ޝަކުވާތަކެއް ހުރި ނަމަވެސް ޝަރުއީ ދާއިރާގެ ބަޖެޓް މިހާރު އޮތް ވަރަށްވުރެ ބޮޑު ނުކުރަން މިއަދު މަޖިލިސް ދިރާސާ ކޮމެޓީން ނިންމައިފި އެވެ. ޝަރުއީ ދާއިރާއަށް ލަފާކޮށްފައިވަނީ 367 މިލިއަން ރުފިޔާ އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން އަންނަ އަހަރަށް އަންދާޒާކޮށް، ފިނޭންސް މިނިސްޓްރީއަށް ފޮނުވީ 475 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ، މިދިޔަ އަހަރުގެ ބަޖެޓަށްވުރެ ހަ މިލިއަން ރުފިޔާ މަދު އަދަދެކެވެ. ނަމަވެސް މިނިސްޓްރީން އެ ޑިޕާޓްމަންޓަށް ބަޖެޓް ކަނޑަޅާފައިވަނީ، އެ ޑިޕާޓްމެންޓުން އެދުނު އަދަދަށްވުރެ 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ކަނޑުމަށްފަހު އެވެ.
މިކަމާ ޑީޖޭއޭއިން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން މިއަދު ބޭއްވި ބަހުސް ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމުގައި ތިން ހުށަހެޅުމެއް ވަނީ ހުށަހަޅާފަ އެވެ. އެއީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހުށަހެޅުއްވި ހުށަހެޅުންތަކެވެ.
ގާސިމް އިބްރާހިމް ހުށަހެޅުއްވީ، ޑީޖޭއޭ ހާޒިރުކޮށް ކަންބޮޑުވުންތައް އަޑުއެހުމަށާއި ޑީޖޭއޭގެ ބަޖެޓަށް އިތުރު 100 މިލިއަން ރުފިޔާ އިތުރުކުރުމަށެވެ. މި ހުށަހެޅުމަށް ލިބުނީ ހަތަރު ވޯޓެވެ. އެހެންކަމުން އެ ހުށަހެޅުން ފާހެއް ނުވެ އެވެ.
ރިޔާޒު ރަޝީދު ހުށަހެޅުއްވީ، ކޮމެޓީގެ ސިއްރު ބައްދަލުވުމެއް ބާއްވައި ޑީޖޭއޭ ހާޒިރުކޮށް ކަންބޮޑުވުންތައް އަޑުއަހާށެވެ. އަދި ފިނޭންސް މިނިސްޓްރީއާ ވެސް ބައްދަލުކުރާށެވެ. އަސްމާ ހުށަހެޅުއްވީ، ބަޖެޓް އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނައުމަށެވެ. މި ދެ ހުށަހެޅުމަށް ވެސް ލިބުނީ ހަ ވޯޓެވެ. ދެ ހުށަހެޅުމަށް ވެސް ހަ ވޯޓު ލިބުމުން ކޮމެޓީގެ މުގައްރިރު ވަނީ ވޯޓު ދެއްވާފަ އެވެ. މުގައްރިރު ކަމަށްވާ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ވޯޓު ދެއްވީ އަސްމާގެ ހުށަހެޅުމަށެވެ. އެހެންކަމުން ފާސްވީ، ޑީޖޭއޭގެ ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނައުމަށެވެ.
އަންނަ އަހަރު ޝަރުއީ ދާއިރާއަށް ލަފާކޮށް، ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ބެޖެޓުން ފަނޑިޔާރުންނާއި މުވައްޒަފުންގެ މުސާރަ ހަމަނުޖެއްސޭނެ ކަމަށް ޑީޖޭއޭއިން އިއްޔެ ނެރުނު ޝަރުއީ ދާއިރާގެ ބަޖެޓް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.
އެ ރިޕޯޓްގައި ޑީޖޭއޭއިން ބުނެފައިވަނީ އަންނަ އަހަރުގެ ބެޖެޓްގެ ތެރެއިން ޝަރުއީ ދާއިރާއިން އަންދާޒާކޮށްފައިވާ ބެޖެޓުން ބޮޑު ބައެއް އުނިކޮށްފައިވުމުގެ ސަބަބުން ދާއިރާގެ ހިންގުން ހުއްޓުމަކަށް އަންނާނެ ކަމަށް ދެކޭ ކަމަށެވެ. މި އަހަރުން ފެށިގެން ފަނޑިޔާރުންގެ ހެލްތް އިންޝުއަރެންސްގެ ޕްރީމިއަމް ބޮޑު ކުރުމާ ގުޅިގެން އެކަމަށް އުތުރަށް ބޭނުންވާ ފައިސާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބެޖެޓްގައި ހިމަނާފައި ނެތުމަކީ ފަނޑިޔާރުންގެ އިންޝުއަރެންސް ހުއްޓުމަކަށް އަންނާނެ ކަމެއް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
މިހާރު ބަޖެޓް ފާސްވެއްޖެނަމަ ޝަރީއަތްތައް އަވަސްކުރުމުގެ ގޮތުން ރަށްރަށް ފަނޑިޔާރުން ވަޑައިގެން ކުރައްވާ ޝަރީއަތްތައް ވެސް ހުއްޓުމަކަށް އަންނާނެ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
ޝަރުއީ ދާއިރާގެ ބަޖެޓް ބޮޑު ނުކުރަން ކޮމިޓީ އިން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ