ސިންގަޕޫރުގައި ބޭއްވި ދިވެހިރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި މި ފޯރަމް ގައި ސޮއިކުރި އެއް އެއްބަސްވުމަކީ ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމެކެވެ. މިއީ ދިވެހި ސަރުކާރާއި ހެންލީ އެންޑް ޕާޓްނާސް އާއި ދެމެދު ވެވުނު އެއްބަސްވުމެކެވެ. މި ޕްރޮގްރާމަކީ އިންވެސްޓް ކުރުމުން ރާއްޖޭގައި ވަޒަންވެރިވުމަށް ފުރުސަތު ލިބޭ ޕްރޮގްރާމެކެވެ.
ހެންލީ އެންޑް ޕާޓްނާސް އަކީ މިފަދަ ކަންކަމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފާމެކެވެ. މި އެއްބަސްވުމުގެ ސަބަބުން ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ފުރުސަތުތައް ހުޅުވި، ދިރިއުޅެން އަދި އިންވެސްޓްކުރަން އެންމެ ރަނގަޅު ރަށްތަކުގެ އިގްތިސާދެއްގެ ގޮތުގައި ދިވެހިރާއްޖެ ފާހަގަކުރެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މީގެ އިތުރުން، ދިވެހި ސަރުކާރާއި އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު، ޕްރޮޖެކްޓް ސޯލާ ސިޓީ އިންވެސްޓްމަންޓާގުޅޭ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.
ސިންގަޕޫރުގައި ބޭއްވި ދިވެހިރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމް -- ފޮޓޯ: ރައީސް އޮފީސް
މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގާއިމުކުރެވޭ އެންމެ ބޮޑު ފްލޯޓިން ސޯލާ ޕަވަާ ޕްރޮޖެކްޓްގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި ރާއްޖޭގެ މޫސުމާގުޅޭ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން 2028 ވަނަ އަހަރާއި ހަމައަށް ދިވެހިރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ނިސްބަތުގެ 30 އިންސައްތަ އިއާދަކުރަނިވި ހަކަތަޔަށް ބަދަލުކުރުމުގެ މަސައްކަތަށް ވެސް މި މަޝްރޫއުން ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
މި ފޯރަމަކީ ދިވެހިރާއްޖެ އާއި ސިންގަޕޫރާއި ދެމެދު އިގުތިސާދީ ގުޅުން އިތުރަށް ބަދަހިކުރަން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެ އެވެ. އަދި މި ފޯރަމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިގުތިސާދީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރުން ގެންގުޅޭ ފަހި ސިޔާސަތު ދައްކުވައިދޭ ނަމޫނާއެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ސިންގަޕޫރުގައި ބޭއްވި ދިވެހިރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމް -- ފޮޓޯ: ރައީސް އޮފީސް
މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ވިޔަފާރީގެ ގުޅުމުގެ ތެރެއިން ހާސިލުކުރެވުނު ކުރިއެރުންތަކުން ފާހަގަކޮށްލެވޭ އެހީތެރިކަމެއް ވެދެއްވާފައިވާ ދިވެހިންނަށާއި ސިންގަޕޫރުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް އިނާމު ދެއްވާފަ އެވެ.
ސިންގަޕޫރުގައި ބޭއްވި ދިވެހިރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމް -- ފޮޓޯ: ރައީސް އޮފީސް
2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ދަރަޖައަށް ރާއްޖެ ގެންދިއުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ރޭވިފައިވާ ކަންކަމުގެތެރޭގައި ހިމެނޭ، ސާފު ހަކަތައާއި މަތީ ފަންތީގެ ފަތުރުވެރިކަމާއި އުމްރާނީ ތަރައްގީ އަދި ޑިޖިޓަލް އިގްތިސާދުގެ ދާއިރާތަކުން ހުރި މުހިންމު އިންވެސްޓްމަންޓް ފުރުސަތުތައް، މި ފޯރަމްގައި އާންމުކޮށްފައިވެ އެވެ.
މި ފޯރަމްގެ ތެރެއިން ދިވެހި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ތަޖުރިބާ ދަތުރުތަކާއި، ތަމްރީނު ޕްރޮގްރާމްތަކާއި އަދި ކޮންސަލްޓެންސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އާއި ސިންގަޕޯރ ކޯޕަރޭޝަން އެންޓަރޕްރައިޒް އާ ދެމެދު އެއްބަސްވުމެއް ގައި ވަނީ ސޮއިކޮށްފަ އެވެ.
ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމް؛ އިންވެސްޓްކުރުމުން ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ލިބޭ ޕްރޮގްރާމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ