އީޔޫއާ ޔޫކޭ އިން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ބްލެކްލިސްޓް ކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ސަރުކާރުން ދޮގު ކޮށްފި އެވެ.
ނޫހަކުން ވަނީ އީޔޫއާ ޔޫކޭ އިން މިފްކޯ ބްލެކްލިސްޓް ކުރި ކަމަށް ބުނެ ހަބަރެއް ފަތުރާފަ އެވެ.
އެ ހަބަރާއި ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ އެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ވިދާޅުވީ އީޔޫ އާއި ޔޫކޭއިން ވެސް ދިވެހި މަސްކުންފުނި މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓު ކޮށްފައި ނުވާ ކަމަށެވެ.
އަދި ވިދާޅުވީ އޭނާއަށް އެނގިވަޑައިގެން އަންނަ ހަފްތާގައި ވެސް ޔޫކޭގެ މޭޖާ ބަޔަރެއް މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަކަށް ރާއްޖެ އެބަ އަންނަ ކަމަށެވެ.
ޝިޔާމް ވަނީ މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު ކަމަށާއި އެއީ އެތައް އާއިލާއެއް ދިރިއުޅުން ބަރޯސާ ކުރަނީ މަސްވެރިކަމަށް ކަމުގައި ފާހަގަ ކުރައްވާ މިފަދަ ސިނާއަތެއްގައި މަސައްކަތްކުރާ އާއިލާތަކަށް އަދި މުޅި ގައުމަށް ނިކަމެތިކަން އަންނާނެފަދަ ގޮތްގޮތަށް މައުލޫމާތު ފެތުރުމަކީ ވަރަށް ޒިންމާދާރުކަންކުޑަ އަމަލެއް ކަމަށް ވިދާޅުވެފަ އެވެ.
އީޔޫއާ ޔޫކޭ އިން މިފްކޯ ބްލެކްލިސްޓް ކުރި ކަމަށް ބުނެ ހަބަރު ފެތުރީ ކޮން މަސްދަރަކާ ހަވާލާދީ ކަމެއްވެސް އެ ވާހަކަތައް ފެތުރި ނޫހަކުން ނުބުނެ އެވެ. މާ ބޮޑު ތަފްސީލެއް ވެސް ނެތެވެ.
އީޔޫ އިން މިފްކޯ ބްލެކްލިސްޓް ކުރި ވާހަކަ ސަރުކާރުން ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ