ތިބާގެ އަންހެންދަރި (3)

އިސްލާމްދީނުގެ ނޫރުން ބިން އަލިވުމުގެ ކުރިން ޟަލާލަތުގެ އަނދިރީގައި އޭރު އޮތް މުޖުތަމަޢިން އަންހެންދަރިންނާމެދު، އެންމެ އިހާނެތިކޮށް ކުރި ކަމަކީ އެ ކުދިން ދިރި ތިއްބައި ވަޅުލުމެވެ. ދެން އޭގެ މައްޗަށް އެއަށްވުރެ ވަކިން ބޮޑު ނިކަމެތި ކަމެއް އޮންނާނެތޯއެވެ؟ ދިރިއުޅުމުގެ ޙައްޤުން އެ މައުޞޫމު ކުދިން މަޙުރޫމުކުރަމުން ދިޔައީ އެ ކުދިންގެ އެއްވެސް ކުށަކައި ލައިގެންނެއް ނޫނެވެ. ޤިޔާމަތްދުވަހުން އެ ކުދިންނާ މެދު ވަޅުލި މީހުންނާ ސުވާލުކުރެވޭނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَإِذَا الْمَوْءُودَةُ سُئِلَتْ﴾ ‎﴿التكوير: ٨﴾‏ މާނައީ: "އަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ ސުވާލުކުރައްވާ ހިނދެވެ." ﴿بِأَيِّ ذَنبٍ قُتِلَتْ﴾ ‎﴿التكوير: ٩﴾‏ މާނައީ: "އޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟" އަންހެންދަރިން ދިރި ތިއްބާ ވަޅުލުމުގެ ނުބައި ޢަމަލު ފެށިގެން އައި ގޮތެއް ކަމަށް ތާރީޚު ޢިލްމުވެރިން ދެތިން ވާހަކައެއް ބަޔާންކުރައްވައެވެ. އެ ހުރިހާ ވާހަކައެއްގައި ވެސް ވަނީ މައިގަނޑު އެއް ސަބަބުތަކެކެވެ. އެއީ ފަޤީރުކަމަށް ބިރުގަތުމުގެ ވާހަކައާއި، ނަސަބުގެ މަތިފުށަށް ހުތުރުކަން ލިބިދާނެ ކަމަށް އެބައިމީހުން ހީކުރިހީކުރުމުގެ ވާހަކައެވެ. މި ވާހަކަތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ވާހަކައަކީ ޤައިޞް އިބްނު ޢާޞިމް އައްތަމީމީގެ ވާހަކައެވެ. ބުނެވޭ ގޮތުގައި އިސްލާމްދީން އައުމުގެ ކުރިން އޭނާގެ ޢަދުއްވުން އޭނާގެ ސަރަޙައްދަށް ހަމަލާދީ އޭނާގެ އަންހެންދަރި ޢަސީރުކޮށްގެން ގެންދިޔައެވެ. އަދި އެ ތަނުން މީހަކު އެ ކުއްޖާއާ ކާވެނިކުރިއެވެ. އޭގެ ދުވަސްތަކެއް ފަހުން ޤައިސްގެ ޢާއިލާގެ އެހެން ބަޔަކު، ކުރިން ޤައިސްއަށް ޙަމަލާދިން ދުޝްމުނުންނާ ޞުލްޙަވެ ދެ ބައިމީހުންގެ މެދުގައި އެކުވެރިކަން ޤާޢިމު ވެއްޖެއެވެ. އަދި އެ މީހުން ގެންދިޔަ އަންހެންކުއްޖާ އޭނާގެ ބައްޕަ ކައިރިއަށް ދާން ބޭނުމިއްޔާ، ދިޔުމުގެ މިނިވަންކަން ދިނެވެ. އެ ކުއްޖާ ޚިޔާރުކުރީ ފިރިމީހާއާ އެކު އޭނާގެ ކައިރީ މަޑުކުރާށެވެ. މި ކަމާ އަރައިގެން ރުޅީގައި، "ދެން ލިބޭ ކޮންމެ އަންހެން ދަރިޔަކު ދިރިހުއްޓައި ވަޅުލުމަށް" ޤައިސް އަހުދުކަށަވަރެއް ހިފިއެވެ. އަދި އޭނާގެ އެ ނުބައި ޢަމަލު ޢަރަބިންގެ ތެރޭ ފެތުރި ގިނަވާން ފެށިއެވެ. އަދި ޒަމާންތަކާ އެކު އެކަން ތަކުރާރުވަމުން ގޮސް އާންމު ވެއްޖެއެވެ. އެންމެ ފަހުން އެ މީހުންގެ އާދައަކަށް އެކަން ވީއެވެ. އިސްލާމްދީން އައުމުގެ ކުރިން އަންހެންދަރިން ދިރި ތިއްބައި ވަޅުލުމުގެ ސަބަބެއް ކަމުގައި ކުރިން ވެސް ބަޔާންވެދިޔަ، "ޢަރަބިންގެ ތެރޭ އޮތް ފަޤީރުކަމުގެ މައްސަލަ" އެއީ ތާރީޚީ ދިރާސާތަކުން އެ ކަމަށް ހެކި ލިބޭ ކަމެކެވެ. މި ނުބައި ޢަމަލު ހުއްޓުވުމަށް ޓަކައި، އިސްލާމްދީނުގެ ދުސްތޫރު ކަމުގައިވާ ކީރިތި ޤުރުއާނުގައި ﷲ ވަނީ އެފަދަ ބަފައިންނަށް ނަސޭހަތުގެ ބަސްފުޅު ވަޙީކުރައްވައިފައެވެ. ފަޤީރުވެދާނެ ކަމަށް ބިރުން ދަރިން ނުމެރުމަށް ހިތްވަރު ލިބޭފަދަ ބަސްފުޅުތަކެއް ވަޙީކުރައްވައިފައެވެ. ﴿وَلَا تَقْتُلُوا أَوْلَادَكُمْ خَشْيَةَ إِمْلَاقٍ، نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ، إِنَّ قَتْلَهُمْ كَانَ خِطْئًا كَبِيرًا﴾ (سورة الإسراء: ٣١) މާނައީ: "އަދި ފަޤީރުވެދާނެ ކަމަށް ބިރުން، ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ! އެ ކުދިންނަށާއި، ތިޔަބައިމީހުންނަށް ރިޒުޤު ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެ ދަރިން މެރުން އެއީ ބޮޑުވެގެންވާ ފާފައެއް ކަމުގައި ވިއެވެ." މި އާޔަތުގައި އެ ވަނީ ބައެއްގެ އާދަކާދައިގެ ގޮތުން އެ މީހުންގެ ތެރޭ އަށަގެންފައިވާ ނުބައިކަންބޮޑު ހުތުރު ޢަމަލަކުން އެ މީހުން ނެރެ އަމާންކަމާއި ސަލާމަތުގެ މަގަށް މަގު ދައްކައިދީފައެވެ. އެ މީހުން ބިރުގަނެ ކަންބޮޑުވީ އެ ދަރިންނަށް ކާން ނުދެވިދާނެތީއެވެ. އެ ދަރިންނަށް ކުރަންޖެހޭ ޚަރަދުބަރަދު ނުކުރެވިދާނެތީއެވެ. އެފަދަ ބައެއްގެ އާދަ ގުޅިފައިވި ސަބަބު ނައްތައިލުމަށް އިލާހީ ދަރުބާރުން ފޮނުއްވެވި ޙިކުމަތުގެ އެ ބަސްފުޅަކީ މިއަދާ ޖެހެންދެން ވެސް ﷲއަށާއި އާޚިރަތްދުވަހަށް އީމާންވާ ކޮންމެ ބައްޕައަކަށް ހިތްވަރުގެ ގޮތުން ލިބެން އޮތް އެންމެ ފުރިހަމަ ފިލާވަޅެވެ. އަބަދުގެއަބަދަށް ހަނދާން ކުރަންވީ އިރުޝާދެވެ. ތިޔަ ބައްޕައަށާއި އެ ދަރިފުޅުގެ މަންމައަށް މިއަދާ ޖެހެންދެން ބޭނުންވި ހުރިހާ ކަމެއް ދުނިޔޭގައި ފުރިހަމަ ވެގެން އައިސްފައި ވަނީ އިލާހީ ތަޤުދީރުގައި އެ ގޮތަށް އެ ކަންކަން ލިޔުއްވައިފައި އޮތީމައެވެ. ތިޔަ ބައްޕަގެ އެ ދަރިފުޅަށް ވެސް ތަޤުދީރު ނިޔާކުރާ ހުރިހާ ކަމެއް އެ ދަރިފުޅުގެ ޙަޔާތަށް ފަހިވެގެން އަންނާނެއެވެ. މިއަދުގެ ދުނިޔޭގައި ވެސް މިކަމާ ގުޅުން ހުރި އާދައެއް ފެށިގެން އެބައުޅެއެވެ. ދަރިން ހޯދުމާއި ނުހޯދުމުގެ މައްޗަށް ކުރެވޭ ބަހުސެވެ. އާއިލާ ރޭވުމުގެ ތެރެއިންނެވެ. ދަރިޔަކު އުފަންވުމުގެ އުފާ ހާސިލުކުރާއިރު އޭގެ ޒިންމާއަށް ވެސް ވިސްނޭނެއެވެ. ވިސްނަން ވެސް ވާނެއެވެ! ރޭވުންތެރިކަމާ އެކު ދިރިއުޅުމުގެ ބަހާތަކަށް ނަޒަރު ނުކުރަންޏާ އިޖްތިމާޢީ އެތައް މައްސަލައެއްގެ އިތުރަށް އިންފިރާދީ މައްސަލަތަކާ ވެސް ކުރިމަތިލާން ޖެހިދާނެއެވެ. އެހެންކަމުން އިސްލާމީ ޙުދޫދުގެ ތެރޭގައި މި ކަންކަން ރޭވޭތޯ ކޮންމެ މުސްލިމަކު ވެސް ބަލަންވާނެއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ