ތާޕްސީ އިންޑިއާ ދޫކޮށް ބޭރު ޤައުމަކަށް ހިޖުރަކުރިކަމަށް ބުނެ ދެކެވޭ ވާހަކަ ދޮގުކޮށްފި
ބޮލީވުޑްގެ މަގުބޫލު ބަތަލާ ތާޕްނީ ޕަންނޫ އިންޑިއާ ދޫކޮށް ބޭރު ޤައުމަކަށް ހިޖުރަކުރި ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރު ބަތަލާ ދޮގުކޮށްފިއެވެ. އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުން "ދުންކީ"ގެ ބަތަލާ ވަނީ ފިރިމީހާ އަދި ކުރީގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ މާތިއަސް ބޮއޭއާ އެކު އޭނާ ނިސްބަތްވާ ޤައުމު ޑެންމާކަށް ހިޖުރަކޮށްފައެވެ. ދާދިފަހުން ސޯޝަލް މީޑިއާގައި އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ބަތަލާ ބުނެފައި ވަނީ ޚަބަރުތައް ލިޔުމުގެ ކުރިން އެ ޚަބަރުތައް ރަނގަޅަށް ދިރާސާ ކުރުން މުހިއްމު ކަމަށެވެ. ބައެއް މީޑިއާތަކުން ވާހަކައެއް އިވޭއިރަށް ހޫނު ޚަބަރުގެ ގޮތުގައި އެ ވާހަކަތައް ޝާއިއުކުރުމަށް އިސްކަންދޭއިރު އޭގެ ސަބަބުން އެ ޚަބަރު ނިސްބަތްވާ މީހުންގެ ދިރިއުޅުމަށް ކުރާނެ ނޭދެވޭ އަސަރުތަކާމެދު ވިސްނާވެސް ނުލާ ކަމަށް ތާޕްސީ ވަނީ ބުނެފައެވެ. ބަތަލާ ތާޕްސީ އަދި ފިރިމީހާ މާތިއަސް ބޮއޭ--ފޮޓޯ/އިންޑިއާ ފޯރަމް ތާޕްސީ ޑެންމާކަށް ހިޖުރަކޮށް އެ ޤައުމުގައި ދިރިއުޅޭކަމަށް ބުނާ ޚަބަރު ބަތަލާއަށް ފެނުނީ އިންޑިއާގެ މުމްބާއީގައި ދިރިއުޅޭ ގޭގައި ހެނދުނުގެ ނާސްތާކުރަން އިންދާ ކަމަށާއި އެ ޚަބަރު ފެނުމުން ވަރަށް ރުޅި އައި ކަމަށް ބަތަލާ ވަނީ ބުނެފައެވެ. މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ މާތިއަސް ބޮއޭއާ ބަތަލާ ތާޕްސީގެ ކައިވެނި ކުރެވުނީ މިދިޔަ އަހަރުގެ މާޗް މަހު އިންޑިއާގެ ރާޖަސްތާނުގެ އުދޭޕޫރުގައެވެ. ބަތަލާގެ ކައިވެނި ކުރުމާ ހަމައަށް ވެސް އަމިއްލަ ދިރިއުޅުމުގެ ހާއްސަގެ ހަޔާތުގެ ބައިވެރިޔާއާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ކައިވެންޏަށްފަހު ދޭތެރެދޭތެރެއިން ފިރިމީހާއާ އެކު ޑެންމާކަށް ތާޕްސީ ވަރަށް ގިނައިން ދަތުރުކުރެއެވެ. ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބަތަލާ ބުނީ އޭހާ ގިނައިން ޑެންމާކަށް ދަނީ ފިރިމީހާގެ މައިންބަފައިންނާއި އާއިލާ މެމްބަރުންނާ ބައްދަލުކުރުމަށް ކަމަށެވެ. މަގުބޫލު ފިލްމު "ޕިރް އާއީ ހަސީން ދިލްރުބާ"ގެ ބަތަލާ އެންމެފަހުން ފެނިފައި ވަނީ މިއަހަރު ރިލީޒްކުރި ފިލްމު "ކޭލް ކޭލް މޭ"ގެ ރޯލަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ