"އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި އައިޝަތު އީޝާ ފުލުހަށް ހާޒިރުކުރަނީ
އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ސުވާލުކުރުމަށް، މި ސަރުކާރުގައި ރައީސް އޮފީހާއި ބައެއް އެހެން މިނިސްޓްރީތަކުގައި އިސް މަގާމުތައް ފުރުއްވި އައިޝަތު އީޝާ އަޝްރަފް މިރޭ ފުލުހަށް ހާޒިރުކުރަން ނިންމައިފިއެވެ. އީޝާ ހާޒިރުވާން އަންގާފައިވަނީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ޕޮލިސް ސްޓޭޝަނަށް މިރޭ 21:00 އަށެވެ. ފުލުހުން އީޝާއަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފުކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީގައި ބައިވެރިވުމެއް އޮތް ކަމަށް ކުރެވޭ ތުހުމަތެވެ. https://www.sun.mv/221247 މި މައްސަލައިގައި އީޝާ ފުލުހަށް ހާޒިރުކުރަނީ ތުހުމަތުގައި ސުވާލުކޮށް ބަޔާން ނެގުމަށެވެ. ފުލުހުންގެ އިދާރާގައި މިކަމަށް ހޭދަވާނެ ކަމަށް ލަފާކޮށްފައިވަނީ ދެ ގަޑިއިރާއި 59 މިނެޓެވެ. އީޝާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމެވެ. ޝަމީމް ވަނީ އީޝާގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާނެކަން މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. ދިފާއީ ވަކީލުންގެ އެންމެ ބޮޑު ޒިންމާއަކީ ކްލައިންޓަށް އިންސާފުވެރި ތަހުގީގެއް ކަށަވަރުކޮށްދިނުން ކަމަށާއި، މި މައްސަލައިގައި ވެސް މަސައްކަތްކުރައްވާނީ އެގޮތުގެ މަތިން ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ވަރަށް ސީރިއަސްކޮށް ކުރިއަށްގެންދާއިރު، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އީޝާގެ ޕާސްޕޯޓު ވެސް ވަނީ ތިން މަސްދުވަހުގެ މުއްދަތަށް ހިފަހައްޓާފައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އީޝާ ރާއްޖެއިން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން، މި ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ވަނީ އަދަދު ނޫހުގެ މައްޗަށް ވެސް ބޮޑު ތަހުގީގެއް ފަށާފައެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ، އެތަން ބަލައިފާސްކޮށް، ނޫސްވެރިކަމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި ކޮމްޕިއުޓަރު ސިސްޓަމްތައް ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. https://sun.mv/221261 މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މީޑިއާއެއްގެ އޮފީހަށް ފުލުހުން ވަދެ މިފަދަ ބޮޑު އޮޕަރޭޝަނެއް ހިންގި ފުރަތަމަ ފަހަރެވެ. އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް ވެސް ފުލުހުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް އަންނަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހިފަހައްޓާފައެވެ. އަދި، އެ ދެ ބޭފުޅުން ވެސް ފުލުހަށް ހާޒިރުކޮށްފައިވާއިރު، ތަހުގީގުގައި ސުވާލުކުރުމުން ދެ ބޭފުޅުން ވެސް ވަނީ ހަނު ހުރުމުގެ ހައްގުގެ ބޭނުންކުރައްވާފައެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ރާއްޖެއިން ފުރައިގެން ގޮސްދާނެ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާތީ ޕާސްޕޯޓުތައް ހިފެހެއްޓީ ކަމަށެވެ. މި މައްސަލައާ ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާތަކުން ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައީސް މުއިއްޒު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޑޮކިއުމެންޓްރީގައި ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ. އަދި އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ