ރިޔާދު، ސައުދީ އަރަބިއްޔާ (އޮކްޓޫބަރު 22) - އޭއެފްސީގެ ދެ ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫގައި އިންޑިއާގެ ގޯއާ އެފްސީން އަމިއްލަ ދަނޑުގައި ސައުދީ އަރަބިއްޔާގެ އަލް ނަސްރާ ކުޅޭ މެޗުގައި، އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅެން ނިންމީ ކޮންޓްރެޓްގެ ބޭނުންކޮށްގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެެވެ.
ގޯއާގައި މިއަދު ކުޅޭ މެޗުގައި ރޮނާލްޑޯ، 40، ކުޅޭނެ ކަމަށް ބަލައި، ގިނަ ބަޔަކު މެޗު ޓިކެޓް ގަތެވެ. އަދި، އެ ސަޕޯޓަރުން އަންނަނީ މެޗަށް ރޮނާލްޑޯ ނާންނާތީ، އެކި ކަހަލަ ޝުއޫރުތައް ފާޅުކުރަމުންނެވެ.
ފުޓްބޯޅައިގެ ފުރަތަަމަ ބިލިއަނަރު، ރޮނާލްޑޯ، މި އަހަރު އަލް ނަސްރާ އެކު ސޮއިކުރި އާ ކޮންޓްރެކްޓްގެ އަގުބޮޑުވުމާ އެއްވަރަށް، އޭގެއިން އޭނާ އަށް ހާއްސަ ބާރުތަކެއް ލިބޭ ގޮތަށް މާއްދާތަކެއް ވެސް ވަނީ ހިމަނައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، އަލް ނަސްރުން އިންޑިއާގައި ކުޅެންޖެހޭ މެޗަށް ރޮނާލްޑޯ ދަތުރުނުކުރަން ނިންމީ ވެސް ކޮންޓްރެކްޓްގައި ހިމެނޭ މާއްދާއެއްގެ ބާރުގަ އެވެ.
އެ ގޮތުން، ސެކިއުރިޓީ ކަންކަމާއި ފިޓްނަސް އެންމެ ހިތްހަމަޖެހޭ ގޮތަށް ނެތް ހާލަތެއްގައި ކުޅެން ޖެހޭ މެޗެއް ނުކުޅެ ހުރުމުގެ އިހުތިޔާރު ރޮނާލްޑޯ އަށް އާ ކޮންޓްރެކްޓުން ލިބިދެ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ރޮނާލްޑޯ، ގޯއާ މެޗު ދޫކޮށްލީ ސެކިއުރިޓީގެ ކަންކަމަށް ބަލައިފަ އެވެ. އަދި، މީގެ ކުރިން ވެސް ރޮނާލްޑޯ ވަނީ މި ސީޒަނުގައި އޭއެފްސީ ޗެމްޕިއަންސް ލީގުގެ ދެ މެޗެއްގައި ނުކުޅެ މަޑުކޮށްފަ އެވެ. އެއީ، ސެކިއުރިޓީގެ އިތުރުން ފިޓްނަސް ދެމެހެއްޓުމަށް ނެގި ބްރޭކެއްގެ ސަބަބުން ނުކުޅެން ނިންމި ދެ މެޗެެެވެ.
އެ ގޮތުން، ރިޔާދުގައި ތަޖިކިސްތާންގެ އިސްތިގްލާލްއާ ކުޅުނު މެޗުގައި ފިޓްނަސް ކަމެއްގައި ނުކުޅެން ނިންމިއިރު، އިރާގުގެ ބަގުދާދުގައި ޒައުރާއާ ދެކޮޅަށް އަލް ނަސްރުން ކުޅުނު މެޗުގައި ރޮނާލްޑޯ ނުކުޅުނީ ސެކިއުރިޓީ ކަންކަަމަށް ބަަލައިފަ އެވެ.
ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް 2023 ވަނަ އަހަރު ރޮނާލްޑޯ ބަދަލުވީ، ޖުމްލަ އެކު، 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ކޮންޓްރެކްޓެއްގަ އެވެ. އަދި، ދާދި ފަހުން އަލް ނަސްރުގެ ކޮންޓްރެކްޓް އާ ކުރީ، ޖުމްލަ އެކު، 400 މިލިއަން ޑޮލަރު ލިބޭ ގޮތަށް ދެ އަހަރުގެ ޑީލެއްގަ އެވެ.
ރޮނާލްޑޯ، އިންޑިއާ އަށް ނުދާން ނިންމީ ކޮންޓްރެކްޓް ބޭނުންކޮށްގެން: ރިޕޯޓް ރޮނާލްޑޯ، އިންޑިއާ އަށް ނުދާން ނިންމީ ކޮންޓްރެކްޓް ބޭނުންކޮށްގެން: ރިޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ