ސައުދީ އަރަބިއްޔާގެ މައްކާގެ ހަރަމްފުޅު ސަރަހައްދުގައި އިތުރު 900،000 މީހުންނަށް ނަމާދު ކުރެވޭނެ ސަރަހައްދުތަކެއް ގާއިމު ކުރުމުގެ މަޝްރޫއުއެއް އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިއްޔެ އިފުތިތާހު ކޮށްދެއްވައިފި އެވެ.
'ކިންގް ސަލްމާން ގޭޓް'ގެ ނަމުގައި ކުރިއަށް ގެންދާ އެ މަޝްރޫއަކީ 12 މިލިއަން އަކަމީޓަރު (4.6 އަކަމޭލު)ގެ ސަރަހައްދަކަށް ފެތުރިފައިވާ، ހިޔާކޮށްފައިވާ އަދި ހުޅުވިފައިވާ ތަންތަނުގައި ގާއިމު ކުރާ ނަމާދު ކުރާ ތަންތަން ކަމަށް، އެ މަޝްރޫއު ކުރިއަށް ގެންދާ އާރުއޭއޭ އަލްހަރަމް އަލްމައްކީ ކުންފުނިން ބުންޏެވެ. އަދި އެ މަޝްރޫއުގެ ސަބަބުން ނަމާދު ކުރުމަށް މީހުންނަށް އިތުރު ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެކަމަށް ހިނގާނެ ހަރަދެއް އަދި ނިމޭނެ ދުވަހެއް އެ ކުންފުންޏަކުން ނުބުނެ އެވެ.
ވިޝަން 2030ގެ ނަމުގައި ސައުދީން ގެންދަނީ ފަތުރުވެރިކަމާއި އިންފްރާސްޓްރަކްޗާ ފަދަ ދާއިރާތަކަށް އެތައް ބިލިއަން ޑޮލަރެއް އިންވެސްޓް ކުރަމުންނެވެ. ބޭނުމަކީ ތެލަށް ބަރޯސާވުން ކުޑަކޮށް އިގްތިސާދީ އިންގިލާބީ ބަދަލެއް ގެނައުމެވެ.
ކޮންމެ އަހަރެއްގެ ހައްޖު މޫސުމަކީ ސައުދީގެ އިގްތިސާދަށް ވަރަށް ބޮޑު ދިރުމެއް ގެންނަ ދުވަސްވަރެކެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 30 މިލިއަން މީހުން ހައްޖާއި އުމްރާގެ އަޅުކަމަށް ގެންދިއުމަކީ ސައުދީގެ އަމާޒެކެވެ.
2019 ވަނަ އަހަރު ސައުދީއަށް ހައްޖުގެ އަޅުކަމާއި އުމުރާގެ އަޅުކަމަށް ދިޔަ މީހުންގެ ފަރާތުން 12 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.
ސައުދީގެ މާކެޓް ރެގިއުލޭޓަރުން ވަނީ މައްކާ އާއި މަދީނާގައި ރިއަލް އެސްޓޭޓް ލިސްޓެޑް ކުންފުނިތަކަށް ބޭރުގެ އިންވެސްޓްމަންޓްތައް ކުރުމުގެ ހުއްދަ ދޭން ނިންމައިފަ އެވެ.
ހަރަމްފުޅު ސަރަހައްދުގައި އިތުރު 900،000 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ ބޮޑު ކުރުމުގެ މަޝްރޫއެއް އިފްތިތާހުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ