ގާޒީ އިސްމާއީލް ރަޝީދު އިސްތިއުފާ ދެއްވައިފި

ކްރިމިނިލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމަން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވާފައިވަނިކޮށް އޭނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ ދައުވާތައް ބޭރުކޮށްލި ގާޒީ އިސްމާއިލް ރަޝީދު، ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ހުށަހަޅާފަައެވެ.
އިސްމާއިލް ރަޝީދާ ގުޅޭގޮތުން ބެލި މައްސަލައަށް ފަހު ޖޭއެސްސީން ބުނީ އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ މައްސަލާގައި ގާޒީ އިސްމާއީލް ރަޝީދު އަމަލުކޮށްފައިވަނީ ޖިނާއީ އިޖްރާތުގެ ގާނޫނުގެ 13 ވަނަ ބާބުގައި ބަޔާން ކޮށްފައިވާ އިޖްރާއަތްތަކާއި ފާޅުކަން ބޮޑު ގޮތެއްގައި ފަރުވާލެއް ނެތި ކަނޑައެޅިގެން ހިލާފަށް ކަމަށެވެ.
އަދީބުގެ މައްޗަށް އުފުލުނު ދައުވާތަކާއި ގުޅިގެން ޖުލައި 12، 2020 ގައި އަޑުއެހުމެއް ބޭއްވުމަށް ފަހު ޖުލައި 12، 2020 ގައި އެ ދައުވާތަކާއި ގުޅިގެން ހުކުމް ކޮށްފައިވާއިރު އެ ދުވަހު ކުރި ހުކުމަކީ ފެބްރުއަރީ 22، 2020 ވަނަ ދުވަހުން ފެށިގެން ތައްޔާރުވެފައިވާ ހުކުމެއްކަން ތަހުގީގަށް ހޯޯދުމުގެ ޕެންޑްރައިވްގައިވާ މައުލޫމާތުން އެނގޭ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން ބުނީ ތަހުގީގަށް ހޯދުނު ޕެންޑްރައިވްގައި ”އިޖްރާއީ ގޮތުން ނިންމާ ނިންމުން“ މި ސުރުހީގެ ދަށުން ތައްޔާރު ކޮށްފައިވާ ލިޔުމުގައިވާ ނުކުތާތަކާއި ހުކުމްގައިވާ ނުކުތާތަކަކީ އެއް ނުކުތާތަކެއް ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ. ޕެންޑްރައިވްގައި އެ ނިންމުން ލިޔެ ސޭވްކޮށްފައި ވަނީ ފެބްރުއަރީ 22 ގައެވެ. އަދި ޕެންޑްރައިވްގައި ސޭވްކޮށްފައިވާ ”އިޖްރާއީ ގޮތުން ނިންމާ ނިންމުން“ މި ސުރުހީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުން ސޭވްކޮ ށްފައިވާ ނަމަކީ ”trip finale v2“ ކަމަށާ މި ނަމަކީ އާންމު ގޮތެއްގައި މި ބާވަތުގެ ފައިލެއް ފަނޑިޔާރަކު ސޭވް ކުރާނެ ނަމެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ގަބޫލު ނުކުރެވޭ ކަމަށެވެ.
މި ނަމަކީ އެ މައްސަލައާ ގުޅުން ނެތް އާދަޔާ ހިލާފު ނަމެއް ކަން ފާހަގަވާތީ އާއި ގާޒީ އިސްމާއީލް ރަޝީދު ބޭނުން ކުރުމަށް ކޮމްޕިއުޓަރު ސިސްޓަމް ކްރިމިނަލް ކޯޓުގައި ހުންނައިރު ކޯޓްގައި ހިނގާ މައްސަލަތަކެއްގެ ލިޔެކިޔުންތައް ޕެންޑްރައިވްއެއްގައި ގެންގުޅުމާއި އަދި ވަކިން ހާއްސަކޮށް ވަކި މައްސަލަތަކެއްގެ ލިޔެކިޔުންތައް އެކަނި އެ ޕެންޑްރައިވްގައި ހުރުމާއި މައްސަލަތަކެއްގެ ދައުވާ ހުށައެޅުމާ ހަމައަށްވެސް ނުދަނީސް އެ މައްސަލަތައް ނިންމާނެ ގޮތުގެ ފައިލް އެ ޕެންޑްރައިވްގައި ތައްޔާރުވަމުން ދިއުމަކީ ފަނޑިޔާރުގެ އަމަލުުތަކާމެދު ސުވާލު އުފެދޭނެ ކަމެއް ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.
އަދީބުގެ މައްސަލަތަކުގައި ގާޒީ އިސްމާއީލް ރަޝީދު ހުކުމްކޮށްފައިވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާ މުސްތަގިއްލު ކަމާއެކު ނޫން ކަމަށް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ރަޝީދު ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ހިލާފުވެފައި ވާތީ އިސްމާއީލް ރަޝީދު މަގާމުން ވަކިކުރަން ހުށަޙެޅީ ކަމަށް ޖޭއެސްސީން ބުނެއެވެ.
ގާޒީ އިސްމާއިލް އޭނާގެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ބަޔާންކޮށް ޖޭއެސްސީގެ ރައީސް  ހިސާން ހުސައިނަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، ފަނޑިޔާރުކަމުގެ މަގާމުގައި ހޭދަކުރި ހުރިހާ ދުވަހެއްގައިވެސް އަމަލުކޮށްފައިވާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ އެންމެހައި ޤާނޫނުތަކާ އިސްލާމީޝަރީއަތުގެ އެންމެހައި ކަންކަމަކީ މަސައްކަތުގެ އަސާސްކަމުގައި ބަލައިގެން އިންސާފާއި ހަމަހަމަކަމާއި ހާމަކަމުގެ މައްޗަށް ކަމަށެވެ. އަދި އެއްވެސް ފަރުދަކަށް ގާނޫނުން ބޭރުން ނުޙައްގު ފައިދާއެއް ލިބޭނެހެން ނުވަތަ ނާއިންސާފުން އެއްވެސް ކަމެއްކޮށްފައި ނުވާއިރު، ހުރިހާ މައްސަލައެއްގައިވެސް ހަމަހަމަކަމުގެ އުސޫލުން އަމަލުކޮށްފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޖޭއެސްސީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ އެ ސިޓީގައި ގާޒީ އިސްމާއިލް ވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގައި ޖަވާބުދާރީވުމުގެ ފުރުސަތުވެސް ދީފައިނުވާކަމަށް ވިދާޅުވެފައެވެ. އަދި ޖަވާބުދާރީ ވާނޭ ފުރުސަތެއް ނުދީ މަގާމުން ވަކިކުރަން ނިންމި ނިންމުމަކީ އިންސާފުން އެއްކިބާވެފައިވާ ޖޭއެސްސީގެ ސިޔާސީ ޒާތީ ނިންމުމެއް ކަމެއްކަން ފާހަގަކުރަމުން ގާޒީ އިސްމާއިލް ވިދާޅުވީ، ޕެންޑްރައިވް އަކުން ފެނުނު ފައިލެއްގެ މައްސަލާގައި އޭނާ ވަކިކުރަން ނިންމިއިރު، އެ ޕެންޑްރައިވްއަކީ އޭނާގެ ޕެންޑްރައިވެއް ނޫން ކަމަށެވެ.
ގާޒީ އިސްމާއިލް ވިދާޅުވީ އަމިއްލަ ފަރުދަކުވިޔަސް އަދި ދައުލަތުގެ ކަމެއް ހިންގާން ހުރި ފަރާތަކުންވެސް ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވައިގެން ނުވާނޭކަމަށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ މިންގަނޑުން އެއްކިބާވެ، ފަނޑިޔާރަކު ނިންމި ނިންމުމަކާ ގުޅިގެން މައްސަލައެއް ބެލުމަކީ، އެ ކޮމިޝަނުން ޤާނޫނުއަސާސީ ބޮލާލައި ޖަހާފައިވާކަން އަންގައިދޭ ކަމެއް ކަމަށެވެ. ފަނޑިޔާރުގޭގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލި ފަނޑިޔާރުންނަށް މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މާހައުލެއް ނެތްކަން އަސްލެއްނެތް ޕެންޑްރައިވްގެ މައްސަލައިންވެސް ސާބިތުވާކަމަށް ގާޒީ އިސްމާއިލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ