އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި ޝަކުވާއެއް ތަހުގީގުކުރުމަށް ފަހު، އެ ޝަކުވާގައި ފިޔަވަޅެއް އެޅުމުގެ ކުރިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި، އެ ކޯޓުން ވަކިއެއްޗެއް އަންގަންދެން މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ސިވިލް ކޯޓުން ނެރެފައިވާ އަމުރު އެ ކޮމިޝަނުން މިއަދު ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރީ، އެ ކޮމިޝަންގެ މައްޗަށް ސިވިލް ކޯޓުން ނެރެފައިވާ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލައަކީ ހައި ކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅަންޖެހޭ މައްސަލައެއް ކަމަށް މި މަހުގެ 19 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނިންމާފައިވާތީ އެވެ. އަބްދުﷲ ގާޒީއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާ ތަހުގީގުކުރުމަށް ފަހު، ގާނޫނުގައިވާ ގޮތުގެ މަތިން އެ ފަނޑިޔާރަކު ޖަވާބުދާރީވުމުގެ ގޮތުން، ތަހުގީގު ރިޕޯޓް ދިނުމުން، ގާނޫނުގައި އެކަމަށް ދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން، އަބްދުﷲ ގާޒީ ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވާފަ އެވެ. އަދި މި ކަމާ ގުޅިގެން އެކޯޓުން ވަކި އެއްޗެއް އަންގަންދެން، މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ކޮމިޝަންގެ މައްޗަށް ސިވިލް ކޯޓުން ވަނީ ކޯޓު އަމުރެއް ނެރެފަ އެވެ. އަބްދުﷲ ގާޒީގެ ކޮރަޕްޝަންގެ މައްސަލަތަކެއް އުޅޭ ކަމަށް ބުނެ، ސިފައިން ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ގާޒީ ހައްޔަރުކޮށްގެން ސިފައިންގެ ތަމްރީނު މަރުކަޒެއްގެ ގޮތުގައި ބޭނުންކުރާ ގިރިފުއްޓަށް ގެންގޮސްފަ އެވެ. ސިފައިން އޭނާ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް، ހަމަ އެރޭ ސުޕްރީމް ކޯޓުން ކަނޑައަޅައި އޭނާ މިނިވަންކުރުމަށް ސިފައިންގެ މައްޗަށް އަމުރު ނެރެފައި ވިޔަސް، މިހާތަނަށް އަބްދުﷲ ގާޒީ މިނިވަންކޮށްފައެއް ނުވެ އެވެ. އަދި ހައްޔަރުކުރި ފަހުން އޭނާގެ ވަކީލާ ވެސް އަދި އާއިލާއާ ވެސް ބައްދަލުކުރުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ