މާ އަވަހަށް ހިކެން ބޭނުންވެގެން މި ޖެހެވެނީ "ސިއްހީ ސްކޭމެއް"ގައިތަ؟
ދަލެއް އޮހުރުވައިނުލައި، ހިލޭ، ފަސޭހައިން ކަމެއް ހާސިލުވާން އޮންނަ ނަމަ އެ މަގެއް ޚިޔާރުކުރަން ވަރަށް ގިނަ ދިވެހިން ބޭނުންވެއެވެ. އެކަން ހާމަވަނީ މި ފަހުން ހިންގި ބޮޑެތި ސްކޭމުތަކުގައި އެތައް ހާސް ދިވެއްސަކަށް ލަނޑު ލިބިފައިވުމުންނެވެ. އެއީ ފަސޭހައިން ކަމެއް ނުކޮށް މާ އަވަހަށް މުއްސަނދިކަން ހޯދަން އުޅެގެންނެވެ. ހަމަ އެގޮތަށް ކަސްރަތެއް ނުކޮށް، ކެއުމަށް ބަދަލެއް ނުގެނެސް ބަރުދަން ލުއިވާނެ ގޮތެއް އެނގެޔޭ ބުނެފިނަމަ އެކަމެއް ހޯދަން އެހާމެ ގިނަ ބަޔަކު އުޅޭނެއެވެ. ކުރު މުއްދަތެއްގެ ތެރޭ އެކަންވާ "ޝޯޓްކަޓް" ފޯމިއުލާއެއް އެބައޮތޭ ބުނެފިނަމަ އެންމެން ވެސް އުޅޭނީ އެ ކަމެއް ހޯދޭތޯއެވެ. މާމުޔެއް ބޮއެގެން، ނޫނީ ވަކި ވައްތަރެއްގެ ކޮފީއެއް ބޮއެގެން ވެސް އެ ނަތީޖާ ނެރެން މަސައްކަތް ކޮށްފާނެއެވެ. މިއީ ހައްތަހާ ވެސް ގޮތް ނޭނގޭ ކަންކަމެވެ. "ސިއްހީ ސްކޭމަކަށް" ވެސް ވުން ގާތް ކަންކަމެވެ. އިއްޔެ މުޅި ސޯޝަލް މީޑިއާގައި ދެކެވުނު އެއް ވާހަކައަކީ ވެސް ހަމަ މިފަދަ އެއް ވާހަކައެވެ. ހިޖާމާ ޖެހުމުގެ ޚިދުމަތް ދޭ ފަޒީލާ އުސްމާނުގެ 'ފަޒީސް ހިޖާމާ ތެރަޕީ"އިން ފޭސްބުކުގައި ޖެހީ އިޝްތިހާރެކެވެ. އިރޮކޮޅެއް ތެރޭ އެކަމަށް ސަމާލުކަން ލިބިއްޖެއެވެ. ފަޒީލާ ބުނީ، ހިޖާމާގެ އެންމެ ސެޝަނަކުން ތިން ކިލޯ ނުވަތަ ހަތަރު ކިލޯ ލުއިކޮށްދޭނެ ކަމަށެވެ. ކަސްރަތެއް ކޮށްލަން ވެސް، ކެއުމަކަށް ވެސް ބަލަން ނުޖެހޭނެ ކަމަށެވެ. ނަތީޖާ ޔަގީނުން ވެސް ނެރެދޭނެ ކަމަށެވެ. ނަތީޖަ ނުފެނިއްޖެ ނަމަ، އެ ޚިދުމަތް ހޯދަން ދޭ 500 ރުފިޔާގެ އިތުރަށް ދެގުނަ ފައިސާ، ބަދަލުގެ ގޮތުގައި ދޭނެ ކަމަށް ވެސް ބުނެފައިވެއެވެ. ފަޒީޒް ހިޖާމާ ތެރަޕީން ޖެހި އިޝްތިހާރު -- "ކުރިން އަޅުގަނޑު ސަކްސެސްފުލްކޮށް ހުންނާނެ 2024 ވަނަ އަހަރު ވެސް މިގޮތަށް ކުރިއަށްގެންގޮސް. ސައުވީސް ވަނަ އަހަރު ޖެހި މީހުންގެ 'ބިފޯ އެންޑް އާފްޓާ' ވެސް ހުންނާނެ ވެއިޓް ލޫޒްވި ވަރު ވެސް ހުންނާނެ،" 'ސަން'އާ ވާހަކަދައްކަމުން ފަޒީލާ ބުންޏެވެ. އޭނާ ދޭ ޔަގީންކަން ކިތަންމެހާ ވެސް ބޮޑެވެ. ނަމަވެސް، މީގެ ކުރިން ވެސް ފަޒީލާގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާތީ ގިނަ ބަޔަކަށް އިތުބާކުރަން އޮތީ ދަތިވެފައެވެ. ހުއްދަ ނުނަގައި ހިޖާމާ ޖެހުން ފަދަ ކަންކަމުގެ ސަބަބުން މީގެ ކުރިން ޚިދުމަތް ހުއްޓަން ވެސް ޖެހުނެވެ. އެކަމަކު، ފަހުން ހެލްތު މިނިސްޓްރީން ވަނީ އޭނާއަށް ހިޖާމާ ޖެހުމުގެ ލައިސެންސް ދީފައެވެ. "ކްލިނިކް ބަންދުކޮށްފައި ހުންނަތާ ނުވަ މަސް ވެގެން ލިބުނު ގެއްލުން ހޯދޭނެ ގޮތެއް ވިސްނައިގެން ހުރެ މިކަން ކުރީ...،" އަލުން ބަރުދަން ލުއިކޮށްދޭ ހިޖާމާ ފަރުވާ ފެށީ ކީއްވެކަން ހާމަކުރަމުން އޭނާ ބުންޏެވެ. https://www.sun.mv/208380 އޭނާގެ ޕޭޖުން ކޮށްފައިވާ ފޭސްބުކު ޕޯސްޓުގައި ވެސް ގިނައީ މަޖަލަށް، ޖެއްސުމަށް މީހުން ކޮށްފައިހުރި ކޮމެންޓުތަކެވެ. އެކަމަކު ސުވާލަކީ، ބަރުދަން ލުއިކުރުން ނުވަތަ އެ ނޫން ވެސް ސިއްހީ ކަމެއްގައި ހަމަ މިހާ ފަސޭހައިން އިތުބާރުކުރުމަކީ އެންމެ ރަނގަޅު ގޮތްތޯއެވެ. ހިޖާމާގެ ފަރުވާއަކީ ކޮބާ؟ ދެހާސް އަށާރަވަނަ އަހަރުގެ އެޕްރީލް 30ވަނަ ދުވަހު ނެރެފައިވާ، އަދި އެމެރިކާގެ ރަސްމީ ވެބްސައިޓެއްކަމަށްވާ ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިންގައި ޝާއިއުކޮށްފައިވާ، "ދަ މެޑިކަލް ޕާސްޕެކްޓިވް އޮފް ކަޕިން ތެރަޕީ: އިފެކްޓްސް އެންޑް މެކޭނިޒަމްސް އޮފް އެކްޝަން"ގައި ވާގޮތުން ހިޖާމާ ޖެހުމަކީ ވަރަށް ގިނަ ބަލިތަކަކަށް ފަރުވާ ދިނުމަށްޓަކައި ގަދީމީ ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ އުކުޅެކެވެ. އެކަމަކު، އެ ލިޔުމުގައިވާ ގޮތުން، ހިޖާމާ ޖެހުމަކީ ފަރުވާ ދިނުމުގައި ބޭނުންކުރަމުން އަންނަތާ އެތައް ގަރުނެއްވީ އުކުޅެއް ނަމަވެސް، އަދި އެކި ސަގާފަތުގެ އެކި މުޖުތަމައުގެ މީހުން ކުރަމުން އަންނަ ކަމެއް ނަމަވެސް، މި ފަރުވާ މަސައްކަތްކުރާ ގޮތް މާ ބޮޑަށް ދެނެގަނެވިފައިވާ އުކުޅެއް ނޫނެވެ. "ޒަމާނީ ބޭސްވެރިކަމުގެ ތަމުރީނު ލިބިފައިވާ އާންމު ޑޮކްޓަރުން، ސަމާލުކަން ދެނީ ބަލިތައް ޖެހޭ ބަޔޯމެޑިކަލް ސަބަބުތަކަށް، ސީދާ ސަބަބު ދެނެގަނެ އެ ކަމަކަށް ފަރުވާކުރަން. ނަމަވެސް، ސަގާފީ ބޭސްވެރިކަން ކުރާ ފަރާތްތަކުން ބަލިތަކާމެދު ވިސްނަނީ، އޭގެ ފަރުވާއަކީ މުޅި މީހާއަށް ދޭ ފަރުވާއެއްގެ ގޮތުގައި،" އެ ލިޔުމުގައިވެއެވެ. ހިޖާމާ ޖެހުމަކީ ފަރުވާއެއްކަމަށް އިސްލާމްދީނުގެ މަސްދަރުތަކުން ވެސް ސާބިތުވާން އޮވެއެވެ. އެގޮތުން، ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ އެކި ހަދީޘް ބަސްފުޅުތަކުގައި ވެސް ބޭހަކުން ފަރުވާއެއް ލިބޭނަމަ އެއް ކަމަކީ ހިޖާމާ ޖެހުން ކަމުގައި ބަޔާންކުރައްވައިފައިވެއެވެ. އެގޮތުން ސަހީހް އަލް ބުޚާރީ 5680 ގައިވެއެވެ: حَدَّثَنِي الْحُسَيْنُ، حَدَّثَنَا أَحْمَدُ بْنُ مَنِيعٍ، حَدَّثَنَا مَرْوَانُ بْنُ شُجَاعٍ، حَدَّثَنَا سَالِمٌ الأَفْطَسُ، عَنْ سَعِيدِ بْنِ جُبَيْرٍ، عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ " الشِّفَاءُ فِي ثَلاَثَةٍ شَرْبَةِ عَسَلٍ، وَشَرْطَةِ مِحْجَمٍ، وَكَيَّةِ نَارٍ، وَأَنْهَى أُمَّتِي عَنِ الْكَىِّ ". رَفَعَ الْحَدِيثَ وَرَوَاهُ الْقُمِّيُّ عَنْ لَيْثٍ عَنْ مُجَاهِدٍ عَنِ ابْنِ عَبَّاسٍ عَنِ النَّبِيِّ صلى الله عليه وسلم فِي الْعَسَلِ وَالْحَجْمِ. މާނައީ: އިބްނު ޢައްބާސް (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެފައިވެއެވެ: ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘް ކުރެއްވިއެވެ: "ޝިފާ ވަނީ ތިން ކަމެއްގައެވެ: މާމުއި ފޮދެއް ބުއިމެވެ، ލޭ ނެގުން (ހިޖާމާ ކުރުން)، އަދި އަލިފާނުން ދިއްސާ ކުރުމެވެ. އެހެނަސް ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް އަލިފާނުން ދިއްސާ ކުރުން މަނާ ކުރައްވަމެވެ،" މި ނޫން ވެސް ގިނަ ހަދީޘް ބަސްފުޅުތަކުގައި ހިޖާމާގެ ވާހަކަ އައިސްފައިވެއެވެ. އެހެންކަމުން މިއީ ސީދާ ނެތް ފަރުވާއެއްކަމަށް ނުވަތަ ގޯސް ކަމެކޭ ބުނެވޭކަށް ނެތެވެ. ހިޖާމާ ޖެހުން -- ހިޖާމާތަ ނޫނީ މެޑިކަލް ފަރުވާތަ؟ އާންމު ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. އުސާމާ އަލީ އުމަރު ވިދާޅުވާ ގޮތުގައި ހިޖާމާ ޖެހުމުގެ ފަރުވާއާ މެދު މުސްލިމުންގެ ހައިސިއްޔަތުން އެއީ ފަރުވާއެއް ނޫންކަމަށް ސީދާ ބުނެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި، ހިޖާމާގެ ފަރުވާގެ ސައިންސާއި، މެޑިކަލް ފަރުވާގެ ސައިންސަކީ ތަފާތު ދެ ކަމެއް ކަމަށާއި، އެހެންވެ އެއް ކަމަކުން އަނެއް ކަމެއް ދޮގުކުރަން ނުވަތަ ނަފީކުރަން ވެސް ބޭނުންކުރެވިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. "މިސާލަކަށް ހިޖާމާއެއް ކުރުމާއެކީގައި ބޭސް ނުކާށޭ ނުބުނެވޭނެ. ނޫނީ ކަސްރަތު ނުކުރާށެކޭ ނުބުނެވޭނެ. ޑޮކްޓަރަކަށް ނުބުނެވޭނެ ހިޖާމާ ނުކުރާށެކޭ. އެއް ސައިންސް އަނެއް ސައިންސަކާ ކޮންޓްރެޑިކްޓް ނުކުރެވޭނެ،" ޑރ. އުސާމާ ވިދާޅުވިއެވެ. އުސާމާ ވިދާޅުވީ ހިޖާމާ ޖެހުމަކީ ވެސް ޕްރޮފެޝަނަލް ޕްރެކްޓިސްއެއް ކަމަށެވެ. ނަމަވެސް، އަދި އެ ފަރުވާއަކީ ކިހިނެއްވާ ކަމެއްކަން ސައިންސްގެ އަލީގައި ފުންކޮށް ބުނެދެވިފައިވާ މާ ގިނަ ގޮތްތަކެއް ނެތް ކަމަށް ވިދާޅުވިއެވެ. މިސާލަކަށް، މެޑިކަލް ބޭހެއް ބޭނުންކުރުމުން އަންނާނެ ސައިޑް އެފެކްޓުތަކާއި އެ ނޫން ކަންކަން ތަފުސީލުކޮށް އެނގެން ހުރި ނަމަވެސް އެފަދަ ތަފުސީލުތައް ހިޖާމާއިން އެނގެން ނެތުމަކީ މީހުންނަށް ގަބޫލުކުރަން ދަތިވާ ކަމެއް ކަމަށް ޑރ. އުސާމާ ވިދާޅުވިއެވެ. ޑރ. އުސާމާ އަލީ އުމަރު -- ސަން ފޮޓޯ ވަކި ކަމަކުން ވަކި ނަތީޖާއެއް ނެރެވޭނޭ ބުނެވޭނެތަ؟ ޑރ. އުސާމާ ވިދާޅުވި ގޮތުގައި ކޮންމެ އިންސާނެއްގެ ހަށިގަނޑަކީ ވެސް ތަފާތު ގޮތަކަށް އުފެދި، މަސައްކަތްކުރާ އެއްޗެކެވެ. އެހެންކަމުން އެންމެންނަށް ކުރެވޭ ތަޖުރިބާ ވެސް އެއްގޮތް ނުވާނެ ކަމަށާއި ކޮންމެ މީހަކަށް ވެސް ސިއްހީ ލަފައެއް ދިނުމުގެ ކުރިން އެ މީހެއްގެ މައުލޫމާތު ބަލައި ފުންކޮށް ވިސްނަން ޖެހޭނެ ކަމަށެވެ. އެގޮތުން ބަރުދަން ލުއިކުރަން ބޭނުންވާ މީހަކަށް ޑޮކްޓަރަކު ވިޔަސް ހިޖާމާ ޖަހާ މީހަކު ވެސް، ނޫނީ ޖިމް އިންސްޓްރަކްޓަރެއް ވިޔަސް މީހަކަށް ލަފައެއް ދޭނަމަ އެ ކަމެއް ވާންވާނީ ސައިންސްގެ އަލީގައި ދޭ، އެ މީހަކަށް ޚާއްސަ ލަފައަކަށްކަމަށް އޭނާ ވިދާޅުވިއެވެ. ޖެނެރަލް އެޑްވައިސް ނުވަތަ އާންމު ލަފާގެ ގޮތުގައި ކިޔައިދެވޭނެ ކަންކަން ވެސް ހުންނަ ކަމަށާއި، އެފަދަ ކަންކަމަކީ ގޯސް ކަމެއްކަން ނުވަތަ ރަނގަޅު ކަމެއްކަން ސާބިތުވާން ހުރި ކަންކަން ކަމަށް ޑރ. އުސާމާ ވިދާޅުވިއެވެ. މިސާލަކަށް ސިނގިރޭޓު ނުބޯން، ނުވަތަ ދުޅަހެޔޮކޮށް ހުރުމަށް ހަރަކާތްތެރިވާ މިންވަރު އިތުރުކުރަން ބުނުން ފަދަ ކަންކަމަކީ އެ ކަންކަމުގެ ސީދާ ފައިދާ ނުވަތަ ގެއްލުން އެނގެންހުރި ކަންކަން ކަމަށް ވިދާޅުވިއެވެ. "އެންމެ މުހިންމު ކަމަކަށް، ހަށިގަނޑަށް ވެސް ބެލެންސްޑް ޑައިޓެއް ބޭނުންވާނެ. ބެލެންސްގެ މާނައަކީ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ވެސް. އެކަމަކު އަހަރެމެން މި ބަލަނީ އެއްޗެއްގެ ރަހަ މުހިންމޭ އޭގެ ފައިދާއަށްވުރެ،" ޑރ. އުސާމާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީހުންގެ ދިރިއުޅުމުގެ އާދަތަކާއި ވައްޓަފާޅިއަކީ ވެސް ކޮންމެ ބައްޔަކަށް ފަރުވާއެއް ދިނުމުގައި ވެސް ބަލަންޖެހޭ ކަންކަން ކަމަށެވެ. "އެހެންވީމާ ޖެނެރަލައިޒޭޝަން ރަނގަޅުވާނީ ކާން ނުޖެހޭ އެއްޗެހި ނޫނީ ބޭނުން ނުކުރާ އެއްޗެހި ބުނީމާ. އެކަމު ކާން ޖެހޭ އެއްޗެހި އެކި މީހުން އެކި ގޮތަށް ތަފާތު ވާނެ. އަދި އެކި ހަށިގަނޑުގައި އެކި މެޓަބޮލިޒަމް ރޭޓު ހުންނާނެ. އެއަށް ވަރަށް ބޮޑަށް ބަލަން ވާނެ ލަފާ ދޭ ބަޔަކު،" އޭނާ ވިދާޅުވިއެވެ. ޖެނުއަރީ 18، 2021: މާލޭ އެކުވެނީ ދުވާ ޓްރެކް: -- ސަންފޮޓޯ/ ފަޔާޒު މޫސާ ހޯދައި، ގަބޫލުކުރަންވީ ކާކު ދޭ މައުލޫމާތެއް؟ މިއަދު ކޮންމެ ކަމެއް ވެސް އެހާ ފަސޭހައެވެ. ސިއްހީ ކަންކަމާ ގުޅޭ ގޮތުން ވެސް، ބޭނުން ކަމެއްގެ މައުލޫމާތު އިންޓަނެޓުން، ނުވަތަ އޭއައި ޗެޓްބޮޓުތަކުން އެބަދެއެވެ. ޓިކްޓޮކް އެކި ވީޑިއޯތައް ވެސް ހުރެއެވެ. އެކި ނަންނަމުގައި އެކި ޕޭޖުތައް ހުރެއެވެ. އެކަމަކު ޑރ. އުސާމާ ވިދާޅުވި ގޮތުގައި ކޮންމެ ކަމަކަށް ވެސް މެޑިކަލް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވަރަށް މުހިންމު ކަމަކެވެ. ސަބަބަކީ އޮންލައިންކޮށް ލިބެން ހުންނަ މައުލޫމާތަކީ ގިނަ ބަޔަކު އަޅާފައި ހުންނަ މައުލޫމާތުގެ މައްޗަށް ނަތީޖާ ނެރެދޭ އެއްޗަކަށްވުން ކަމަށް އޭނާ ވިދާޅުވިއެވެ. "މިސާލަކަށް ގިނަ ބަޔަކު މި ބުނަނީ ހަކުރަކީ ރަނގަޅު އެއްޗެއް ނޫނޭ. އެހެންވީމާ އެ ހިސާބުން އަންނަނީ ހަކުރަކީ ރަނގަޅު އެއްޗެއް ނޫނޭ ޖެނެރަލްކޮށް، ނޫނީ އިންފޮމޭޝަން އިންޕުޓް ވާ ވަރަށް ޖެނެރަލައިޒް ވާނީ،" ޑރ. އުސާމާ ވިދާޅުވީ، އެވިޑެންސް ބޭސްޑް ވާހަކަތަކަށް އިތުބާރުކުރުން މުހިންމު ކަމަށެވެ. އެއީ ގިނަ ޓެސްޓުތަކެއް ހަދައިގެން އަންނަ ނަތީޖާތަކުގެ މައްޗަށް ލިބޭ މައުލޫމާތު ކަމަށް ވިދާޅުވިއެވެ. ރީތި ހަށިގަނޑެއް، ހަމަ ކޮންމެ މީހަކު ވެސް ބޭނުންވާނެއެވެ. ނަމަވެސް، އެ މީހެއްގެ ހަށިގަނޑު އުފެދިފައި ހުންނަ ގޮތަށް ބަލައި، ކޮންމެ ކަމެއް ކުރުމުގައި ވެސް ގެންނަން ޖެހޭ ބަދަލުތަކެއް ހުރެއެވެ. ހަމައެކަނި ހިޖާމާއަކީ އެކަމަށް އޮތް ހައްލޭ ވެސް ނުބުނެވޭނެއެވެ. އަދި، އެއީ ސިއްހީ ފަރުވާއަށް ގޮންޖެހޭނެ ކަމެއް ވެސް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ