މިހާތަނަށް އެންމެ ގިނަ ފައިސާ ލިބުނު ފިލްމުގެ ރެކޯޑް "ދަންގަލް" އަށް

ހިންދީ ސިނަމާއިން މިހާތަނަށް އުފެއްދި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް އާމިރު ޚާންގެ "ދަންގަލް" އިން މުގުރާލައިފި އެވެ. "ދަންގަލް" އިން ވަނީ އާމިރުގެ ފިލްމު "ޕީކޭ" އާއި ސަލްމާން ޚާންގެ "ބަޖްރަންގީ ބައިޖާން" އާއި "ސުލްތާން" އިން ހަދާފައިވާ ރެކޯޑްތައް މުގުރާލާފަ އެވެ.
ސިނަމާގެ ތާރީޚުގައި އެންމެ ގިނަ ފައިސާ ހޯދި ފިލްމުގެ ރެކޯޑް މިހާރު "ދަންގަލް" އަށް އޮތްއިރު ދެ ވަނައިގައި އޮތީ "ޕީކޭ" އެވެ. ތިން ވަނައިގައި "ބަޖްރަންގީ ބައިޖާން" އަދި ހަތަރު ވަނައިގައި "ސުލްތާން" އެވެ.
"ޕީކޭ"ގެ ޖުމްލަ އާމްދަނީ އަކީ 3.4 ބިލިއަން ރުޕީސް އެވެ. "ބަޖްރަންގީ ބައިޖާން" އަށް ލިބުނީ ޖުމްލަ 3.1 ބިލިއަނެވެ. އަދި "ސުލްތާން" އަށް 3 ބިލިއަނެވެ.
"ދަންގަލް" އިން ވަނީ އެންމެ 18 ދުވަސް ތެރޭގައި 3.4 ބިލިއަން ރުޕީސް ހޯދާފަ އެވެ.
އާމިރު ޚާންގެ މިފިލްމު ވަނީ ފާއިތުވީ ތަނުގައި އެތައް ފިލްމެއް ހަދާފައިވާ ގިނަ ރެކޯޑްތަކެއް މުގުރާލައި މުޅިން އާ ރެކޯޑްތަކެއް ގާއިމްކޮށްފަ އެވެ. އެގޮތުން އެންމެ 10 ދުވަސް ތެރޭ 2.7 ބިލިއަން ރުޕީސް ހޯދާފައި ވުމީ ވެސް މި ފިލްމު ގާއިމްކުރި ރެކޯޑެކެވެ.
ބޭރު ގައުމުތަކުގެ މާކެޓްތަކުގައި ވެސް މި ފިލްމު ވަނީ އޭގެ ޖާދޫ ދައްކައި އިންޑިއާއިން ބޭރުގައި އެންމެ ގިނައިން އާމްދަނީ ހޯދި ފިލްމުގެ ރެކޯޑް ވެސް މުގުރާލާފަ އެވެ.
ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް "ޑަންގަލް" އަށް ބޭރު ގައުމުތަކުން 1.7 ބިލިއަން (25.58 މިލިއަން ޑޮލަރު) ލިބިފައިވާ ކަމަށެވެ. އަދި މި ފިލްމު ވެފައިވަނީ އެމެރިކާ-ކެނެޑާ އަދި އޮސްޓްރޭލިޔާ ފަދަ ގައުމުތަކުގައި މިހާތަނަށް އެންމެ ރަނގަޅަށް ހިނގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ.
އަދިވެސް "ދަންގަލް" ގިނަ ސިނަމާތަކެއްގައި ދަނީ ދައްކަމުންނެވެ. އެހެންކަމުން މިހާރު ރިލީޒްކުރަން ތައްޔާރުވަމުންދާ ގިނަ ފިލްމުތަކަކަށް ވާސިލުވާން އުނދަގޫ ބެންޗުމާކެއް "ދަންގަލް" އިން ކަނޑައަޅާނެކަމަށް ފިލްމު އިންޑަސްޓްރީގެ ގިނަބަޔަކު މިހާރު އެއްބަސްވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ