ޤަޞްދަކާ ނުލައި ކުށެއް ކުރެވުނަސް މާފަށް އެދެންޖެހޭނެކަމާ ޤަޞްދަކާ ނުލައި ފާފައެއް ކުރެވުނަސް ތައުބާވާންޖެހޭނެކަން ޤުރްއާނުން!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ތިމާ މީހަކަށް ދެރައެއް ދިނުމުގެ ޤަޞްދުނެތި ކުރެވޭ ކަމަކުން މީހަކަށް ދެރައެއް ލިބުނަސް އެކަމުގައި ތިމާގެ ކުށެއް ނެތް ކަމަށެވެ. އެކަން އޮތީ އެގޮތަކަށް ނޫނެވެ. އެޙާލަތުގައިވެސް ޢަމަލުކުރަންޖެހޭނެ ގޮތް ޤުރްއާނުން އެނގެން އެބައޮތެވެ.  
މޫސާގެފާނަށް މީހެއްގެ ގައިގައި ޖެއްސެވުނެވެ. އޭނާ މެރުއްވުމުގެ ޤަޞްދަކު ނޫނެވެ. ނަމަވެސް އެމީހާ ވަގުތުން މަރުވީއެވެ. އެހިނދު ވަގުތުން މޫސާގެފާނު ފާފަ ފުއްސަވައި ދެއްވެވުމަށް އެދިވަޑައިގެން ދުޢާ ކުރެއްވެވިއެވެ. އަދި އަމިއްލަ ނަފްސަށް އަނިޔާވެރިވެވަޑައިގެންނެވިއްޖެ ކަމަށް ވިދާޅުވިއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ވަގުތުން ތައުބާވެވަޑައި ނުގެންނެވި ނަމަ އެކަން އެނބުރި އަންނާނެތީއެވެ.  
"އަދި އެރަށުގެ އަހުލުވެރިން، ޣާފިލް ކަމުގައިތިބި ތަންވަޅެއްގައި އެކަލޭގެފާނު ރަށުތެރެއަށް ވެދެވަޑައިގަތެވެ. ދެން އެކަލޭގެފާނަށް ފެނިވަޑައިގަތީ، ތަޅާފޮޅާ ދެމީހެކެވެ. އެތަނުން އެކަކީ، އެކަލޭގެފާނުގެ ބައިގެ މީހެކެވެ. އަނެކަކީ އެކަލޭގެފާނުގެ ޢަދުއްވުންގެ ތެރެއިންވާ މީހެކެވެ. ފަހެ، އެކަލޭގެފާނުގެ ޢަދުއްވުންގެ ތެރެއިންވާ މީހާއާ ދެކޮޅަށް އެކަލޭގެފާނުގެ ބައިގެ މީހާއަށް ވާގިދެއްވުންއެދި އެކަލޭގެފާނަށް އޭނާ ގޮވައިލިއެވެ. އެހިނދު މޫސާގެފާނު އޭނާގެ ގައިގައި މުށްކަވާފައި ޖެއްސެވިއެވެ. ފަހެ (އެހިނދު) އޭނާގެ ކަންތައް ނިންމަވައިލެއްވިއެވެ. (އެބަހީ: އޭނާގެ ގައިގައި ޖެއްސެވުމުން، އޭނާ މަރުވީއެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. މިކަންތައްމިވީ ޝައިޠާނާގެ ޢަމަލުގެ ތެރެއިންނެވެ. ހަމަކަށަވަރުން، އެ ޝައިޠާނާއީ ބަޔާންވެގެންހުރި މަގުފުރައްދާ ޢަދާވާތްތެރިއެކެވެ." (އަލްޤަޞަޞް: 15)  
"އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ނަފްސަށް އަޅު އަނިޔާކޮށްފީމެވެ. ފަހެ، މިއަޅާއަށް އިބަރަސްކަލާނގެ ފާފަފުއްސަވާނދޭވެ! ދެން އެކަލާނގެ، އެކަލޭގެފާނަށް ފާފަފުއްސެވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." "އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ނިޢްމަތްދެއްވާފައިވާތީ، ފަހެ، ދުވަހަކުވެސް ކުށްވެރިންނަށް ވާގިވެރިވާ މީހެއްކަމުގައި މިއަޅާ ނުވާހުށީމެވެ." (އަލްޤަޞަޞް 16، 17) 
މިއާޔަތްތަކުން އެނިގެން މިދަނީ ޤަޞްދުގައި ނޫން ނަމަވެސް ފާފައެއް ކުރެވިއްޖެ ނަމަ ވަގުތުން ތައުބާވާން ޖެހޭނެ ކަމެވެ. ތައުބާވުން ލަސްކޮށްގެން ނުވާނެ ކަމެވެ. ހަމައެއާއިއެކު ތައުބާވުން އަވަސްވެގަންނަ މީހާގެ ތައުބާ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ކަމެވެ. " ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." އޮތުން އެއީ ތައުބާވުމަށް ލިބޭ އިތުރު ހިތްވަރަކަށް ހަދާށެވެ! 
ޤަޞްދުގައި ނޫން ގޮތަކަށް ނަމަވެސް ތިމާއަށް ކުރެވޭ ކަމަކުން ނުވަތަ އޮޅުމަކުން ކުރެވޭ ކަމަކުން ނަމަވެސް މީހަކަށް އެއްވެސް މިންވަރެއްގެ ގެއްލުމެއް، އަނިޔާއެއް ލިބިއްޖެނަމަ ތައުބާވުމަށް އަވަސްވެގަންނަން ޖެހޭނެއެވެ. އެއްވެސް މީހަކަށް ކިތަންމެ ކުޑަނަމަވެސް ގެއްލުމެއްދޭއިރު އެންމެ ބޮޑަށް ބިރުވެތިވާންޖެހޭނީ އެކަން އެނބުރި ތިމާއާއި ދިމާއަށް އައުމުން ތިމާއަށް ލިބޭނެ ގެއްލުމާއިމެދުގައެވެ. މީހަކަށް ކިތަންމެ ކުޑަ ނަމަވެސް ގެއްލުމެއް ދީފިނަމަ ނުވަތަ މީހަކަށް އެއްވެސް އަނިޔާއެއް ކޮށްފި ނަމަ އެކަން އެނބުރި އެމީހަކަށް އަންނާނެއެވެ. އެއީ ޔަޤީން ކަމެކެވެ.
 
- މުފްތީ މެންކުގެ ދަރުސަކުން
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ