ފަސް ޑިމާންޑުގެ ތެރެއިން ފުރިހަމަ ނުވަނީ އެންމެ ކަމެއް - 23 ޑިސެމްބަރު އިއްތިހާދު

ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި 23 ޑިސެމްބަރު އިއްތިހާދުން ކުރި ބޮޑު ބޮޑު މުޒާހަރާގައި އޭރުގެ ސަރުކާރަށް ޑިމާންޑުކުރި ފަސް ކަމެއް ފުރިހަމަކޮށްދީފައި ނުވި ނަމަވެސް މި ސަރުކާރުން އެންމެ ކަމެއް ފިޔަވާ ހުރިހާ ކަމެއް ފުރިހަމަކޮށްދީފައިވާ ކަމަށް 23 ޑިސެމްބަރު އިއްތިހާދުން ބުނެފި އެވެ.
އިއްޔެ ނަލަހިޔާ ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަދަނީ އިއްތިހާދުގެ ރައީސް އިބްރާޙީމް ދީދީ ވިދާޅުވީ 23 ޑިސެމްބަރު އިއްތިހާދުގެ ގޮވާލުމާއި އެއްގޮތަށް ސަރުކާރުން އަމަލުކުރަމުން އަންނަކަމަށާއި އެގޮތުން މިހާތަނަށް ސަރުކާރުން ނުކޮށް އޮތީ ނަޝީދުގެ ވެރިކަމުގައި މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިކަމުގެ ހިދުމަތް ދިނުމަށް ފަޅުކުރި ސަރަހައްދުތައް އުވާލުންކަމަށެވެ.
ނަމަވެސް އެކަންވެސް ސަރުކާރު ވަރަށް އަވަހަށް ކުރާނެކަމުގެ ޔަގީންކަން ސަރުކާރުގެ ފަރާތުން ދޭކަމަށް ދީދީ ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ކޮންވެންޝަން ސެންޓަރު ހުރި ސަރަހައްދާއި ، ފުވައްމުލަކުގެ ދެ ސަރަހައްދެއް ފަޅުރަށުގެ ގޮތުގައި ކުރީގެ ރައީސް ނަޝީދު ސަރުކާރުން އިއުލާންކޮށްފައިވީ ނަމަވެސް އެތަންތަނުގައި ބަނގުރާ ވިއްކި ކަމެއް މިހާތަނަށް އިނގިފައިނުވެ އެވެ. އަދި މި ސަރުކާރުން ވެސް އެފަދަ ކަމެއް ކުރި ކަމެއް އިނގިފައެއް ނުވެ އެވެ.
މީހުން ދިރިއުޅޭ ރަށްރަށް ފަޅުކޮށްގެން ބަނގުރާ ވިއްކުން ހުއްޓުވުމުގެ އިތުރުން 23 ޑިސެމްބަރުގެ މުޒާހަރާގައި ޑިމާންޑު ކުރި ކަންތައްތަކަކީ އައްޑޫގައި ބަހައްޓާފައި ހުރި ބުދުތައް ނައްތާލުމާއި އިޒްރޭލުގެ ފްލައިޓްތައް ރާއްޖޭގައި ޖެއްސުމުގެ ހުއްދަ ނުދިނުމާއި އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ނާވީ ޕިއްލޭ ދެއްކެވި ވާހަކަތައް ރައީސް މުހައްމަދު ނަޝީދު ކުށްވެރިކުރެއްވުމާއި ރާއްޖޭގައި ހިންގާ ހަށިވިއްކާ ތަންތަން ބަންދުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ