ބަރުލަމާނީ ނިޒާމު ގެނައުމަކީ އެއްގޮތަކަށްވެސް ކަމުދާ ކަމެއް ނޫން: ގާސިމް

ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަކީ އެއްގޮތަކަށްވެސް ކުރަން ކަމުދާ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިމަހުގެ 30ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ބަޔަކަށް ތާއީދު ނުކުރަން ނިންމައި، އެކަން ހާމަ ކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށްޓަކައި، މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓިކް ޕާޓީން ކުރަމުންދާ މަސައްކަތާބެހޭ ގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކާ ގުޅިގެން ގާސިމް ވިދާޅުވީ، "އެއީ އެއްގޮތަކަށްވެސް ކަމުދާ ކަމެއް ނޫން،" ކަމަށެވެ.
ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނަސްފިނަމަ، ރާއްޖޭގެ ރައްޔިތުން މިހާރަށްވުރެ ނިކަމެތިވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އެގޮތުން ބަރުލަމާނީ ނިޒާމު "ރާއްޖެއަށް ގެނެއްސިއްޔާ އަދި މިހާރަށްވުރެން މާ ނުބައިވާނެ، ރައްޔިތުން މާ ނިކަމެތިވާނެ،" ކަމަށް ގާސިމް ވިދާޅުވިއެވެ.
މިމަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޠާސީ އިންތިހާބުގައި ޖޭޕީއާ އެކު ޑިމޮކްރޭޓްސް އިން ކުރިއަށް ގެންދިޔަ ކޯލިޝަން ހެދުމުގެ މަޝްވަރާތަކުގައި ވެސް، ޝަރުތުތަކުގެ އެންމެ ކުރީގައި ހިމެނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމެވެ. އެހެންކަމުން ޑިމޮކްރޭޓްސްއާ އެކު ޖޭޕީން ކޯލިޝަނެއް ނުހެދިއެވެ.
ރިޔާސީ އިންތިހާބުގައި ތިވަނައަށް އެންމެ ގިނަ ވޯޓު، ޑިމޮކްރެޓްސްގެ ކެނޑިޑޭޓް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލިޔާސް ލަބީބަށް ލިބިވަޑައިގެންނެވުމާ ގުޅިގެން ދެވަނަ ބުރުގައި ކޯލިޝަނަކަށްދާނެ ޕާޓީއެއް ކަނޑައެޅުމަށް އެމްޑީޕީ އާއި ޕީއެންސީއެކު ކުރި މަޝްވާރަތަކުގައިވެސް ވަނީ ނިޒާމީ ވޯޓު ނެގުމަށް ޝަރުތު ކޮށްފައެވެ.
ނަމަވެސް ޑިމޮކްރޭޓްސްއާއެކު ކޯލިޝަން ނުހަދަން ޕީއެންސީން ވަނީ ނިންމައިފައެވެ. އެހެންކަމުން މިމަހުގެ 25 ގެ ކުރިން ނިޒާމީ ވޯޓު ނަގާނަމަ ދެވެނަ ބުރުގައި ރައީސް ސޯލިހާއެކު ކުރިއަށް ދިނުމަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ޑިމޮކްރޭޓްސް އިން އަންނަނީ ވާހަކަ ދައްކަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ