ޒުވާން އަންހެން ކުދިންގެ މެދުގައި، އުރަމަތީ ކެންސަރުގެ، ބޭހަށް ނުގުޑާ މާ ވިޔަރި ބާވަތެއް ފެތުރެމުން އަންނަ ކަމަށް އެމެރިކާގެ ސައެންސްވެރިން ބުނެފިއެވެ.
ނިއު ޔޯކްގައި ހުންނަ، އެނދުމަތިނުކޮށް ފަރުވާ ދޭ ހަތް މަރުކަޒަކުން، 11 އަހަރުގެ ތެރޭގައި ފަރުވާ ހޯދި މީހުންގެ މައުލޫމާތު ތަހުލީލުކޮށްގެން ހެދި މި ދިރާސާއިން އެނގުނު ގޮތުގައި އެ މުއްދަތުގައި އުރަމަތީ ކެންސަރު ޖެހިގެން، އެ މަރުކަޒުތަކުން ފަރުވާ ހޯދި މީހުންގެ 20-24 އިންސައްތައަކީ އުމުރުން 18 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންނެވެ.
މި ދިރާސާގެ ރިޕޯޓް މިހާރު ވަނީ ރޭޑިއޮލޮޖިކަލް ސޮސައިޓީ އޮފް ނޯތު އެމެރިކާގެ އަހަރީ ބައްދަލުވުމަށް ހުށަހަޅައި، ސައެންސްވެރިންގެ މެދުގައި ބަހުސްކޮށްފައެވެ. މި ރިޕޯޓްގައި ބުނެފައިވާ ގޮތުން ކެންސަރުގެ ތަފާތު ބާވަތްތަކަށް ފަރުވާ ހޯދާ މީހުންގެ ތެރެއިން އެކަށީގެންވާ ގިނަ އަދަދެއްގެ މީހުންނަކީ އުމުރުން 40 އަހަރުން ދަށުގެ އަންހެނުންނެވެ. މިއުމުރުފުރާގެ އަންހެނުން ކެންސަރަށް ސްކްރީން ކުރުމަށް ވަކި ހާއްސަ ގައިޑްލައިނެއް އެމެރިކާގައި އަދި ކަނޑައަޅައިފައެއް ނެތެވެ.
އެމެރިކާގެ ސިއްހީ ހިދުމަތްދޭ ތަންތަނުން ލިބެން ހުރި މައުލޫމާތުތަކަށް ބުރަވާ އިރު، ފެންނަން އޮތް ހަގީގަތަކީ ޒުވާން އަންހެން ކުދިންގެ މެދުގައި އުރަމަތީ ކެންސަރު ފެތުރެމުން ދާ މިންވަރު ހަލުވިވެފައިވާ ކަމެވެ. އެހެންކަމުން، ޒުވާން ފުރާގެ އަންހެން ކުދިން ކެންސަރަށް ސްކްރީން ކުރަންޖެހޭ ވަކި އުމުރެއް ކަނޑައެޅުމަށާއި، ޒުވާން އަންހެން ކުދިންގެ މައިންބަފައިން ވެސް ކެންސަރަށް ސްކްރީން ކުރުމުގެ މިންގަނޑެއް އެކުލަވައިލުމަށް، މި ދިރާސާގެ ބައިވެރިން ހުށަހަޅާފައިވެއެވެ.
އެމެރިކާގެ ޕްރިވެންޓިވް ސާވިސަސް ޓާސްކް ފޯސް އިން ކަނޑައަޅާފައިވާ މިންގަނޑުގައި އޮންނަނީ، ކެންސަރުގެ ނުރައްކާ އޮތް މިންވަރު ވަޒަން ކުރުމަށްޓަކައި، އުމުރުން 40 އަހަރުން ފެށިގެން 74 އަހަރާ ދެމެދު، ކޮންމެ ދެ އަހަރަކުން އެއް އަހަރު މެމޮގްރާމް ހެދުމަށެވެ. އެމެރިކަން ކެންސަރު ސޮސައިޓީން އިރުޝާދު ދެނީ، އުމުރުން 45 އަހަރުން މަތީގެ އަންހެނުން ކޮންމެ އަހަރަކު އެއް ފަހަރު މެމޮގްރާމް ހެދުމަށެވެ. އަދި އުމުރުން 40 އަހަރާއި 44 އަހަރާ ދެމެދުގައި މެމޮގްރާމް ހެދުން އިޚްތިޔާރީ ކަމެއްގެ ގޮތުގައެވެ.
އޭގެ އިތުރުން، އުރަމަތީ ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑު ގިންތީގައި ހިމެނޭ އަންހެނުން، އުމުރުން 30 އަހަރުން ފެށިގެން އަހަރަކު އެއްފަހަރު އުރަމަތީގެ އެމްއާރްއައި އަކާއި މެމޮގްރާމެއް ހެދުމަށް ވެސް އެ ސޮސައިޓީން އިރުޝާދު ދެއެވެ. މި މިންގަނޑުތައް މިހެން ހުއްޓަސް، އެއަށް ވުރެ ޒުވާން އުމުރުފުރާގެ ކުދިން އުރަމަތީ ކެންސަރަށް ސްކްރީން ކުރުމުގެ ވަކި ގައިޑްލައިނެއް ކަނޑައަޅައިފައެއް ނެތެވެ.
މި ދިރާސާގެ ސައެންސްވެރިން ބުނި ގޮތުގައި މި ދިރާސާގައި އެމީހުން ބެލީ، ހަށިގަނޑުގައި ކެންސަރު ހުރިކަން ދެނެގަންނަ ގޮތާއި ކެންސަރުގެ ބާވަތާއި ކެންސަރަށް ބަދަލުވާ ޒާތުގެ ސިފަތައް ހުންނަ ޓިއުމަރުތަކެވެ. އެއަށް ފަހު، އެކި އުމުރުފުރާތަކުގެ އަންހެނުން، ކެންސަރު ދެނެގަތުމަށް ބޭނުންކުރާ ވަސީލަތްތަކާއި އެމީހުންގެ ހަށިގަނޑުގައި ހުންނަ ޓިއުމަރުގެ ހަޔަވީ ސިފަތައް ދެނެގަތެވެ.
މި ކަންކަން ދިރާސާކުރުމުން، އުމުރުފުރާތަކުގައި އުރަމަތީ ކެންސަރު ފެތުރެމުންދާ ގޮތާއި ކެންސަރުގެ ބާވަތްތަކާއި، ކެންސަރު ޖެހެނީ ކިހާ އަވަސް އަވަހަކަށް ކަން ދެނެގަނެވުނެވެ. އެ ގޮތުން މި ދިރާސާގައި ބައިވެރިކުރި އުމުރުން 18-49 އަހަރުގެ އުމުރުފުރާގެ އަންހެނުންގެ ތެރެއިން 1290 އަންހެނެއްގެ ހަށިގަނޑުން އުރަމަތީ ކެންސަރުގެ 1799 ހާލަތު ފާހަގަކުރެވުނެވެ. އޭގެ ތެރޭގައި ތަކުރާރުކޮށް ކެންސަރު ޖެހުމާއި، ދެ އުރަމައްޗަށް ކެންސަރު ޖެހުން ވެސް ހިމެނެއެވެ.
މި ދިރާސާގައި ބައިވެރިކުރި އަންހެނުންގެ ތެރެއިން، އެވްރެޖްކޮށް އަހަރެއްގެ ތެރޭގައި އަލަށް ކެންސަރު ޖެހޭ މީހުންގެ އަދަދު ހުރީ 145 އާއި 196 އާ ދެމެދުގައެވެ. އަދި އުމުރުން 23 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން، ކެންސަރު ޖެހިފައިވާކަން އަލަށް ދެނެގަނެވިފައިވާ އެވްރެޖް އުމުރަކީ 42.6 އަހަރެވެ.
ކެންސަރަށް ސްކްރީން ކުރުމުން، ކެންސަރު ޖެހިފައިވާ ކަން ދެނެގަނެވުނު މީހުންގެ އަދަދަކީ 731 (41 އިންސައްތަ) އެވެ. ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުން، ކެންސަރު ޖެހިފައިވާ ކަން ދެނެގަނެވުނު މީހުންގެ އަދަދަކީ 1068 (59 އިންސައްތަ) އެވެ.
މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ޖުމްލަ 1451 (80.7 އިންސައްތަ) އަންހެނުންނަކީ، އުރަމަތީ ކެންސަރުގެ ތެރެއިން، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ފެތުރޭ ބާވަތުގެ ކެންސަރު ޖެހިފައިވާ މީހުންނެވެ. ނުފެތުރޭ ބާވަތުގެ އުރަމަތީ ކެންސަރު ޖެހުނު މީހުންގެ އަދަދަކީ 347 (19.3 އިންސައްތަ) އެވެ.
އެހެންކަމުން، މި ދިރާސާގައި ބައިވެރިކުރި އަންހެނުންގެ ތެރެއިން ގިނަ މީހުންނަކީ، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ފެތުރޭ ޒާތުގެ، އުރަމަތީ ކެންސަރު ޖެހިފައިވާ މީހުންނެވެ. އަދި އޭގެ ތެރެއިން ވެސް ގިނަ އަންހެނުންނަށް ޖެހިފައިވަނީ، މިހާރު ހުރި ފަރުވާތަކަށް ވެސް ފަސޭހައިން ނުގުޑާ ޒާތުގެ ވިޔަރި ބާވަތެއް ކަމަށް ވެސް ސައެންސްވެރިން ބުނެއެވެ.
މި ބާވަތުގެ އުރަމަތީ ކެންސަރު ޖެހިފައިވާ ގިނަ މީހުންނަކީ އުމުރުން 40 އަހަރުން ދަށުގެ މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ "ޓްރިޕްލް ނެގެޓިވް" ގިންތީގައި ހިމެނޭ ކެންސަރެވެ. މިއީ، ކެންސަރާ ދެކޮޅަށް އާންމުކޮށް ބޭނުންކުރާ ހޯމޯން ފަރުވާއަށް ނުގުޑާ ޒާތުގެ އުރަމަތީ ކެންސަރެވެ.
އުރަމަތީ ކެންސަރު ޖެހޭ އަންހެނުންގެ އުމުރުފުރާތަކަށް ބަލާއިރު، އުމުރުން 40 އަހަރުން ދަށުގެ އަންހެނުންނަކީ ކެންސަރުގެ ނުރައްކާ ކުޑަ ބައެއްގެ ގޮތުގައި ބެލޭކަށް ނެތެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހޭލުންތެރިކުރުމުގެ ހަރަކާތްތައް އިތުރުވެފައި ވިޔަސް، ބައްޔަށް ހުށަހެޅޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.
އުރަމަތީ ކެންސަރުގެ މާ ވިޔަރި ބާވަތެއް ޒުވާން އަންހެން ކުދިންގެ މެދުގައި ފެތުރެނީ އުރަމަތީ ކެންސަރުގެ މާ ވިޔަރި ބާވަތެއް ޒުވާން އަންހެން ކުދިންގެ މެދުގައި ފެތުރެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ