ރިޔާސީ ވައުދާ އެއްގޮތަށް ހޯރަފުށީ ބިން ހިއްކަން ނުފެށޭތީ ރައޫފްގެ ކަންބޮޑުވުން!

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ހއ. ހޯރަފުށީ ބިން ހިއްކުން "ލަސްވަމުންދާތީ" ވެ އެކަމުގެ ކަންބޮޑުވުން އެ ރަށު ކައުންސިލަރު އަހުމަދު ރައޫފް ފާޅުކޮށްފި އެވެ. ނިމުނު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ހޯރަފުއްޓަށް ވަޑައިގެން މުއިއްޒު ވިދާޅުވީ އެހެން ރަށްރަށެކޭ އެއްގޮތަށް މި ރަށަށް (ހޯރަފުށި) ބޭނުންވާ ކަންކަން ވެސް އެބަހުރި ކަމަށެވެ. އެގޮތުން، ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުސަތުތައް އަދި ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ ގޮތްތައް ހަމަޖައްސަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ، "މި ރަށުގައި ބޭނުންވާ ކަންކަމާއި އެހެން ރަށްރަށުގެ މީހުންނަށް ވެސް ބޭނުންވާ ކަންތައްތައް އެބަހުރި. ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުސަތުތައް... ހައުސިން ޕްރޮޖެކްޓުތައް ހިންގުމަށް އެކަށީގެންވާ ބިމެއް ނެތް. ތަރައްގީއަށްޓަކައި ބިން ހިއްކައިދޭނަން. އެ ބިމުގައި ހައުސިން ޔުނިޓު އެޅުމާއި ގިނަ މަޝްރޫއުތައް ހިންގޭނެ." މުއިއްޒު ވިދާޅުވި އެވެ.މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ހޯރަފުށީ ބިން ހިއްކުން "ލަސްވަމުންދާތީ" ވެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައޫފް ޝޯޝަލް މީޑިއާގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ހޯރަފުށީގެ ބިންފުރި، ރަށުން ގޯތި ދޫ ނުކުރެވި، ކުދިކުދި އެތައް އާއިލާތަކެއް އެއް ގެއެއްގައި އުޅެން ޖެހުމުން ދިމާވާ އިޖްތިމާއީ އެތައް މައްސަލަތަކެއް އެބަހުރި ކަމަށެވެ.ހޯރަފުށީގެ ތަރައްގީއަށް ބޭނުންވާ ބިން ހިއްކުމާއި ހައުސިން ޔުނިޓް ގާއިމްކޮށްދެއްވުމާއި އެނޫންވެސް އެތައްކަމެއް ކޮށްދިނުމަށްޓަކައި ރައީސް ހޯރަފުށްޓައްކުރި ދަތުރުގައި އަޅުގަނޑުވާނީ އާދޭހާއެކު ދަންނަވާފަ" ރައީސް ލިޔުއްވާފައި ވެއެވެ. ރައޫފް އިތުރަށް ވިދާޅުވީ ރައީސް ހަދުމަފުޅުނެތިދާނެ ކަމަށް ލިޔުމުން ވެސް ވާނީ އެކަންކަން ދަންނަވާފަ ކަމަށާއި ނަމަވެސް މިއަދާ ހަަމައަށްވެސް މިއިން އެއްވެސް ކަމެއް ކުރެވިފައިނެތުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.  "އެހެންކަމުން ހާއްސަ އިސްކަމެއް ދެއްވައިގެން ހޯރަފުށީގައި ބިން ހިއްކުމާއި ހައުސިން މަޝްރޫޢު ކުރިޔަށް ގެންގޮސް ދެއްވުމަށް އެދި ރައީސް މުއިއްޒުގެ އަރިހުގައި ތަކުރާރުކޮށް ދަންނަވަން" ރައޫފް ވިދާޅުވި އެވެ.ކައުންސިލަރު ރައޫފްގެ ކަންބޮޑުވުން މިއަދު ވެސް ބަންޑުންކޮށްލެއްވިއިރު މީގެ ކުރިން ރައީސް ޑރ. މުއިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުގައި އެ އަތޮޅުގެ ބައެއް ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސްކަން ކަމަށް އެ ރަށުގެ ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ. އިދިކޮޅު އެމްޑީޕީގެ ފުލް މެޖޯރިޓީ އޮތް ހޯރަފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އެރަށުގެ ރައްޔިތުން އެންމެ އެދޭ ހިދުމަތްތަކާއި، އެންމެ ބޭނުންވާ ކަންކަން ފެށިގެން ދާނެކަމުގެ އުންމީދުގައި ތިބި ނަމަވެސް ރައީސް އެރަށް ވަޑައިގެން ދެއްކެވި ވާހަކައިގައި އެކަންކަން ފުރިހަމަ ގޮތެއްގައި ފާހަގަ ކުރައްވާފައި ނުވުމުން، ތަރައްގީގެ ރޭހުގައި ހއ. އަތޮޅުގެ ވާދަވެރި ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސް ކަމެއް ކަމެވެ.  ކޮންމެ އަކަސް މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު ހޯރަފުށީ ދާއިރާގެ އުމްރާނީ ތަރައްގީގެ ކުރިމަގާއިމެދު ޖަވާބު ބޭނުން ގިނަ ސުވާލުތަކެއް މިހާރު ވަނީ އުފެދިފަ އެވެ. ހާއްސަކޮށް "ހޯރަފުށީ ދާއިރާގައި އިގްތިޞާދީ ހަރަކާތްތައް ހުއްޓި، ވަޒީފާގެ ފުރުސަތު ބަންދުވެފައި..! އޮތުމުން ނެވެ. އަދި އެއް ވާހަކަ އެވެ.މުޅި ހޯރަފުށީ ދާއިރާގެ ރައްޔިތުން ހާއްސަކޮށް ޒުވާނުންގެ މިއަދުގެ ގޮވާލުމަކީ ސިޔާސީ ބޮޑުންގެ ގޭ ދޮށުގައި މުގޯލި އަޅަން ނުޖެހި "ވަޒީފާގެ ފުރުސަތު" ރަށުން ތަނަވަސް ކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ