ނަޝީދުގެ ޗުއްޓީ އިތުރުކޮށްދެވެންނެތް ކަމަށް ހުޅުމާލެ ކޯޓުން ނިންމައިފި

ހުޅުމާލެ ކޯޓުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި ދެކޮޅަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ތާވަލް ކުރެވިފައިވަނިކޮށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ނަޝީދު ހުށަހެޅުއްވުމުން ހުޅުމާލެ ކޯޓުން އެކަމަށް ދެކޮޅުން ހަދައިފިއެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ޝަރުއީ ދާއިރާގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ ނަޝީދު އެދިވަޑައިގެންނެވި ގޮތަށް ޗުއްޓީގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް ނިންމީ ނަޝީދުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ކަމަށެވެ.
ނަޝީދު ޗުއްޓީގެ މުއްދަތު އިތުރުކުރުމަށް އެދިފައިވަނީ މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަޝީދު ޗުއްޓީގެ މުއްދަތު އިތުރުކުރުމަށް އެދިފައި މިވަނީ މިމަހުގެ 4 ން 7 އަށް ނަޝީދަށް ދީފައިވާ ޗުއްޓީގެ މުއްދަތު ހަމަވުމާއި ގުޅިގެން އިއްޔެގެ ނިޔަލަށް ޗުއްޓީ އިތުރުކޮށްދިނުމަށް ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި ގޮތަށް ހުޅުމާލެ ކޯޓުން އެކަން ހަމަޖައްސާދީފައިވަނިކޮށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޛު އަބްދުﷲ މުޙައްމަދު ހައްޔަރުކުރި މައްސަލައިގައި ނަޝީދާއި ދެކޮޅަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން މިއަދަށް ތާވަލްކޮށްފައިވާއިރު، މިވަގުތު އިންޑިޔާގައި ހުންނެވުމާއި ގުޅިގެން ނަޝީދު މިއަދު ކޯޓަށް ވަޑައިގެންފައެއް ނުވެއެވެ.
ހުޅުމާލެ ކޯޓުގައި މީގެ ކުރިން ބޭއްވުނު އަޑުއެހުމަށްވެސް ނަޝީދު ހާޒިރުވެވަޑައިނުގަތުމުން އެފަހަރުވެސް ނަޝީދު ކޯޓަށް ހާޒިރުކުރެއްވީ ފުލުހުންގެ ހައްޔަރުގައި ބަހައްޓަވައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ