ލާމަރުކަޒީ ނިޒާމު އައީ ރާއްޖެ ބަލަވެރި ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް ކަމަށާއި ނަމަވެސް މިހާރު އެ ނިޒާމު ދަތުރުކުރަމުންދަނީ ބަލަވެރި ކަނޑުން ނިކުމެގެން ސީދާ މިސްރާބަށް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ނިޒާމަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު އައީ ރާއްޖެ ބަލަވެރި ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް ކަމަށާއި ސިޔާސީ މަސްރަހަށް އައި ކޮންމެ ލޮޅުމެއް ލާމަރުކަޒީ ނިޒާމަށް އައި ކަމަށެވެ. ނަމަވެސް މިހާރު ލާމަރުކަޒީ ނިޒާމު ދަނީ ބަލަވެރި ކަނޑުން ނިކުމެގެން ރަނގަޅު މިސްރާބަށް ކަމަށް އުމަރު ވިދާޅުވި އެވެ.
"ލާމަރުކަޒީ ނިޒާމުގައި ހިމެނޭ ހުރިހާ ސިޔާސީ ފިކުރުތައްވެސް އެކުގައި މަސައްކަތް ކުރުމުގެ ގާބިލްކަން އެބޭފުޅުންގެ ގައިގައި އުފެދި އެމަގުން ދަތުރުކުރަމުންދާކަން މިއަދު ފާހަގަކުރެވޭ. ލާމަރުކަޒީ ނިޒާމުގައި ރަނގަޅުކުރަންޖެހޭ ކަމެއް އޮތް ނަމަ ގާނޫނުގެ ތެރެއިން އެކަމެއް ރަނގަޅު ކުރާނަން،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބައެއްފަހަރު ކައުންސިލްތަކުން ސަރުކާރަށް ދަތިވާ ގޮތަށް ކަންތައްތައް ކުރަމުންދާ ކަމަށާއި އެގޮތުން ސަރުކާރުގެ ސިޔާސަތުތަކާ ހިލާފަށް އެއްވެސް އުސޫލެއް ނެތި ބިންތައް ދޫކުރަމުންދާ ކަމަށާއި އޭގެ ސަބަބުން ކަމާބެހޭ ވުޒާރާއަށް އެކަމުގެ ދަތިތައް ދިމާވަމުންދާ ކަމަށެވެ. އަދި ކައުންސިލް އިދާރާތަކުން ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ދައުލަތުގެ ވަސީލަތްތައް ސިޔާސީ ބޭނުމަށް ބޭނުންކުރަމުންދާކަން ފާހަގަކުރައްވާ އުމަރު ނަސީރު ވިދާޅުވީ އެެފަދަ ކަންކަން ކުރުމުން މުޅި ނިޒާމާއި ދޭތެރޭގައި ސުވާލު އުފައްދަން ޖާގަލިބޭ ކަމަށެވެ. މީގެއިތުރުންވެސް ބައެއް ކަންތައްތައް އުމަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ކައުންސިލްތަކުގެ ރައީސުންގެ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމުގެ ރާޅުގަނޑު ގަނޑު ފައިބައިގެންދާތަން ފެންނަކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ އެފަދަ ކަންކަންވެސް ކޮންމެހެން ކުރަންޖެހިގެން ނޫނީ ނުކުރުމަށް ކައުންސިލްތަކަށް ގޮވާލާ ކަމަށެވެ.
"ރަށެއްގެ ކައުންސިލްގެ ރައީސުންގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގާ ވާހަކަދެކެވޭ މަރުހަލާއިން ފެށިގެން އެކަން ނިމި އާރައީސެއް އިންތިހާބު ކުރެވި އަދި ދުވަސްގަނޑެއް ދަންދެން އެރަށު ތެރޭގައި ނަފުރަތާއި ރުޅިވެރި ކަމުގެ އޮއިވަރެއް ކޮންމެވެސް ވަރަކަށް ނުހިނގާ އެކަމެއް ނުކުރެވޭނެ. އެހާ ފަސޭހައިން ރައީސުންގެ އިތުބާރު ނެތްކަމުގެ ވޯޓް ނުނެގޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި އެލްޖީއޭއިން ވާނީ އުސޫލުތަކެއް ގާއިމުކޮށްފަ. އެކަމަކުވެސް އެ އުސޫލުތައް ރަނގަޅަށް ނޭނގި ނުވަތަ އެނގޭފަހަރުވެސް އެ އުސޫލުން އެއްކިބާވެ އިތުބާރު ނެތްކަމުގެ ވޯޓް ނަގަން މަސައްކަތްކުރާ ތަން ފެނޭ،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކަށް ދޫކުރަންޖެހޭ ފައިސާ ލަސްތަކެއްނުވެ ދޫކުރާނެ ކަަމަށެވެ.
ސަރުކާރުގެ ހިދުމަތްދޭ އެއް ފަށަލައިގެ ގޮތުގައި އޮވެ ކައުންސިލްތަކުން ހިދުމަތް ދެމުން ގެންދާއިރު ވަކި ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި ހުރިހާ އެންމެންނަށް ހަމަހަމަކަމާއެކު ހިދުމަތް ދެމުން ގެންދިއުމަށާއި ކޮންމެ ޕާޓީއަކަށް މެޖޯރިޓީ އޮންނަ ކައުންސިލަކަށް ވިޔަސް އަނެއް ޕާޓިގެ މީހާ އައިމަ އޭނާއަށް ހިދުމަތް ނުދީ އޭނާއަށް ހިދުމަތް ދިނުން ލަސްކޮށް ނުހެދުމަށް ކައުންސިލްތަކަށް އުމަރު ވަނީ ގޮވާލައިފަ އެވެ.
ލާމަރުކަޒީ ނިޒާމު ދަތުރުކުރަނީ ސީދާ މިސްރާބަށް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ