ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 7 ގައި

މިއަހަރު ބާއްވާ ރިއާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށްއޮތް ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އެކޮމިޝަނުން ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހު އިއުލާނުކޮށްފައި މިވަނީ އިންތިޚާބު ބާއްވާނެ ތާރީހު އިއުލާންކޮށްދެއްވުމަށް އިލެކްޝަންސް ކޮމިޝަންގެ ކިބައިން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު ވަހީދު ހަސަން މަނިކު ޓްވީޓެއް ކުރައްވާފައިވަނިކޮށެވެ.
ރައީސް ޑރ. ވަހީދުގެ ޓްވީޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، މިއަހަރުގެ ތެރޭގައި ބާއްވާ ރިޔާސީ އިންތިހާބަކީ، މިނިވަން އިންސާފުވެރި އިންތިހާބަކަށް ހައްދަވާނެ ކަމަށެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވީ އިންތިހާބު ބޭއްވުމަށް އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތަށް ބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބޭއްވޭނެ ކަމަށެވެ.
އެ ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ މިއަހަރުގެ އިންތިހާބު ބޭއްވޭނެކަމަށް ބެލެވެނީ، އޮގަސްޓް މަހުގެ 31 ނޫނީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ކަމަށެވެ.
އިންތިޚާބު ބާއްވާނެ ތާރީޚެއް ވީއެންމެ އަވަހަކަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެން ރައީސް ޑރ ވަހީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިއަހަރުގެ ތެރޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ، މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހައްދަވާނެކަމަށެވެ.
ރިޔާސީ އިންތިހާބު ބާއްވާނެ ވަކި ތާރީހެއް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާއިރު، މިފަހަރުގެ އިންތިހާބު ބޭއްވުމަށް އެކަށީގެންވާ ބަޖެޓެއް އެކޮމިޝަނުގައި ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އިލެކްޝަންސްއިން ބުނެފައިވަނީ، އިންތިހާބުގެ ކަންކަން ދެ ބުރަކަށް ބާއްވަން ޖެހިއްޖެނަމަ އެކަމަށް އެކަނިވެސް 55 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރީތައް ވަމުން ގެންދާއިރު، މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން ބައެއް ބޭފުޅުން އިއުލާންކުރައްވައި އިންތިހާބުގެ ކެމްޕޭން މިހާރު ވަނީ ފައްޓަވާފައެވެ.
މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ރިޔާސީ ރޭހަށް ޤާސިމް އިބްރާހިމް ނުކުމެވަޑައިގެންފައިވަނީ ތަރައްޤީ ޤައިމު މި ސްލޯގަނާއި އެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ