ސާޖިދާ އެދުނު ގޮތަށް އާންމުކޮށް މައާފަށް އެދެން އަމުރުކޮށް ނުދެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި ސާޖިދާ އެދުނު ގޮތަށް އާންމުކޮށް މައާފަށް އެދެން އަމުރުކޮށް ނުދެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި

އެމްޑީޕީގެ އެއްވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން، އުމައިރު މުހައްމަދު މުއިއްޒުގެ ވާހަކަ ދެއްކި ކަމަށް ބުނާ މައްސަލައިގައި އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަންގެ މައްޗަށް އާންމުކޮށް މައާފަށް އެދުމަށް އަމުރުކޮށް ނުދެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
މި މައްސަލައިގައި ސާޖިދާ ދައުވާ ކުރީ އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން އެ ޕާޓީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އަށެވެ. އެ މައްސަލައިގައި ސާޖިދާގެ ފަރާތުން ތިން ފަރުވާއެއް ހޯދަން އެދުނެވެ.
އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން އަދި ބައިނަލްއަގުވާމީ މުއާހަދާތަކުން އުމައިރު މުހައްމަދު މުއިއްޒުއަށް ކަށަވަރު ކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައިދިނުމަށާއި، އޭގެ ބަދަލު ހޯދުމުގެ ހައްގު ސާޖިދާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.
އޭގެ އިތުރުން، އެ ވާހަތަކުގެ ޒިންމާ އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒް އިސްމާއިލް ނަގަންޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށާއި އެ ވާހަކަތަކުގެ ސަބަބުން ނުކުމެފައިވާ ނަތީޖާއަށް އާންމުކޮށް މައާފަށް އެދުމަށް ފައްޔާޒް އިސްމާއިލްގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.
ސިވިލް ކޯޓުން ޣައިރު ހާޒިރުގައި ކުރި ހުކުމުގައި ބުނެފައިވަނީ އެ ވާހަކަތަކުގެ ޒިންމާ އެމްޑީޕީ އާއި ފައްޔާޒަށް މަތިކުރެވޭނެ ހަމައެއް ނެތް ކަމަށާއި އާންމުކޮށް މައާފަށް އެދެން އަމަރުކޮށްދެވެން ނެތް ކަމަށެވެ.
ނަމަވެސް، އެ ވާހަކަތަކުގެ ސަބަބުން އުމެއިރުގެ އަބުރު ރައްކާތެރިވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ސާޖިދާއަށް ލިބިގެންވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅުމުން މިއީ އެ ކޯޓަށް ނުބެލޭނެ މައްސަލައެއް ކަމަށް ބުނެ ކޯޓުގައި އެމްޑީޕީ އާއި ފައްޔާޒާއި މަންދީ ވެސް އިއުތިރާޒުކުރި އެވެ.ނަމަވެސް، ކޯޓުން ނިންމީ އެ މައްސަލަ ބެލޭނެ ކަމަށެވެ.
އޭރު އެމްޑީޕީ އާއި ފައްޔާޒު މި މައްސަލަ ނުބެލޭނެ ކަމަށް ބުނީ ދައުވާ ލިބުމުގެ ހައިސިއްޔަތު ނެތް ކަމަށް ބުނެ އެވެ. އަދި މި މައްސަލައިގައި އަބުރާ ބެހުމުގެ ގޮތުން އެމްޑީޕީ އާއި ފައްޔާޒު ކުރި ކަމެއް ދައުވާގައި ބަޔާންކޮށްފައި ނުވާ ކަމަށާއި އެހެންކަމުން މި ދައުވާ ކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ވަކީލުން ބުންޏެވެ.
މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ސާޖިދާ ދައުވާ ކުރީ އޭނާގެ ދަރިކަލުންނަށް ނިސްބަތްކޮށް އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެންނެވެ. އެކަމާ ގުޅިގެން މީގެ ކުރިން ސާޖިދާ ނެރުއްވި ނޫސްބަޔާނެއްގައި ބުނީ އުމެއިރު އަކީ ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލު އެއްވެސް އިރެއްގައި ކުރި ކުއްޖެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ