ތަރުޖަމާނު ވިދާޅުވަނީ 'ސައްހަ ނޫން ބޮޓްސް' އާރުޓީއައިތަކަށް ޖަވާބު ނުދޭނެ ކަމަށް

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެދި ހުށަހަޅާ ހުށަހެޅުންތައް ނުވަތަ ރައިޓް ޓު އިންފޮމޭޝަން (އާރުޓީއައި)ތަކުގެ ތެރޭގައި ކާކުކަން ނޭނގޭ ގޮތަށް 'ސައްހަ ނޫން' އާރުޓީއައިތައް ވެސް ގިނަވަމުންދާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ގާނޫނުގެ ދަށުން ހޯދަން އެދޭ މައުލޫމާތުތައް ނުލިބުމާއި އާރުޓީއައި ހުށަހެޅުންތަކަށް އެއްވެސް ވަރަކަށް ޖަވާބުނުދީ، ސަރުކާރުގެ އިދާރާތަކުން އިހުމާލުވާ ކަމީ ފެންނަން އޮތް ހަގީގަތެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިމްކޮމް)ން ވެސް ބުނެފައިވާ ގޮތުގައި އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 600 ޝަކުވާ ލިބޭއިރު، އޭގެ ތެރެއިން %90 އަކީ ޖަވާބެއް ނުދީ އެއްވެސް ވަރަކަށް އަޅާނުލައިގެން ހުށަހަޅާފައިވާ ޝަކުވާތަކެވެ.
ނަމަވެސް މި ކަމުގެ ރައްދުގައި ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވަނީ ބައެއް މީހުން އާރުޓީއައި ހުށަހަޅަނީ 'ޖެއްސުމަށް' ކަމަށެވެ. އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ގާނޫނުގެ ބޭނުން ބައެއް މީހުން 'ނަހަމަ ގޮތުގައި' ވެސް ހިފާ ކަމަށެވެ.
ތަފްސީލް - އާރުޓީއައިތަކަށް ޖަވާބު ދިނުމުގައި ސަރުކާރުގެ ބައެއް އިސްވެރިންގެ ވާހަކަތައް ހުންނެވި ގޮތުން ސަރުކާރުގެ ސްޓޭންޑް ސާފުކޮށްދޭން ނޫސްވެރިޔަކު ކުރި ސުވާލުގެ ޖަވާބުގައި ތަރުޖަމާނު ވިދާޅުވީ 'ސައްހަ އާރުޓީއައި'ތަކަށް ސަރުކާރުން ޖަވާބު ދޭނެ ކަމަށެވެ.
"ސައްހަ އާރުޓީއައިތޯ ހުސް އަންނަނީ ތި ބޭފުޅުން ބައްލަވާ. މިހާރު އަޅުގަނޑު ތިޔަ ބޭފުޅުންނާ ސުވާލުކުރާ ހިސާބަށް މި ދިޔައީ،" ނޫސްވެރިޔާގެ ސުވާލުގެ ޖަވާބު ދެއްވަމުން ތަރުޖަމާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 'ބޮޓްސް' ގޮތަށް ވަރަށް ބައިވަރު އަދަދުގެ އާރުޓީއައިތައް އެތައް އިދާރާއަކަށް ލިބެމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ގާނޫނުގައިވާ ގޮތަށް، މައުލޫމާތު އެދޭ މީހަކަށް ޖަވާބުދެވޭ ކަން ކަށަވަރުވާނީ ކާކުކަން އެނގިގެން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރިކުއަމެންޓަކަށް ޖަވާބުދާރީވާން ބަލާއިރު ޖަވާބުދާރީވާންވީ ފަރާތް ވެސް އެނގެން ޖެހޭނެއެއްނު. އެ ބޭފުޅާ ހޯދާ ބަލާއިރުގައި އެއީ އިންސާނެއް ނޫން ކަހަލަ އެއްޗެހިން ވެސް އެބަ އާދެއޭ އާރުޓީއައިތަކަށް،" މުހައްމަދު ހުސައިން ޝަރީފް ވިދާޅުވި އެވެ.
ހުށަހަޅާ އާރުޓީއައިތަކުގެ ތެރޭގައި ޖަވާބު ނުވަތަ މައުލޫމާތު އަރުވަން ދަތި ހުށަހެޅުންތައް ވެސް ހިމެނޭ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ ދުވާލުގެ މެންދުރު ވަގުތުގެ ކުރިން ވަކި ދުވަހެއްގެ އޮފީސް ހަރަދުގެ މައުލޫމާތު ހޯދަން ވެސް އެދޭ ކަމަށެވެ.
އެނގުން މުހިންމު - ކާކުކަން ނޭނގޭ ގޮތަށް މައުލޫމާތު ފޯރުކޮށްދޭން ހުށަހެޅުމުން، މައުލޫމާތު ދިނުމަށް ބައެއް އިދާރާތަކުން ދެކޮޅު ހަދައި، އެފަދަ ބައެއް މައްސަލަތައް ޝަރީއަތާ ހަމައަށް ވެސް ގޮސްފައިވެ އެވެ.
އެހެން ނަމަވެސް ގާނޫނުގައި ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރު ދިނުމަށް ލާޒިމުވަނީ ހަމައެކަނި އެހެން ފަރާތެއްގެ ޒާތީ މައުލޫމާތަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް އެކަންޏެވެ. ޒާތީ މައުލޫމާތު ނުހިމެނޭ، ދައުލަތުގެ އިދާރާތަކުގެ މައުލޫމާތު ހޯދަން ހުށަހަޅާއިރު ކޮންމެހެން ފުރިހަމަ ނަމާއި އެޑްރެސް ހުށަހަޅާކަށް ނުޖެހެ އެވެ.
މައުލޫމާތު ހޯދަން އެދޭ ޕޯޓަލް، މަހޯލި ޕޯޓަލްގެ ފޯމު ވެސް ފަރުމާކޮށްފައި އޮންނަނީ އެ ގޮތަށެވެ. ހުށަހަޅާ ފަރާތުގެ މެއިލް އެޑްރެސް އެ ފޯމުގައި ހިމެނެ އެވެ. އަދި ޕޯޓަލަށް ވެސް ޖަވާބުގެ ލިޔުން އަޕްލޯޑް ވެސް ކުރެވޭނެ އެވެ. އެހެންކަމުން އެ ނިޒާމު ފަރުމާކޮށްފައި އެ ވަނީ ކާކުކަން ނޭނގުނަސް މައުލޫމާތު ފޯރުކޮށްދެވޭ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ