ގދ. ތިނަދޫ އިން ޖެންސެޓެއް އައްޑޫ ސިޓީއަށް ގެންދަނީ ގދ. ތިނަދޫ އިން ޖެންސެޓެއް އައްޑޫ ސިޓީއަށް ގެންދަނީ

ގދ. ތިނަދޫގައި އިންޖީނުގޭގައި ހުރި ޖެންސެޓެއް އައްޑޫ ސިޓީއަށް ގެންދިޔުމުގެ މަސައްކަތް ފަށައިފި އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫއަށް ފޮނުވުމުގެ މަސައްކަތް ފެށީ ތިނަދޫ އިންޖީނުގެއަށް އަލަށް ގެނައި ފަސް ޖެންސެޓްގެ ތެރޭގައި ހިމެނޭ ބޭނުން ނުކުރާ ދެ ޖެންސެޓްގެ ތެރެއިން ޖެންސެޓެކެވެ.
އެ ޖެންސެޓް އައްޑޫއަށް ގެންދިޔުމަށްޓަކައި އޭތި ބަހައްޓާފައި ހުރި ތަނުން މިހާރު ނަގާފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
މިކަމާ ގުޅިގެން ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު އަދަދު އަށް ވިދާޅުވީ އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން އެ ސިޓީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ ތިނަދޫގައި ބޭނުން ނުކޮށް ހުރި ޖެންސެޓެއް ކަމަށެވެ.
"ގދ ގައި ބޭނުން ނުކޮށް ހުރި ޖެންސެޓްގެ ތެރެއިން އެކަތި އައްޑޫއަށް ބަދަލުކުރަން އެބަ. އެއީ އައްޑޫގެ ކަރަންޓް މައްސަލައަށް ހައްލެެއް ގެންނަން،" އޭނާ ވިދާޅުވި އެވެ.
ރޯދަ މަސް ކައިރިވަމުން އަންނަ ދަނޑިވަޅެއްގައި ތިނަދޫގައި ހުރި ޖެންސެޓެއް އައްޑޫއަށް ގެންދަން އުޅޭތީ އެ ރަށުގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން ތިނަދޫއިން އަދަދު އާ ވާހަކަ ދެއްކި މީހަކު ބުނީ ޖެންސެޓް އައްޑޫއަށް ގެންދިޔުމުން ތިނަދޫގެ ޖެންސެޓަކަށް މައްސަލައެއް ދިމާވާ ހާލަތުގައި އެ ރަށަށް ގެއްލުން ލިބޭނެ ކަމަށެވެ. އެހެންކަމުން އެއް ރަށަށް ގެންނަ އެއްޗެއް އަނެއް ރަށަށް ބަދަލުކުރާތީ އޭނާ ކަންބޮޑުވުން ފާޅުކުރި އެވެ.
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ނުލިބި އުޅޭތާ އެތައް ދުވަހެއް ވަނީ ފާއިތުވެފަ އެވެ. އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކޮންމެ ދުވަހަކުހެން ކަރަންޓުގެ ހިދުމަތް މެދުކެނޑެ އެވެ. ބައެއް ދުވަސްތަކުގައި އެކި ސަރަހައްދުތަކުން ގަޑިއިރަކު އެއް ފަހަރުވެސް ކަރަންޓު ކަނޑާފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ