ދެމަފިރިންގެ ދިރިއުޅުމުގައި ދެމަފިރިންނަށް އަމިއްލަ ބާރު ނުފޯރުވޭ ކަންތައްތަކެއް ވެއެވެ. އެއީ ރިޒުޤް ލިބުމާއި ދަރިން ލިބުން ފަދަ ކަންކަމެވެ. ނަމަވެސް ދެމަފިރިން ގުޅިގެން މަސައްކަތްކޮށްފިނަމަ ޒަވާޖީ ޙަޔާތް އުފާވެރިކުރެވުމަށް އެއްވެސް ހުރަހެއް ނެތެވެ. އެކަމަށް ބޭނުންވާނީ ތެދުވެރިކަމާއިއެކު ޢަމަލުކުރުމެވެ. އެކަކު އަނެކަކަށް މަކަރުހަދައި އޮޅުވައި ނުލުމެވެ.
މިޒަމާނުގައި ކޮންމެ ދެމީހަކުވެސް ކައިވެނި ކުރަނީ ވަރަށް ގިނަ ކަންތައްތަކަކަށް އެއްބަސްވެގެންނެވެ. ވަރަށް ފޮނި އުންމީދުތަކަކާއިއެކުގައެވެ. އުންމީދުތަކެކޭ ބުނުމަށްވުރެ ބޮޑަށް ރަނގަޅުވާނީ ޔަޤީންކަމާއިއެކުގައި ކަމަށް ބުނިއްޔާއެވެ. އެހެނަސް މައްސަލައަކީ ދާދި އަވަހަށް ހުރިހާ ކަންކަން ބޮއްސުންލައިގެންދާކަމެވެ.
ކައިވެނި ބޮއްސުންލައިގެން ދިއުމުން ނުވަތަ ދިރިއުޅުން ބަނގުރޫޓުވުމުން ކަންބޮޑުވެއެވެ. ނަމަވެސް ބުނަން އޮތީ ކައިވެނި ފޭލްވުމުން ނުވަތަ ކަންކަން ބޮއްސުންލައިގެން ދިއުމުން ކަންބޮޑުވާފަދައިން ރަސޫލް (ﷺ) ދެއްވަވާފައިވާ އިރުޝާދުތަކަށް ކަންބޮޑުނުވާނަމަ ކައިވެނީގެ ޙަޔާތް ވެސް އަދި އަދި އަމިއްލަ ދިރިއުޅުންވެސް ކާމިޔާބެއް ނުކުރެވޭނެއެވެ.
ފުރަތަމަ ކަންބޮޑުވާންވީ ރަސޫލް (ﷺ) ގެ ޙަދީޘްފުޅުތަކަށެވެ. "މިވެނި މަގަކުން ހިނގައިފިނަމަ ވާނީ މިހެންކަމާ މިވެނި މަގަކުން ހިނގައިފިނަމަ ވާނީ މިހެންކަން" ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. ޙަޔާތުގެ ހުރިހާ ކަމެއްވެސް ގޯސްވެގެންދަނީ ﷲ ތަޢާލާއަށް ބިރުވެތި ނުވެވޭތީއެވެ. ތަޤްވާވެރި ނުވެވޭތީއެވެ. ތަޤްވާވެރިވެ، ބިރުވެތިވެވޭނަމަ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅުވަމުންނެވެ. އެކަމުގެ ފައިދާ ކުރަމުންނެވެ.
ކައިވެނީގެ ޚުޠުބާއަކީ ހަމައެކަނި ކައިވެނި ކުރަން އަޑުއަހައިލާ އެއްޗަކަށް ނުހަދާށެވެ! އެ ޚުޠުބާއަކީ ޙަޔާތުގެ އެންމެ މުހިންމު ބިންގާ ކަމުގައި ހަދާށެވެ. އެ ޚުޠުބާއަށް ސަމާލުކަން ދީފިނަމަ އެކައިވެންޏެއް ރޫޅެން ޖެހެންވީ އެއްވެސް ސަބަބެއް ނުއޮންނާނެއެވެ. ދެމަފިރިންގެ ޙަޔާތް ދާނީ ބާއްޖަވެރިވަމުންނެވެ. ދުވަހުން ދުވަހަށް ކުރިއަރަމުންނެވެ.
މިއަދުގެ ޢާންމުހާލަތަށް ބަލާއިރު އެންމެ ގިނައިން އަޑުއިވެމުންދާ އެއް ޝަކުވާއަކީ ރޭގަނޑުގެ ބޮޑު ބައެއް ފާއިތުވަންދެން ފިރިން ގެއަށް ނުވަދެ ބޭރުގައި އުޅޭ ވާހަކައެވެ. އަނބިން އެކުވެރިންނާއިއެކު ބާޒާރަށް ގޮސްފައި ދާން ނުޖެހޭ ތަންތަނަށް ގޮސް ވަޤުތު ބޭކާރުކުރުމުގެ މައްސަލަތަކެވެ. ބައިވެރިޔާ އިތުރު މީހުންނާއި ގުޅުން ބާއްވާ ވާހަކައެވެ. ފިރިންގެ ކިބައިން އިވޭ އަޑަކީ އަނބިން ނުކިޔަމަންތެރިވާ ވާހަކަ އާއި ހިލޭ ފިރިހެނުންނާއި ގުޅުން ބާއްވާ ވާހަކައެވެ.
ކައިވެނީގައި ކިޔައިދިން ޚުޠުބާ ކޮބައިހެއްޔެވެ؟ ރަސޫލް (ﷺ) ހައްޖަތުލްވަދާޢުގައި ދެއްވެވި ކުރު ޚުޠުބާގައި މީސްތަކުންނަށް ތަޤްވާވެރިވުމަށާއި ﷲ ތަޢާލާއަށް ބިރުވެތިވުމަށް ގޮވައިލެއްވެވި ވަރަށް ކައިވެނީގެ ޚުޠުބާތަކުގައި ވެސް އެކަމަށް ގޮވާލައި ނަޞޭޙަތްތެރިވެއެވެ. ބައެއް ޚުޠުބާތަކުގައި އެއަށްވުރެ ގިނައިންވެސް ގޮވައިލެވެއެވެ. ނަމަވެސް ހިތާމައަކީ ކައިވެނީގެ މަޖިލިސް ނިމިގެން ބޭރަށް ނުކުންނައިރު އެކަންކަން ހަނދާނުގައި ނުހުންނަ ކަމެވެ. އެގޮތަށް އެކަން ކުރާ ސަބަބަށް ވިސްނައި ބިރުވެތި ނުވެވޭ ކަމެވެ.
--މުފްތީ މެންކުގެ ދަރުސަކުން
ކައިވެނި ބާއްޖެވެރިކޮށް އުފާވެރިކަން ލިބެން އެދޭ މީހާ ކައިވެނީގެ ޚުޠޫބާއާއިމެދު ވިސްނާލުން މުހިންމު ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ