ގައުމިއްޔަތު އިންސްޓިޓިއުޓް ހަ މަހުން ނިންމަން ހަވާލުކޮށްފި

ހަ މަހުން ގައުމިއްޔަތު އިންސްޓިޓިއުޓް ނިންމަން ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑަށް ރޭ ހަވާލުކޮށްފިއެވެ. ހުޅުމާލޭގައި ފަޅަށް ދޫކޮށްލާފައި އޮތް ސިޓީ ހޮޓަލުގައި ގައުމިއްޔަތު އިންސްޓިޓިއުޓް ހިމެނޭހެން ފަސް ތަރީގެ ހޮޓަލެއް ތަރައްގީކުރަން ރާއްޖޭގައި ހިންގާ ފޮރިން އިންވެސްޓްމަންޓް ކުންފުނި "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑަ"ށް ހަވާލުކުރީ އިއްޔެއެވެ. މި މަސައްކަތް އެ ކުންފުންޏާ އެޗްޑީސީން ހަވާލުކުރީ އެކަމަށް ޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ކުންފުންޏާއެކު އެޗްޑީސީން ސޮއިކުރި އެއްބަސްވުމުގެ ދަށުން ހޮޓަލުގެ އަގުގެ ގޮތުގައި 11 މިލިއަން ޑޮލަރު ލިބޭނެއެވެ. އަދި ކޮންމެ އަހަރަކު ބިމު ކުލީގެ ގޮތުގަައި 14.4 މިލިއަން ރުފިޔާ އެޗްޑީސީއަށް ލިބޭނެއެވެ. 'މެންހަޓަން ގްރޭންޑް'ގެ ނަމުގައި މި ހޮޓާ ގާއިމުކުރާއިރު، އެތަނުގެ ތިން ފަންގިފިލާއާއި، އިތުރު ފަންގިފިލައެއްގެ އެއްބައި، ޚާއްސަކުރަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ހަތަރު ވައުދެއް ފުއްދައިދިނުމަށެވެ. އެގޮތުން އެ ފަންގިފިލާތަކުގައި ތަރިކަ ކޮލެޖާއި، މެޑިކަލް ކޮލެޖާއި، މީޑިއާ ވިލެޖުގެ އިތުރުން ޔޫތު ސެންޓަރު ގާއިމުކުރާނެއެވެ. ކުރިއަށް ފަސް މަހުގެ ތެރޭ ސަރުކާރުގެ ބޭނުމަށް ތަރައްގީކުރާ މި ފަންގިފިލާތަކުގެ މަސަައްކަތް ނިންމައި ހަވާލުކުރާނެއެވެ. މި ހޮޓާ ހުޅުވާއިރު، 158 ކޮޓަރިއާއި ބެންކުއިޓް ހޯލަކާއި މަލްޓިޕާޕަސް ހޯލަކާއި ކޮންފަރެންސް ހޯލުތަކާއި ސްވިމިން ޕޫލު ހުންނާނެއެވެ. އަދި ފުޑް އެންޑް ބެވެރެޖްގެ ބައިނަލްއަގުވާމީ ހަތަރު ބްރޭންޑަކާއި ޖިމާއި ސްޕާގެ ޚިދުމަތް ވެސް ގާއިމުކޮށްފައި ހުންނާނެއެވެ. މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް އެއް އަހަރު ތެރޭ މި ހޮޓަލުގެ މަސައްކަތް ނިންމައި ހުޅުވަން ޖެހެއެވެ. ގައުމިއްޔަތު ކުރިއެރުވުމަކީ މި ސަރުކާރުގެ މައި ވައުދުތަކުގެ ތެރޭ ހިމެނޭ ވައުދެކެވެ. އެގޮތުން "ދިވެހި ގައުމިއްޔަތުގެ އިސްވަރު"ގެ ނަމުގައި އޮފީހެއް މި ސަރުކާރުން ހުޅުވައި، ސްކޫލްތަކުގައި ގައުމިއްޔަތު ކިޔަވައިދޭން ވަނީ ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ