މެންޗެސްޓާ (ނޮވެމްބަރު 6) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީން މޮޅުވިއިރު، ބާސެލޯނާ އާއި ޗެލްސީން ކުޅުނު މެޗުތަކުގައި ބަލިނުވެ އެއްވަރުވެގެން ނިމިއްޖެ އެވެ.
އަމިއްލަ ދަނޑުގައި ސިޓީން ވަނީ 4-1 އިން ޑޯޓްމަންޑް ބަލިކޮށްފަ އެވެ. އަޒަރުބައިޖާންގެ ގަރަބަގް އެފްކޭއާ ކުޅެގެން ޗެލްސީ ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ބާސެލޯނާ އިން ބެލްޖިއަމްގެ ކްލަބް ބްރޫޖްއާ އެއްވަރުވީ 3-3 އިންނެވެ.
ސިޓީން ރޭގެ މެޗުގައި މޮޅުވިއިރު، ލަނޑުތައް ޖެހީ ފިލް ފޯޑެން ދެ ލަނޑުގެ އިތުރުން، ރަޔާން ޗާކީ އާއި ކުރިން ޑޯޓްމަންްޑަށް ކުޅުނު މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި އާލިން ބްރައުޓް ހާލަންޑް އެވެ. މި ސީޒަނުގައި ހާލަންޑް ވަނީ 14 މެޗުން 18 ލަނޑު ޖަހައިފަ އެވެ. އަދި، ރޭގެ މެޗުގައި ޖެހި ގޯލާ އެކު، ހާލަންޑް ވަނީ ޗެމްޕިއަންސް ލީގުގެ 52 މެޗުން 54 ލަނޑު ޖަހައިފަ އެވެ.
މި މެޗުގައި ޑޯޓްމަންޑްގެ ހަމައެކަނި ލަނޑު ޖެހީ ވޯލްޑެމާރު އެންޓޮން އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ކްލަބް ބްރޫޖުން ރޭގެ މެޗުގެ ހަ ވަނަ މިނިޓްގައި ވަނީ، ނިކޯލޯ ޓްރެސޯލްޑީގެ ލަނޑުން ލީޑުނަގައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން، ފެރާން ޓޮރޭޒް ވަނީ ބާސެލޯނާ އަށް އެއްވަރުކޮށްދީފަ އެވެ. ނަތީޖާ ހަމަހަމަކުރިތާ އަށް ވަރަކަށް މިނިޓް ފަހުން، ކާލޯސް ފޯބްސް ވަނީ ބްރޫޖަށް އަލުން ލީޑުނަގައިދީފަ އެވެ. ބާސެލޯނާ އަށް ދެ ވަނަ ފަަހަރަށް އެއްވަރުކޮށްދިނީ، 61 ވަނަ މިނިޓްގައި ލަމީން ޔަމާލް ޖެހި ގޯލުންނެވެ.
މެޗުގައި ބްރޫޖުން ތިން ވަނަ ފަހަރަށް ލީޑުނެގީ، 63 ވަނަ މިނިޓްގައި ފޯބްސް ޖެހި ގޯލުންނެވެ. ބާސެލޯނާ އިން ބަލިނުވެ ސަލާމަތްވީ، ބްރޫޖްގެ ކްރިސްޓޯސް ޒޯލިސް އަތުން 77 ވަނަ މިނިޓްގައި ބައިކޮޅަށް ވަން ގޯލުންނެވެ.
ގަރަބަގަށް ލެއަންޑްރޯ އަންޑްރާޑޭ ޖަހައިދިން ގޯލުން ލީޑުނެގި މެޗުގައި، ޗެލްސީން އެއްވަރުކުރީ އެސްޓެވާއޯ ލަނޑު ޖަހައިގެންނެވެ. ގަރަބަގުން ދެ ވަނަ ފަަހަރަށް ލީޑުނެގީ 39 ވަނަ މިނިޓްގައި، މާކޯ ޖަންކޮވިޗް ޖެހި ޕެނަލްޓީންނެވެ. ޗެލްސީ އަށް ދެ ވަނަ ހާފުގައި އެއްވަރުކޮށްދިނީ އަލެހަންދްރޯ ގާނާޗޯ ޖެހި ގޯލުންނެވެ. މިއީ، ގަރަބަގުން އިނގިރޭސި ޓީމެއް އަތުން ހޯދި ފުރަތަމަ ޕޮއިންޓެވެ.
ރޭ ނިއުކާސަލް ޔުނައިޓެޑުން 2-0 އިން އެތުލެޓިކް ބިލްބާއޯ ބަލިކުރިއިރު، ކަޒަކްސްތާންގެ ހައިރާތު އަލްމާޓީ އަތުން އިންޓަ މިލާން މޮޅުވީ 2-1 އިންނެވެ. މާސޭ އަތުން 1-0 އިން އެޓަލަންޓާ މޮޅުވިއިިރު، ހޯސޭ މޮރީނިއޯގެ ބެންފީކާ ދަނޑުގައި އެ ޓީމު އަތުން ބަޔާ ލެވަކޫސަން ވަނީ 1-0 އިން މޮޅުވެފަ އެވެ.
ސިޓީ މޮޅުވިއިރު، ބާސެލޯނާ އާއިި ޗެލްސީ ސަމާލަތްވީ ކިރިޔާ ސިޓީ މޮޅުވިއިރު، ބާސެލޯނާ އާއިި ޗެލްސީ ސަމާލަތްވީ ކިރިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ