އެންމެ އުނދަގޫވާނީ ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެންޖެހޭތީ – ފިލިޕީންސް ކޯޗު

އޭއެފްސީ ޗެލެންޖް ކަޕްގެ ސެމީފައިނަލްގައި މާދަމާ ރޭ ދިވެހިރާއްޖެއާ ދެކޮޅަށް ކުޅޭއިރު އެންމެ އުނދަގޫވާނީ ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެންޖެހުން ކަމަށް ފިލިޕީންސް ޓީމުގެ ކޯޗު ތޯމަސް ޑޫލޭ ބުނެފި އެވެ.
މާދަމާ ރޭ މި ދެ ޓީމް ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ފިލިޕީންސް ޓީމުގެ ކޯޗު ޑޫލޭ ބުނީ ރާއްޖެއާ ދެކޮޅަށް ދެކޮޅަށް ނިކުންނައިރު އެންމެ އުނދަގޫވަނީ ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން ޖެހުން ކަމަށެވެ. އަމިއްލަ ގައުމުގައި ކުޅޭއިރު އެ ލިބޭ ސަޕޯޓުގެ ސަބަބުން ދިވެހި ޓީމުން އިތުރަށް ހިތްވަރުކުރާނެ ކަމަށާއި އެއީ ފިލިޕީންސް ޓީމަށް ކުރިމަތިވާނެ އުނދަގުލެއް ކަން ޑޫލޭ ފާހަގަކުރި އެވެ.
"އެންމެ އުނދަގޫވާނީ މުބާރާތް ބާއްވާ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެންޖެހޭތީ. ސަޕޯޓަރުންގެ ސަޕޯޓުގެ ސަބަބުން ދިވެހި ޓީމަށް އިތުރު ހިތްވަރެއް ލިބޭނެ. އެއީ އަހަރުމެންގެ ޓީމަށް ކުރިމަތިވާނެ އުނދަގޫ ކަމެއް" އެމެރިކާއަށް އުފަން ކޯޗު ބުންޏެވެ.
ފިލިޕީންސް ޓީމަށް ދިވެހި ސަޕޯޓަރުންގެ ސަޕޯޓުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް މެޗުން މޮޅުވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް ޑޫލޭ ބުންޏެވެ.
މި ދެ ޓީމް 2009 ވަނަ އަހަރު ބައްދަލުކުރި ނަމަވެސް މިހާރު ފިލިޕީންސް ޓީމުގައި މިހާރު ތިބި ކުޅުންތެރިންނަކީ އޭރު ޓީމުގައި ތިބި ކުޅުންތެރިން ނޫންކަމަށާއި މިހާރު ޓީމުގައި ތިބީ ތަފާތު މޮޅެތި ކުޅުންތެރިން ކަމަށެވެ. އެހެންކަމުން މާދަމާ ރޭ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގައި އެ ތަފާތު ދެއްކޭތޯ މަސައްކަތްކުރާނެ ކަމަށް ވެސް ޑޫލޭ ބުންޏެވެ.
ރާއްޖެ އާި ފިލިޕީންސް އެންމެފަހުން ބައްދަލުކޮށްފައިވަނީ 2009 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖްކަޕްގެ ކޮލިފައިންގަ އެވެ. އެ ފަހަރު 2-3 ގެ ނަތީޖާއަކުން ރާއްޖެއިން ވަނީ ފިލިޕީންސްގެ މައްޗަށް ކުރި ހޯދާފަ އެވެ.
ދިވެހިރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރާ ސެމީފައިނަލް މެޗު ފަށާނީ މާދަމާ ރޭ 21:00 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ