މީހެއްގެ ޕެންޝަން ފަންޑުގައި ހުންނަ ފައިސާއަށް މަދުވެގެން 10 އަހަރުވުމުން، އެ ފައިސާއިން ބައެއް ނެގޭ ގޮތަށް، އޭނާގެ ވެރިކަމެއްގައި ގާނޫނަށް ބަދަލު ގެންނަން ހުށަހަޅުއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އދ. މަހިބަދުއަށް ރޭ ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، ޕެންޝަން ފަންޑުގައި މިހާރުވެސް 20 ބިލިއަން ރުފިޔާ ޖަމާވެފައި އެބަ ހުރި ކަމަށާއި އަހަރަކު 100 މިލިއަން ރުފިޔާގެ ފައިދާ އެ ފަންޑަށް ޖަމާވަމުންދާ ކަމަށެވެ.
އެ ފަންޑުން އެޕާޓްމަންޓް ގަތުމަށާއި ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރި ނަމަވެސް ފަންޑުގެ ގާނޫނު ހެދިފައި އޮންނަ ގޮތުން މާބޮޑު ފައިދާއެއް ނުވާ ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ޕެންޝަން ފަންޑު ފުޅާކޮށް، އެ ފަންޑުން ކުރާ އިންވެސްޓްމަންޓްތައް އިތުރު ކުރާނެ ކަމަށާއި އަދި ގާނޫނަށް ބަދަލު ގެނެސްގެން އެ ފަންޑުން ގެދޮރު ހެދުމަށާއި ދަރިން ކިޔަވަން ބޭރަށް ފޮނުވުމަށް އަދި އަމިއްލަ ވިޔަފާރިއެއް ފެށުމަށް ވަކި ވަރެއް ނެނގޭނެ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާނެ ކަމަށެވެ.
“30 ނުވަތަ 40 އަހަރު މަޑުކޮށްފައެއް ނޫން ފައިސާ ނެގެންވާނީ. މަދުވެގެން 10 އަހަރުވީމަ މި ދެންނެވި ކަންކަމަށް ފައިސާ ނެގޭ ގޮތަށް އެ ގާނޫނު ބަދަލުކުރަން އަޅުގަނޑު ހުށަހަޅާއިރު ހުށަހަޅާނީ،” މުއިއްޒު ވިދާޅުވި އެވެ.
10 އަހަރުވުމުން ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާނަން: މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ