ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުން އެލްޖީއޭ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ސިޓީ ކައުންސިލަރުންނާއި، ރަށު ކައުންސިލަރުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރުން އިންތިހާބު ކުރުމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި އިންތިހާބުގައި އެލްޖީއޭ ބޯޑަށް ޖުމްލަ 3 މެންބަރުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން ހޮވާ މެންބަރެކެވެ.
މި އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ. އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު އީމެއިލް މެދުވެރިކޮށް ނުވަތަ އެލްޖީއޭގެ އޮފީހަށް ހާޒިރުވެ ހުށަހެޅޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
އެލްޖީއޭ އިން މައުލޫމާތު ދޭ ގޮތުގައި މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ އަންނަ އޯގަސްޓް މަހުގެ 8 ވާ ހޮނިހިރު ދުވަހު އެވެ. ވޯޓުލުމުގެ ކަންކަން ނިމުމުން، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 11 ވާ އަންގާރަ ދުވަހު އެވެ.
މި އިންތިހާބަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކުގެ ބައިވެރިވުން އެލްޖީއޭގެ ނިންމުންތަކުގައި އިތުރުކުރުމަށްޓަކައި ކުރިއަށް ގެންދެވޭ މުހިންމު އިންތިހާބެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ