ވެރިިކަމަށް ވަޑައިގަތުމުގެ ކުރިޔަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުސަހެޅުއްވި މާލީ ބަޔާނާއި، މިހާރުގެ ތަފާސްހިސާބުތައް އަޅާ ކިއުމަށް ފަހު އެމަނިކުފާނު ފައިސާ ހޯއްދެވި ގޮތް ސާފުކޮށްދޭން ރައްޔިތުން ގޮވާލަން ޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް، ވެރިކަމަށް ވާދަ ކުރައްވާ ގާސިމް ގެންދަވަނީ ރައީސް ސޯލިހުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް އިންޑިއާ އެކު އެކުލަވާލި އެއްބަސްވުންތަކާއި އެކު އެ ގައުމުގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުން އެއީ ނުރައްކަލެއްކަމަށް ގާސިމް ވިދާޅުވި އެވެ.
ރޭ ގދ. ތިނަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ގާސިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ގެއްލުން ދީ މިނިވަންކަން ނިގުޅައިގަތް ވެރިއަކަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ ކަމަށެވެ. އަދި ރައްޔިތުން ފައިސާއަށް ވިކިދާނެކަމަށް ސަރުކާރުން ދެކުމަކީ ކުށް ހީއެއްކަމަށާއި، އަޅުވެތިކަމުގެ ވަޅުގަނޑަކަށް ވެއްޓެން ދިވެހިން ބޭނުން ނުވާނެކަމަށް ގާސިމް ވިދާޅުވި އެވެ.
އުތުރުތިލަފަޅު އެއްބަސްވުމާއި، އަދި ޑޯނިއާ އެއްބަސްވުމާއި މެދު ސުވާލު އުފައްދައި ގާސިމް ވިދާޅުވީ އެ ލިޔެކިއުންތަކުގައި ގޯހެއް ނެތް ނަމަ މައުލޫމާތުތައް ހާމަ ކުރުމަށް ސަރުކާރުން ދެކޮޅުވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ރާއްޖެއިން އިންޑިއާ ސިފައިން ފޮނުވާލުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، އެ މީހުންނަށް ވިސާގެ މުއްދަތު އިތުރުކޮށް ދީ ދޭ ހިދުމަތްތައް ފުޅާ ކުރަނީ ކޮން ސަބަބަކާއި ހުރެތޯ ގާސިމް ސުވާލު އުފެއްދި އެވެ. އަދި ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބިއިރު އެއީ ކިހާ އަދަދެއްކަން ސާފު ނުވެ އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި މިއީ ސަރުކާރަށް އެނގި ތިބެ، ރައްޔިތުންނަށް ދޭ ގެއްލުންތަކެވެ.
ގާސިމް ވިދާޅުވީ ދިވެހި ގައުމުގެ މިނިވަންކަމަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރުމުން، ފައިސާއަށް ވެސް ދިވެހި ރައްޔިތުން ވޯޓު ނުދޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހު ރަށްތަކަށް ވަޑައިގަތުމުން އެ ރަށެއްގެ ރައްޔިތުން ނިކުމެ ކިޔާ މަރުހަބާއަށް ފާޑުވިދާޅުވެ ވިދާޅުވީ އެބޭފުޅުން ނިކުމެ ފޯރިއާއި އެކު އަތް ޖަހަނީ ކޮން ސަބަބަކާއި ހުރެތޯ ސުވާލު އުފެދޭ ކަމަށެވެ. މަދަމާ ވެސް ރައްޔިތުން ފުރޮޅިގެން ދާން އޮތީ އަޅުވެތިކަމުގެ ތެރެއަށްކަމަށާއި، އެވަރުގެ ބޭފުޅަކަށް ވެރިކަން ދޭން ނުޖެހޭކަމަށް ގާސިމް ވިދާޅުވި އެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ކުރިޔަށް ރައީސް ސޯލިހުގެ މާލީ ހާލަތު އެހާ ރަނގަޅު ނުވާނެކަމަށް ތުހުމަތުކޮށް ގާސިމް ގޮވާލީ އެމަނިކުފާނު ކެމްޕެއިނަށާއި އަދި އެހެން ބައެއް ކަންކަމަށް ފައިސާ ހޯއްދެވި ގޮތް ސާފުކޮށްދޭން ރައްޔިތުން ގޮވާލުމަށެވެ.
ގާސިމް ވިދާޅުވީ ރިޔާސީ ކެމްޕެއިނަށް ރައީސް ސޯލިހު ބޭނުން ކުރައްވަނީ ފެނަކަ، އާއި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން ފަދަ ކުންފުނިތައް ކަމަށެވެ. މުވައްޒަފުން ނެރެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިކުރާއިރު ޕޯސްޓަރުތައް ހަރު ކުރުމާއި ދިދަފަތިތައް ދެމުމުމުގައި ތިބެނީ މި ކުންފުނިތައްކަމަށް ގާސިމް ވިދާޅުވި އެވެ.
މިއީ ގާނޫނާއި ހިލާފު އަމަލުތަކެއްކަމަށާއި، މި މައްސަލަތައް ބެލޭނެ ދުވަހެއް އަންނާނެކަމަށް ގާސިމް ވިދާޅުވި އެވެ. އަދި މިއީ ރައްޔިތުންގެ މުސްތަގުބަލު ހަލާކު ކުރުމަށް ކުރާ މަސައްކަތްތައްކަމަށް ތަކުރާރު ކުރައްވައި ގާސިމް ތަކުރާރުކޮށް ގޮވާލެއްވީ އެފަދަ ބޭފުޅަކަށް ވެރިކަން ނުދިނުމަށެވެ.
ގާސިމް ވިދާޅުވީ ބައެއް ކަންކަން ފޮރުވުމަށް ކުރާ މަސައްކަތުން ސަލާމަތްކޮށް، ހިމާޔަތް ކުރަން އުޅެނީ ކާކުތޯ ވެސް ސުވާލު އުފެދޭ ކަމަށެވެ. ވެރިއަކު ހޮވައި ރައްޔިތުން މަސްއޫލިއްޔަތުތަކެއް އަދާކުރުމުން، ގާނޫނީ އިމުން ބޭރުން ސިއްރުން ކަންކަން ހިންގަން ނުޖެހޭނެކަމަށް ގާސިމް ވިދާޅުވި އެވެ. ހާމަކަމާއި އެކު، ސުވާލު އުފައްދާ ކަމަކަށް ޖަވާބީ އެ ލިޔެކިއުމެއް ދެއްކުމަށް ދެން ރައްޔިތުންނަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތްކަމަށް ގާސިމް ވިދާޅުވި އެވެ.
އުތުރުތިލަފަޅުގެ އެއްބަސްވުމުގައި ވާކަންކަން ހާމަކޮށްދޭން އެދި ރައްޔިތުންގެ މަޖިލީހަށް މީގެ ކުރިން ވެސް އެކި ފަހަރުމަތީން ކުއްލި މައްސަލަތައް ހުށަހަޅާފައި ވެއެވެ. އިދިކޮޅު ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން ހުށަހަޅާ އެ މައްސަލަތައް ގިނަ ފަހަރަށް ބޭރުކޮށްލަނީ، އެއީ އަވައްޓެރި ގައުމުތަކާއި އެކު އޮންނަ ގުޅުން ހީނަރު ކުރުމަށް ސިޔާސީ ބޭނުމެއްގައި ހުށަހަޅާ މައްސަލަތަކެއްކަމަށް ބުނެ އެވެ.
މީގެއިތުރުން ގާސިމް ވިދާޅުވީ ރައްޔިތުން މިއަދު ވިސްނަންވީ، ތިމާގެ ޖީބަށް ވަންނަން އޮތް ފައިސާއާއި މެދު ނޫންކަމަށާއި، އެއަށް ވުރެ ބޮޑަށް ގައުމު ދެކެ ލޯބިވާ، އެކަމާއި މެދު ފުންކޮށް ވިސްނާ އެ ކަންބޮޑުވުންތައް ހިއްސާކުރާ މީހުންގެ އަޑުއަހަން ޖެހޭ ކަމަށެވެ. އަދި ބަލަންވީ ބޮޑު ޕާޓީއާއި ކުޑަޕާޓީއަށް ވެސް ނޫންކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ގޮވާލީ ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގެ ރޫހު ހުރި، އިސްތިގުލާލު ދަމަހައްޓައި ގައުމުގެ ކުރިއެރުމާއި މެދު އައު ވިސްނުންތައް ގެންގުޅޭ މީހުންނަށް ކުރިޔަށް ދިއުމަށް ޖާގަ ދިނުމަށެވެ. އަދި ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއް ގެނައުމުގައި ހަމްދަރުދީ އައި، ލޯބީގެ ނަޒަރަކުން ބަލާނެ ވެރިއެއް ހޯދުން މުހިންމުކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރިޔާސީ ރޭހަށް ނިކުންނަ ކެނޑިޑޭޓުން މާޒީގައި ގައުމަށް ކުރި ހިދުމަތާއި، އެ މީހުންގެ ގައުމު ހިންގުމުގެ ފެންވަރު ހުރީ ކިހާ މިންވަރަކަށް ތޯ ރައްޔިތުން ދެނެގަންނަން ޖެހޭ ކަމަށެވެ.
ރައީސްގެ މާލީ ބަޔާން ބަލަން ޖެހޭ، އެއީ ދައުލަތުން ނަގާ ފައިސާ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ