ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަން ނިންމާފައިވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ގެނެވޭ ބޮޑު ޑްރެޖަރަކާއެކު އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރޭ މާލޭ ސިޓީގެ މައްޗަންގޮޅީގެ ރައްޔިތުންނާއެކު އަމީނިއްޔާ ސްކޫލްގައި ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ހުޅުމާލެއަށްވުރެ ތިންގުނަ ބޮޑު ސަރަޙައްދެއް ހިއްކާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްމާލޭ ހިއްކުން އަވަސްކުރުމަށްޓަކައި އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް ގެނެވޭ ބޮޑު ޑްރެޖަރަކީ، މިހާރު ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ޑްރެޖަރުތަކަށްވުރެ ބޮޑު ޑްރެޖަރެކެވެ. މި ޑްރެޖަރުގެ އެހީގައި ބިން ހިއްކުމުގެ މަސައްކަތް އިތުރަށް އަވަސްވެ، އަންނަ އޭޕްރީލް މަހަށް އެތަނުގެ މަަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިވަގުތުވެސް 3 ސަރަޙައްދަކުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަސްމާލެ ހިއްކާ ނިމޭއިރު އެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާ ނިމޭނެ ކަމަށާއި، އެކަމަށްޓަކައި އުސޫލުގެ ތެރެއިން މިހާރުވެސް މަސައްކަތްތައް ކުރެވެމުންދާކަން ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 25,000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު، ފުރަތަމަ ބުރުގައި 15,000 ގޯތި ދޫކުރުމަށް ވަނީ ޢިއުލާން ކުރެވިފައެވެ. ރަސްމާލޭގެ މާސްޓަރޕްލޭން ހެދުމުގެ މަސައްކަތް ބޭރުގެ ކޮންސަލްޓަންޓަކާ ހަވާލުކުރަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ކުރީ ސަރުކާރުން ގޯތި ދޫކޮށްފައިވާ ނުހިއްކާ ތަންތަން ހިއްކުމުގެ މަސައްކަތްވެސް މި ސަރުކާރުން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. މި މަސައްކަތްތައް އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް ގެނެސްފައިވާއިރު، ހުޅުމާލޭ ފޭސް ތިނެއް ހިއްކުން މާދަމާ (މިއަދު) ފަށައި، އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށާއި، އޭގެފަހުން ގިރާވަރު ފަޅު ހިއްކުން ދެ މަސް ތެރޭގައި ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ހުޅުމާލޭ ފޭސް 2 ގައި ތަރައްގީކުރަމުން އަންނަ ފްލެޓްތަކަށް، އާ ދިރާސީ އަހަރު ފެށޭއިރަށް މީހުންނަށް ވަދެވޭނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، ފްލެޓާއި ގޯތި ލިބުނު ފަރާތްތަކަށް ހަމައެގޮތަށް އެތަކެތި ލިބޭނެ ކަމަށްވެސް ރައީސް މުޢިއްޒު ވަނީ ޔަގީންކަން ދެއްވާފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ރަސްމާލެ ހިއްކަން ބޮޑު ޑްރެޖަރެއް ގެނެސް އަންނަ އޭޕްރީލްގައި ހިއްކައި ނިންމޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ