ކާމިޔާބީ ފާހަގަކުރަން ހުޅުދުއާއި މީދޫގައި ހަވާ އަރުވަނީ
އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ މެދު ހުޅުދުއާއި މީދުއާއި ފޭދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި ސިޓީ ކައުންސިލްގެ ދަށުން ހިންގުން ވަކިކުރަން ބޭނުންވާކަމަށް ނިންމި ހުޅުދުއާއި މީދޫގައި އުފާފާޅުކުރުމުގެ ގޮތުން މިރޭ ހަވާ އަރުވަން ނިންމައިފިއެވެ. މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ ހަވާ އެރުވުން އޮތީ ހުޅުމީދޫގެ މެދު ބަނދަރު ސަރަހައްދުގައި 8:30 ހާއިރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން ކުރައްވަނީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދާއި މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާނެވެ. މިކަމާ ގުޅިގެން ޝާހިދަށް ގުޅުމުން ޖަވާބެއް ދެއްވާފައިނުވާތީ އޭނާގެ ބަހެއް ލިބޭގޮތް އަދި ވަނީ ނުވެފައެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް ފޭދޫން 616 މީހަކު ވޯޓުދިންއިރު، ނުފެންނަ ކަމަށް 1،784 މީހަކު ވޯޓުދިނެވެ. ހަމަ އެހެންމެ މީދޫން 847 މީހަކު ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް ވޯޓުދިންއިރު ނުފެންނަ ކަމަށް 144 މީހަކު ވޯޓުދިނެވެ. އަދި، ހުޅުދޫގައި ވަކި ކައުންސިލެއް ހަދަން 623 މީހަކު ވޯޓުދިންއިރު ނުފެންނަ ކަމަށް ވޯޓުދިނީ 329 މީހުންނެވެ. މުޅި އިންތިޚާބުގައި ވޯޓުލީ ޖުމުލަ 4493 މީހުންނެވެ. އެއީ ވޯޓުލެވޭ އާބާދީގެ 47 ޕަސެންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ