ޑޮލަރުގެ ދަތިކަން ބޮޑުވުމުގެ ނޭދެވޭ އަސަރު ވިޔަފާރިތަކަށް ފޯރައި، މިއަހަރުގެ ފެށިއިރާ އަޅާބަލާއިރު މިހާރު އަމިއްލަ ވިޔަފާރިތަކުގެ ވިކުރާ 40 - 50 ޕަސެންޓު ދަށްވެފައިވާ ކަމަށް އިދިކޮޅު އެމްޑީޕީއިން ބުނެފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ މި ދައުރުގެ މަސައްކަތްތަކާ ގުޅޭގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވީ ޑޮލަރުގެ ދަތިކަމާއި ތަކެތީގެ އަގު އުފުލުމުގެ މައްސަލަ ފެށިގެން އަންނަނީ މި ސަރުކާރު ފެށި ހިސާބުން ކަމަށެވެ.
ބުނީ ކީކޭ؟ - އަމީންގެ ވާހަކައިގައި ޑޮލަރުގެ އަގަށް އައި ބަދަލާ އެކު އަމިއްލަ ވިޔަފާރިތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކަށް ވަނީ އަލިއަޅުވާލައްވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
މިއަހަރު ފެށުނު ދުވަސްވަރާ މިހާރާ އަޅާބަލާއިރު ސުޕަމާކެޓުތަކާއި ވަކިން ހާއްސަކޮށް ކަންމަތީ ފިހާރަތަކުގެ ވިކުރާ 40-50 ޕަސެންޓު ވަނީ ދަށްވެފައި
ކުރިން ދުވާލަކު 37،000ރ. ލިބުނު ސުޕަމާކެޓަކަށް އިއްޔެ، ރޭ ފިހާރަ ބަންދުކުރުމާ ހަމައަށް ލިބުނީ 19،000ރ.
ކުރިން ހަފްތާއަކު 20،000ރ. ލިބުނު ކަންމަތީ ފިހާރައަކަށް މިހާރު ލިބެނީ 12،000ރ.
ކަންމަތީ ފިހާރަތަކުގެ އެވަރޭޖް ސޭލްސް 10،000ރ.އަށް މި މަހު ނާރާ
"މިހެން މިވަނީ ތަކެތީގެ އަގު ބޮޑުވެ އާމްދަނީ ނޫނީ މުސާރައަށް އެއްވެސް ހެޔޮ ބަދަލެއް މި ސަރުކާރަށް ނުގެނެވުނީމަ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފިޔަވަޅުތައް ނާޅައި، ސަރުކާރުން ރައްޔިތުންގެ ޓެކްސް ފައިސާ 'ލޫޓުވައި' ސިޔާސީ ބޭނުންތަކާއި ސިޔާސީ ވަޒީފާ އަދި މަގާމުތަކާއި އެކި ހަފްލާތަކަށް ބޭނުންކުރަމުންދާ ކަމަށެވެ.
"ދިވެހި ރައްޔިތުން މި މަންޒަރު ބަލަން، ހެޔޮ ވަރިހަމަ ކޮށްލައިގެން ތިބެއްޖެނަމަ އަޅުގަނޑުމެން ވެއްޓޭނީ ވަރަށް ގޯސް ފައްތަރަކަށް."
ތަފްސީލު - ބާޒާރުގައި ތަކެތީގެ އަގު މިހާރު އުފުލެމުންދާ ދިއުމާ މެދު ވެސް އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އޭގެ ތެރޭގައި ޒަރޫރީ ތަކެތީގެ ތެރޭގައި ނުހިމެނުނަސް، އާންމުކޮށް ގޭބިސީތަކުގައި ބޭނުންކުރާ ތަކެތި ވެސް ހިމެނެ އެވެ.
އަމީން ވިދާޅުވި ގޮތުގައި ތަކެތީގެ އަގު އުފުލުމަކީ "މި ވެރިކަން ފެށުނުއިރު 16ރ. ބަޔަށް ހުރި ޑޮލަރު މިއަދު މި ބޭފުޅުންނަށް މެނޭޖުކުރާނެ ގޮތެއް ނޭނގިގެން 20ރ.އަށް އަރައިގެންދިޔައިމަ އޭގެ ނަތީޖާ" ކަމަށެވެ.
"ޒަރޫރީ އެއްޗެހި ނޫން ކަމުގައި ވިޔަސް، މި އެއްޗެހި ބޭނުންނުކޮށް އަޅުގަނޑުމެންގެ ދަރިންނާއި އަޅުގަނޑުމެންގެ ކަންކަން މިއަދަކު ނެތް ފުރިހަމަ ކުރެވޭކަށް. ސުފުރާމަތި ފުރިހަމައެއް ނުވޭ،" އާފަލަކާއި ކުކުޅު ބިހަކާއި ގެރިކިރު ދަޅެއް ދައްކާލަމުން މެމްބަރު ވިދާޅުވި އެވެ.
"އެހެން ނަމަވެސް މިއީ ރާއްޖޭގައި އުފައްދާ އެއްޗެއްސެއް ނޫން. އަޅުގަނޑުމެން ބަރޯސާ ވާން މި ޖެހެނީ ޑޮލަރަށް. ޑޮލަރުގެ އަގު ތިރިކުރާނެ ގޮތެއް މި ބޭފުޅުންނަށް ނޭނގުނީމަ އޭގެ އަސަރު މި ކުރަނީ އާންމު ދިވެހި ރައްޔިތު މީހާގެ ޖީބަށް."
މިފަދަ ތަކެތީގެ އަގަށް އަންނަ ބަދަލުތަކަކީ، އޭނާ ވިދާޅުވި ގޮތުގައި 'ގަނޑުވަރުގައި' އުޅުއްވާ ބޭފުޅުންނަށް އިހުސާސު ވާނެ ކަންކަމެއް ނޫނެވެ.
"މި އެއްޗެހި ގަނޑުވަރުގައި ބޭނުންކުރާނީ އަޅުގަނޑުމެންގެ ޓެކްސް ފައިސާއިން. އަޅުގަނޑުމެން ކުރާ މަސައްކަތުން އެއިން ސަރުކާރަށް ނަގާ ޕަސެންޓު މި ބޭނުންކުރަނީ ގަނޑުވަރުގައި އުޅުއްވާ ބޭފުޅުން."
ޑޮލަރު އަގުބޮޑުވެ، ވިޔަފާރިތަކުގެ ވިކުރާ %40 ދަށްވެއްޖެ: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ