ބަންގްލަދޭޝްގެ އެންމެ ބޮޑު އެއާޕޯޓްގައި ހިނގި އަލިފާނުގެ ހާދިސާގައި ބިލިޔަން ޑޮލަރުގެ ގެއްލުން
ދާކާ (19 އޮކްޓޯބަރު 2025): ބަންގްލަދޭޝްގެ އެންމެ ބޮޑު އެއާޕޯޓްކަމަށްވާ ހަޒްރަތު ޝާހް ޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެކަމަށާއި ނަމަވެސް ލިބުނު ގެއްލުން އިންތިހާއަށް ބޮޑުކަން އެގައުމުން ހާމަކޮށްފިއެވެ. ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަނާއި ޓޫރިޒަމާބެހޭ ވުޒާރާއިން ބުނީ އިއްޔެ ޝާހް ޖަލާލް އެއާޕޯޓްގެ ކާގޯ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށް ރޭ އެއާޕޯޓް އަލުން ޚިދުމަތަށް ގެނެވިފައިވާ ކަމަށެވެ. ނަމަވެސް އަލިފާނުގެ ސަބަބުން ލިބުނު ގެއްލުން ބިލިޔަނެއްހާ ޑޮލަރަށް އަރާނެކަމަށް ސަރުކާރުން ލަފާކުރެއެވެ. މިހާދިސާއާ ގުޅިގެން ޝާހް ޖަލާލް އިންޓަނޭޝަނަލް އެއާޕޯޓް ދޮޅު ގަޑީއިރަށް ބަންދުކުރިއެވެ. އެއީ ފްލައިޓްތައް ޖެއްސުމާއި ފުރުމަށް ދަތިވާ މިންވަރަށް އަލިފާންގަނޑު ބޮޑުވެ ފުޅާވުމުންނެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ ތަހުގީގުތައް ފެށި ނަމަވެސް އެސަބަބު އަދި ދެނެގަނެވިފައިނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަލިފާންގަނޑު ނިއްވާލުމަށްޓަކައި ބަންގްލަދޭޝްގެ ސިފައިންގެ އެތަށް ސަތޭކަ ބަޔަކު މަސައްކަތްކުރިއިރު އަލިފާން ނިއްވުމުގެ ތަޖުރިބާ ލިބިފައިވާ މަދަނީ ފަރާތްތަކުންވެސް މިކަމުގައި ސިފައިންނަށް އެހިތެރިކަން ފޯރުކޮށްދިންކަން ވެއެވެ. އަލިފާންގަނޑު ނިއްވާލުމުގައި ބަންގްލަދޭޝް ސިފައިންގެ ކަނޑާއި ވަޔާ އަދި އެއްގަމު ސިފައިން ހިމެނޭ ގޮތަށް 73 ޔުނިޓަކުން މަސައްކަތްކުރިއެވެ. މިއާއެކުވެސް އަލިފާންގަނޑު ނިއްވާލުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ބަންގްލަދެޝްގެ މީޑިއާ ބުނެއެވެ. ބަންގްލަދޭޝްގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި އަލިފާނުގެ މިހާދިސާގެ ސަބަބުން އެއާޕޯޓަށް ލިބުނު ގެއްލުންތައް ވަރަށް ބޮޑެވެ. ގާތްގަނޑަކަށް އެއް ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވާނެކަމަށް ބެލެވޭކަމަށާ ނަމަވެސް ލިބުނު ގެއްލުމުގެ ހަގީގީ މިންވަރު ބުނަން އަދި އަވަސްކަމަށް އެއާޕޯޓުގެ މަސްއޫލުވެރިއަކު ވިދާޅުވިއެވެ. ދާކާ އާ ކައިރީގައިވާ ހަޒްރަތު ޝާހް ޖަލާލް އިންޓަނޭޝަނަލް އެއާޕޯޓަކީ ވަރަށް ބޮޑު އަދި ޚިދުމަތްތައް ފުޅާ އެއާޕޯޓެކެވެ. އެއީ ބަންގްލަދޭޝްގެ އެންމެ ބޮޑު އެއާޕޯޓެވެ. ކާގޯ މުދައު ބޭރުކުރުމަށާއި އެތެރެކުރުމަށްވެސް އެންމެ ބޮޑަށް ބޭނުންކުރަނީ މި އެއާޕޯޓެވެ. ނިމިދިޔަ ހަފްތާއަކީ ބަންގްލަދޭޝްގައި އަލިފާނުގެ ގިނަ ހާދިސާ ތަކެއް ހިނގި ހަފްތާއެކެވެ. މިދިޔަ ހޯމަދުވަހު ބަންގަލަދޭޝްގެ ތައްޔާރީ ހެދުން އުފައްދާ ކާރުޚާނާއަކާއި އެ ކާރުހާނާއާ އިންވެގެން ހުރި ކެމިކަލް ގުދަނެއްގައި އަލިފާން ރޯވުމުގެ ސަބަބުން 15 މީހަކު މަރުވެފައިވެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެސް ތައްޔާރީ ހެދުން އުފައްދާ ކާރުޚާނާއަކާއި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވެއެވެ. ތިންވަނައަށް އަލިފާނުގެ ހާދިސާ ހިނގީ ހޮނިހިރު ދުވަހެވެ. ގައުމުގެ އެންމެ ބޮޑު އެއާޕޯޓްގައެވެ. ބަންގްލަދޭޝް އަކީ މަދަނީ އިންފްރާސްޓްރަކްޗާ ބަލިކަށި ގައުމެކެވެ. އަދި ފަރުވާކުޑަކަމުގެ މައްސަލަ ވެސް ވަރަށް ބޮޑު ގައުމެކެވެ. މިގެކުރިން ހިނގާފައިވާ އަލިފާނުގެ ހާދިސާތަކަށް ބަލާއިރު ގިނަ ހާދިސާ ތައް ހިނގާފައިވަނީ ކަރަންޓް ޝޯޓު ވުމުގެ ސަބަބުންނެވެ. ނޫނީ ގޭސް ލީކުވުންފަދަ ކަންކަމުގެ ސަބަބުންނެވެ. ބަންގަލަދޭޝްގެ ސަރުކާރު ބުނާގޮތުން މިކަންކަން ހައްލުކުުރުމަށްޓަކައި ބަންގްލަދޭޝްގެ މަދަނީ އިންފްރާސްޓްރަކްޗާ ޒަމާނީ ކުރުމަށް އެގައުމުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށާއި ސަލާމަތީ ސްޓޭންޑަޑްތައް ހިފެހެއްޓުމަށް އެގައުމުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ