އަބްދުﷲ ހަމީދުގެ ހަނދާނުގައި ދިވެހި ބަހުގެ އެކަޑެމީން ފޮތްތަކެއް ނެރެނީ

އިއްޔެ އަވަހާރަވި، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އަބްދުﷲ ހަމީދުގެ ހަނދާނުގައި ދިވެހި ބަހުގެ އެކަޑެމީން ފޮތްތަކެއް ނެރެން ނިންމާފައިވާ ކަމަށް އެ އެކެޑަމީން މިއަދު ބުނެފި އެވެ. އެކަޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ އަންނަ މަހު ނެރޭ "ފަތްތޫރަ" ހާއްސަކުރާނީ މަރުހޫމު ހަމީދަށް ކަމަށެވެ. އޭގެ އިތުރުން ޅެން ފޮތަކާއި އެ މަނިކުފާނުގެ ހިދުމަތްތަކާ ބެހޭ ފޮތެއް ނެރެން ވެސް ނިންމާފައިވާ ކަމަށް އަޝްރަފް ވިދާޅުވި އެވެ. އަބްދުﷲ ހަމީދަކީ ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ރައީސްކަމާއި އެޓޯލްސް މިނިސްޓަރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ އިތުުރުން ވެސް ވަރަށް ގިނަ މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. "އެހެންވެ އަޅުގަނޑުމެން ނިންމީ އެ މަނިކުފާނުގެ ހަނދާނުގައި ފޮތްތަކެއް ނެރެން. އެމަނިކުފާނަކީ ދިވެހި ބަހަށް ހިދުމަތްކުރެއްވި ބޭފުޅެއް. އަގުހުރި ދިވެހި ދަރިއެއް،" އަޝްރަފް ވިދާޅުވި އެވެ. އެ މަނިކުފާނު ވަނީ ދިވެހި ބަހުގެ މަރުކަޒުގައި "ނާދީ" ނަމުގައި ޖަމިއްޔާއެއް އުފައްދަވައި ވަރަށް ގިނަ ހަރަކާތްތަކެއް ހިންގައިފަ އެވެ. މި ޖަމިއްޔާގެ ދަށުން އަތޮޅުތަކުގައި ގޮފިތައް އުފައްދައި، އަތޮޅުތަކުގައި ހަރަކާތްތައް ހިންގެވި ކަމަށް އަޝްރަފު ވިދާޅުވި އެވެ. އަޝްރަފް ވިދާޅުވީ ހަމީދުގެ ހަނދާނުގައި ފޮތްތަކެއް ނެރުމުގެ އިތުރުން އެކަޑެމީގެ ވެބްސައިޓާއި އޮފީހުގައި ތައުޒިޔާގެ ދަފުތަރެއް ވެސް ހުޅުވާނެ ކަމަށެވެ. "...ބޭނުމަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި އުޅޭ މީހުންނަށް ވެސް މި ހިތާމައިގައި ބައިވެރިވުމުގެ ފުުރުސަތު ހޯދައިދިނުން،" އަޝްރަފް ވިދާޅުވި އެވެ. އަބްދުﷲ ހަމީދު އަވަހާރަވީ މީގެ ހަތަރު ދުވަސް ކުރިން ހާޓް އެޓޭކެއް ޖެހިގެން ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަނިކޮށެވެ. ހަމީދު އަވަހާރަވިއިރު އެ މަނިކުފާނުގެ ފަސް އަންހެން ބޭފުޅަކާއި ހަ ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ. ހަމީދަށް ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ޑރ. ފާތިން ހަމީދު ވަނީ ކެންސަރުގެ އާލާސްކަންފުޅެއްގައި ދާދި ފަހުން އަވަހާރަވެފަ އެވެ. ހަމީދަށް ކާފަ ވިދާޅުވާ 23 ބޭފުޅަކު ވެސް އެބަ ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ