ރައްޔިތުން މަގާމު ހަވާލު ކުރަނީ ބޭރުގައި އަރާމު ކުރާކަށް ނޫން: އަދީބު

ރައްޔިތުން ސިޔާސީ ފަރާތްތައް އިންތިހާބު ކުރަނީ ދައުލަތުގެ ފައިސާ އިން ބޭރުގައި އަރާމު ކުރުމަށް ނޫން ކަމަށް ޓްއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ޕްރޮޓޮކޯލްތަކުން ބޭރުން ލަންޑަންގައި ހުންނެވި މައްސަލައިގައި ރޭ އަދީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުން ސިޔާސީ ފަރާތްތައް އިންތިހާބު ކުރަނީ ވަރުބަލި ކަމެއް އަދި އަރާމު ކުރުމެއް ނެތި އެ މީހުންނަށް ހިދުމަތް ކޮށްދިނުމަށް ކަމަށެވެ. އަދި ސިޔާސީ ފަރާތްތަކަކީ ދައުލަތުގެ ފައިސާއިން ބޭރުގައި އަރާމު ކުރާ ބަޔަކަށް ވެގެން ނުވާނެ ކަަމަށް ވެސް އަދީބު ވިދާޅުވި އެވެ.
"ކުށްވެރިން ވާ މީހާ ފިލަނީ ފޮރުވަން ޖެހޭ ގިނަ ކަންތައްތަކެއް ހުރީމައި،" ހިކުމަތްތެރި މީހެއްގެ ބަސްކޮޅެއް އަދީބުގެ ޓްވީޓްގައި ހިއްސާ ކުރެއްވި އެވެ.
ނައިބު ރައީސް ލަންޑަންގައި ހުންނަވާ އިންޑިއާގެ ނޫހެއް ކަމަށްވާ، ނިއު އިންޑިއަން އެކްސްޕްރެސްއަށް ވިދާޅުވެފައި ވަނީ އެމަނިކުފާނު މަގާމުން ދުރުކުރުމުގެ މަސައްކަތަކީ، ނައިބު ރައީސް އަހުމަދު އަދީބު އެ މަގާމަށް ގެންނަން ޕީޕީއެމްގެ ޕީޖީ ގްރޫޕުން ހިންގަން އުޅޭ، ދުަސްތޫރީ ބަޣާވާތެއް ކަމަށެވެ. އަދި އެކަން ހުއްޓުވުމުގައި އިންޑިއާ ފަދަ އެކުވެރި ގައުމުތަކުގެ އެހީތެރިކަމަށް ނައިބު ރައީސް އާދޭހާ އެކު އެދިވަޑައިގެންފައިވެ އެވެ.
އެހެން ނަމަވެސް އެކަމަށް ރައްދު ދެއްވަމުން އަދީބު އިއްޔެ ވިދާޅުވެފައި ވަނީ، ނައިބު ރައީސް ބޭރަށް ވަޑައިގެން ހުންނެވި، ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބުވުމުން އަދިވެސް އެކަން ކާމިޔާބު ވޭތޯ މަސައްކަތް ކުރެއްވުމަށް ކަމަށެވެ. އަދި ނައިބު ރައީސްގެ މައްސަލައެއް ނެތް ނަމަ، މި ގައުމުގައި ހުންނަވައި ކުށެއް ނެތް ކަން ސާބިތު ކޮށްދިނުމަށް އަދީބު އޭނާއަށް ގޮވާލެއްވި އެވެ. އަދި ބޭރުގެ ނުފޫޒުތަކެއްގެ ތެރޭގައި ނައިބު ރައީސް ފިތިފައި ހުންނެވި ކަމަށް ވެސް އަދީބު ސިފަ ކުރައްވާފައިވެ އެވެ. އަދި ބޭރުގެ ނުފޫޒުތައް ރާއްޖެއަށް ވައްދަން އުޅުމަކީ ނައިބު ރައީސް ގައުމަށް ވާ ހިޔާނާތެއް ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ