މިއަދު މޫސުން ދައްކަނީ އުތުރަށް ކަނޑުގަދަވާނެކަމަށް: މެޓް

މޫސުން ދައްކާގޮތުން ރާއްޖޭގެ އެންމެ އުތުރަށް މިއަދު ކަނޑުގަދަވާނޭކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، ރާއްޖޭގެ އެންމެ އުތުރަށް މޫސުން ގޯސްވާނޭކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައެވެ. އެލާޓް ނެރެފައިވަނީ ހެނދުނު 8 ކުން މެންދުރުފަހު 14:00 އަށެވެ. 
މެޓް އޮފީހުން ބުނީ ވައިޓް އެލާޓް ނެރެފައިވާ ގަޑިތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރުމިނެއްގައި ވައިޖެހޭނޭކަމަށެވެ. މީގެ އިތުރުން ވިލާގަނޑުގައި އިތުރަށް ވައިގަދަވާނޭކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ވަނީ އުތުރުގެ އަތޮޅުތަކަށް ކަނޑުގަދަވާނޭކަމަށް ބެލެވޭތީވެ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވެ، މޫސުމަށް ބަލައިގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފައެވެ.
ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ހެއިނަކަތުގެ އެންމެ ފަހު ދުވަސްކޮޅެވެ. މި ނަކަތަކީ މަޝްހޫރު ވައި އެނބުރޭ ނަކަތެވެ. ހެއި ނަކަތް ދެމިގެންދަނީ މިމަހުގެ ނިޔަލަށެވެ. ހެއިނަކަތަށްފަހު ދެން ފެށޭނީ "ވިހާ" ނަކަތެވެ. މި ނަކަތުގައި މޫސުން ރަނގަޅުވާން ފަށާއިރު، މަސްވވެރިކަންވެސް ރަނގަޅުވާނޭކަމަށް ބުނެއުޅެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ