ބިޓްކޮއިން ގަންނަ ކުންފުނިތަކުގެ ޝެއާގެ އަގު ދަށަށް ދަނީ
ބިޓްކޮއިން އަދި އެހެނިހެން ކްރިޕްޓޯކަރަންސީތައް ގަނެ ރައްކާކުރާ ކުންފުނިތަކުގެ ޝެއާގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ. މިދަށްވުމާއި ގުޅިގެން އިންވެސްޓަރުންގެ ކަންބޮޑުވުން ތައް އިތުރުވަމުން ދިޔަނަމަވެސް މި އަހަރުގެ ބޮޑު ބައެއްގައި އިންވެސްޓަރުންގެ މެދުގައި އޮތީ ކްރިޕްޓޯއަށް އިތުބާރާ ޔަގީންކަމެކެވެ. ޑިޖިޓަލް އެސެޓް ޓްރެޜަރީ ކުންފުނިތަކުގެ ގޮތުގައި މަޝްހޫރުވެފައިވާ ކުންފުނިތަކުން، ޝެއާ ވިއްކައި ނުވަތަ ދަރަނި ނަގައިގެން ކްރިޕްޓޯ ގަނެ، އެމީހުންގެ ބެލެންސް ޝީޓްގައި ބަހައްޓައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ސެކްޓަރަށް ތާއީދުކުރައްވާތީ، އަދި މި އަހަރު ބިޓްކޮއިންގެ އަގު ރެކޯޑް މިންވަރަކަށް މަތިވެފައިވާތީ، އިންވެސްޓަރުން މި ކުންފުނިތަކުގެ ޝެއާ ގަނެފައިވެއެވެ. މިފަދަ ކުންފުނިތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ މައިކަލް ސޭލާގެ ސްޓްރެޓެޖީގެ ޝެއާގެ އަގު ވަނީ ޖުލައި މަހު 457 ޑޮލަރުގައި ހުރެފައި މި ހަފްތާގައި 328 ޑޮލަރަށް ދަށަށް ގޮސްފައެވެ. މިއީ އޭޕްރީލް މަހަށްފަހު އެންމެ ދަށް އަގެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް 13 ޕަސެންޓު އިތުރުވެފައިވެއެވެ. ޖަޕާނުގެ ބިޓްކޮއިން ޓްރެޜަރީ ކުންފުނި މެޓާޕްލެނެޓްގެ ޝެއާގެ އަގު މި ހަފްތާގައި ވަނީ މެއި މަހަށްފަހު އެންމެ ދަށް އަގަށް ވެއްޓިފައެވެ. ޖޫން މަހުގެ އެންމެ މަތީ އަގުން 60ޕަސެންޓު އަށްވުރެ ބޮޑަށް ދަށަށް ގޮސްފައިވީ ނަމަވެސް، މި އަހަރުގެ މިހާތަނަށް 105 ޕަސެންޓު އިތުރުވެފައިވެއެވެ. ކައިކޯގެ އެނަލިސްޓް އާދަމް މެކާތީ ވިދާޅުވީ، މިފަދަ ކުންފުނިތަކުގެ ޝެއާގެ އަގު ދަށަށް ދިއުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށެވެ. މިއީ މުޅި ކްރިޕްޓޯ މާކެޓަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ދިމާވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ