްކަތް ނިމުމުން ސައުވީސް ގަޑިއިރަށް ޚިދުމަތް ދެވޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ކުރިނބީ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.
މިއަދު ވަނީ ހދ. ކުރިނބީ ޞިއްހީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ މަސައްކަތް އެމް.ޓީ.ސީ.ސީ.އާ ޙަވާލުކުރައްވާފައެވެ. މި އިމާރާތާއި އެކު ޞިއްހީ މަރުކަޒުން އިތުރު ޚިދުމަތް ދެވޭގޮތަށް ޖާގަ ފުރިހަމަވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އިތުރު ވޯޑުތަކާއި، ލެބޯޓްރީ އަދި ޕަބްލިކް ހެލްތު ޔުނިޓްފަދަ ޚިދުމަތް އިތުރުވެގެންދާނެ ކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އިމާރާތުގެ މަސައްކަތް ނިމުމުގެ ކުރިންވެސް 16 ގަޑިއިރަށް ޚިދުމަތް އިތުރުކުރުމަށް، ބޭނުންވާ މުވައްޒަފުން ހޯދައި މިއަހަރު އެ ޚިދުމަތްދެވޭތޯ މަސައްކަތް ކުރައްވާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާއި އެއްގޮތަށް ކުރިނބީގެ ބަނދަރުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، ބަނދަރުގެ މަސައްކަތް ކުރިއަށްގެންދާނީ ރައްޔިތުން އެދޭގޮތަށް ކަމަށެވެ. ރައްޔިތުން އެދޭ ބަދަލުގެ އިތުރުންވެސް ބަނދަރުގެ މަސައްކަތް ނިމިގެންދާއިރު، ދެވަނަ ފިޔަވައްސެއްގެ ގޮތުގައި މޫދަށް އެރޭ ސަރަހައްދަކާއި، އޮޑި އެހެލާނެ ސަރަހައްދެއްގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މިއަދު ސޮއިކުރެއްވި ކުރިނބީ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލު އިމާރާތުގެ މަޝްރޫޢަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، އެ މަސައްކަތް ނިމޭއިރު އިތުރު ހަތަރު ކްލާސްރޫމް ހިމެނޭގޮތަށް މަސައްކަތް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ކުޅިވަރުގެ ދާއިރާއިން ކުރައްވާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފުޓްބޯޅަ ދަނޑަކާއި، ފުޓްސަލް ދަނޑެއްގެ އިތުރުން، ހޭންޑްބޯލް ކޯޓެއްވެސް ކުރިނބީގައި އަޅުއްވާނެކަމަށެވެ. އެގޮތުން، ފުޓްސަލް ދަނޑު މިއަހަރު ނިންމަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ރައްޔިތުންނަށް ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރިނބީ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ކުރިން މިއަދު އެރަށުގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތްފަށްޓަވައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިނބީގެ ތަރައްޤީއަށް އެކި ދާއިރާތަކުން ކުރައްވަންހުރި ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައި، އެކަންކަމުގެ ތަފްޞީލް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
ކުރިނބީ ޞިއްހީ މަރުކަޒުގެ މަސައްކަތް ނިމުމުން ސައުވީސް ގަޑިއިރު ޚިދުމަތް ދެވޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ