ގާޒީ ބަންދުކުރުން ގޯސް، ނަޝީދުގެ ޝަރީއަތް ދިޔައީ ވެސް "ގޯސްކޮށް"

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަދަބު ދިނުމަކީ އެމަނިކުފާނުގެ ޕާޓީ އެމްޑީޕީ އާއި ސަޕޯޓަރުންގެ ނަޒަރުގައި ކޮށްގެން ވާނެ ކަމެއް ނޫނެވެ. ނަޝީދުގެ ވެރިކަމުގައި ސިފައިން ނެރެ ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރީ ރަނގަޅަށް ކަމަށް އޭރު ދުށް މީހުން މިހާރު އަދި ވަކިން ބޮޑަށް އެގޮތަށް ގަބޫލުކުރެ އެވެ. އެ މަނިކުފާނު 13 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރި ޝަރީއަތް ގެންދިޔަ ގޮތް ބަލައިނުގަނެވޭތީ އެވެ. އެއާ ހިލާފަށް ނަޝީދާ ދެކޮޅު މީހުން ދެކޭ ގޮތުގައި އެ ހުކުމް ރަނގަޅުވުމުގެ އިތުރުން ޝަރީއަތް ވެސް ކުރިއަށް ދިޔައީ ބަރާބަރަށެވެ. ދެން އޮތީ ވަކި ކޮޅަކަށް ނުޖެހި ބަލައިލާ އިރު ފެންނަ މަންޒަރެވެ. ޖެނުއަރީ 16، 2012 ގައި އަބްދުﷲ ގާޒީ ގަދަކަމުން ގެންގޮސް، އެކަހެރި ރަށެއްގައި، ސިފައިންގެ ބަންދުގައި 22 ދުވަހު ބެހެއްޓި އެވެ. އޭގެ ތިން އަހަރު ފަހުން މިދިޔަ ހުކުރުދުވަހު ރޭ ސާބިތުވީ އެކަން ކުރީ އޭރު ސިފައިންގެ އެންމެ މަތީ ވެރިޔަކަށް ހުންނެވި ނަޝީދުގެ އަމުރަށް ކަމަށެވެ. އެއާކު ރާއްޖޭގެ ރައީސަކު ޓެރަރިސްޓަކަށްވެ އިދިކޮޅު ލީޑަރުގެ ސިޔާސީ ކުރިމަގު ބަންދުވީ އެވެ. އެކަމާ އެއް ބަޔަކު އުފާކޮށް އަނެއް ބަޔަކު ހިތާމަކުރަމުން ދިޔަޔަސް، ސިޔާސީ ފިކުރުތަކުން އެއްކިބާވެ ހާލަތު ވަޒަންކޮށްލަން ޖެހެ އެވެ. އޭރާއި މިހާރުގެ ތަފާތުތަކާއި އެއްގޮތް ކަންތައްތައް އަޅާބަލައިލަން ވެސް ޖެހެ އެވެ. ގާޒީ ހައްޔަރުކުރުމާ ދެކޮޅު، ނަޝީދުގެ ޝަރީއަތާ ވެސް ދެކޮޅު ސިފައިން އަބްދުﷲ ގާޒީ ގެންދާ އިރު ފުލުހުން ފޯރިމަރަނީ. ނަޝީދުގެ ވެރިކަން ނިމިދިޔުމުގެ ފެށުމަކަށް ވި އެތިފަހަރެއްގައި އަބްދުﷲ ގާޒީގެ ގޭގެ ދޮރު ވައްޓާލުމަށް ފަހު ސިފައިން އޭނާ ގެންދިޔަ ގޮތް ގާނޫނީ އެތައް ބަޔަކަށް އޭރު ވަރަށް ސާފެވެ؛ އެއީ ގާނޫނުއަސާސީއާ ހިލާފު، ގާނޫނީ އިމުން ބޭރު އަމަލެކެވެ؛ ގާޒީގެ މައްޗަށް ކޮންމެ ތުހުމަތެއް ކުރެވުނަސް އޭނާއާ މެދު އެފަދަ ފިޔަވަޅެއް ނޭޅޭނެ އެވެ. އަދި އެއީ ފަނޑިޔާރުން ހައްޔަރުކުރުމާ ހިލާފު އަމަލެއް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓާއި ހައި ކޯޓުން ނެރުނު އަމުރުތަކަށް އެތައް ވަކީލުންނެއް ތާއީދުކުރެއްވި އެވެ. އެކަމަކު އެ ބޭފުޅުން މިހާރު ވާހަކަދައްކަވަނީ ނަޝީދުގެ ހައްގުގަ އެވެ. ކުއްލިއަކަށް ވިސްނުން ބަދަލުކުރެއްވީއެއް ނޫނެވެ. ގާޒީ ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ގަބޫލުކުރާ ހާލު ވެސް ނަޝީދުގެ ޝަރީއަތުގައި އިންސާފެއް ނެތް ކަމަށް ދެކެވަޑައިގަންނަވަނީ އެވެ. ބަންދުކުރުމުގެ ކުރިން އަބްދުﷲ ގާޒީ ފުލުސް އޮފީހަށް ހާޒިރުވާން ފޮނުވި ޗިޓު ބާތިލްކުރަން ގާޒީގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން ޖެހިގެން އައި ދުވަހު ބޭއްވި އަޑުއެހުމުގައި، އެޓާނީ ޖެނެރަލްގެ އޮފީހުން ދައުލަތް ދިފާއެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އޭރުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް ފަނޑިޔާރުންނަށް ޖަވާބުދެއްވީ ގާޒީ ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށާއި ޖިނާއީ އެއްވެސް މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކުރުމުގެ ބާރެއް ސިފައިންނަށް ލިބިގެންނުވާ ކަމަށެވެ. މިހާރު އެޓާނީ ޖެނެރަލްގެ ނާއިބުގެ ގޮތުގައި ހުންނެވި އުޝާމް "އަބްދުﷲ ގާޒީ ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް އަދިވެސް ގަބޫލުކުރާ އިރު އެކަމުގެ ޒިންމާ އުފުލަން ޖެހޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ" ކަމަށް ވެސް ދެކެވަޑައިގަންނަވަ އެވެ. އެކަމަކު އޭނާ ވިދާޅުވަނީ "ތުހުމަތުކުރެވޭ ފަރާތުގެ އަސާސީ ހައްގުތަކާއި މި ގައުމުގެ ގާނޫނުތަކާއި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އިޖުރާއަތްތައް ގަބޫލުނުކޮށް ދޫކޮށްލެވިދާނެ ކަމަށް ގަބޫލެއް ނުކުރަން" ކަމަށެވެ. "އެކަކަށް އިންސާފު ހޯދައިދިނުމުގެ ނަމުގައި އަނެކަކުގެ ހައްގުތަކަށް އަރައިގަތުމަކީ ވެސް ބޭއިންސާފެއް،" ނަޝީދުގެ ޝަރީއަތަށް އިޝާރާތްކުރައްވައި އުޝާމް ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ. އަބްދުﷲ ގާޒީ ބަންދުކުރުމާ ދެކޮޅަށް ވަގުތުން ނުކުންނެވި ވަކީލުންގެ ތެރޭގައި ޝާހީން ހަމީދު ހިމެނިވަޑައިގެންނެވި އެވެ. ހުރިހާ ފަނޑިޔާރުންނާއި މުޅި ޝަރުއީ ދާއިރާގެ ދިފާއުގައި ވާހަކަދައްކަވަމުން އޭނާ އޭރު ވިދާޅުވީ "މިހާރު އޮތް ހައްލަކީ ... ގާނޫނު އަސާސީއާ ހިލާފަށް އަމަލުކުރެއްވި ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅު އެޅުން" ކަމަށެވެ. އެކަމަކު އެންމެ ފަހުން ނަޝީދާ މެދު ފިޔަވަޅު އެޅި އިރު އޭނާ އަށް ފެނިވަޑައިގަތީ ބޭއިންސާފެވެ. "ގަބޫލެއް ނުކުރެވޭ އެ ޝަރީއަތް ގެންދެވުނީ އިންސާފުން ކަމަކަށް،" ޝާހީން ސީއެންއެމަށް ވިދާޅުވެފައިވެ އެވެ. އޭރު ގާޒީ ހައްޔަރުކުރުމާ ދެކޮޅުހެދުމަށް ފަހު މިހާރު ނަޝީދާ މެދު ހަމްދަރުދީވަނީ ވަކީލުން އެކަންޏެއް ނޫނެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ އެހާރާއި މިހާރުގެ ވިސްނުން ހުރީ ވެސް ހަމަ އެގޮތަށެވެ. ނަޝީދު އައްޔަންކުރެއްވި ކޮމިޝަނުން އޭރު ވަނީ ގާޒީ ހައްޔަރުކުރީ ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފަށް ކަން ފާހަގަކޮށް ނަޝީދަށާއި އޭރުގެ އެހެން ވެރިންނަށް ސިޓީ ފޮނުވާފަ އެވެ. އެއީ "މިނިވަން، ޑިމޮކްރެޓިކް ގައުމެއްގައި އެއްވެސް ހާލަތެއްގައި ހިނގައިގެންވާނެ ކަންތައްތަކެއް ނޫން" ކަމަށް އެ ސިޓީގައި އެޗްއާރުސީއެމުން ބުނެފައިވެ އެވެ. އަދި ގާޒީގެ މައްސަލައިގައި ނަޝީދާއި އެމަނިކުފާނުގެ ޑިފެންސް މިނިސްޓަރާއި ސިފައިންގެ އިސް ތިން ބޭފުޅެއްގެ މައްޗަށް ދައުވާ އުފުލީ ވެސް އެޗްއާރުސީއެމުން ކުރި ތަހުގީގެއްގެ މައްޗަށް ބިނާކޮށެވެ. އެކަމަކު، މިހާރު ވެސް އޭރުގެ މެމްބަރުން ތިއްބެވި ކޮމިޝަނުން ވަނީ ނަޝީދުގެ ޝަރީއަތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެޗްއާރުސީއެމުން ބުނަނީ "އަސާސީ ބައެއް ހައްގުތަކާއި މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން ކަށަވަރުކޮށް ދީފައިވާ ބައެއް ހައްގުތައް [ނަޝީދަށް] ލިބިދެވިފައި ނުވާ"ތީ އެއީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށެވެ. ފެބްރުއަރީ 22 ގައި ނަޝީދު ހައްޔަރުކޮށް ދައުވާ އުފުލިތާ އެންމެ 19 ދުވަހުގެ ތެރޭ ޝަރީއަތް ނިންމާލި އިރު ގިނަ ކަންބޮޑުވުންތަކެއް އުފެދުނެވެ. ކުއްލި ގޮތަކަށް ކުރި ޓެރަރިޒަމްގެ ދައުވާ އަށް ދިފާއު ބިނާކުރަން އެކަށީގެންވާ ވަގުތު ނުދިނުމާއި ދައުލަތުގެ ހެކިންނާ ސުވާލުކުރުމުގެ ފުރުސަތު ނުދިނުމުގެ އިތުރުން ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު ވެސް ނުދިނުމަކީ ޝަރީއަތާ މެދު ސުވާލު އުފައްދަން ޖާގަ ލިބުނު ކަންތައްތަކެވެ. ނަޝީދު ދިފާއުކުރަން ބޭނުންވާ ފުރުސަތު ކޯޓުން ނުދޭ ކަމަށް ބުނެ އެމަނިކުފާނުގެ ވަކީލުން ޝަރީއަތަށް ވަނުން ހުއްޓާލި އެވެ. ސަރުކާރުގެ ރޭވުމެއް ކަމަށް ބުނާ ބުނުން ހައި ކޯޓުގައި އިއްޔެ ބާއްވަން އުޅުނު އަޑުއެހުމަކަށް ނަޝީދު މާލެ ގެނައުމަށް ފަހު، އަނބުރާ ދޫނިދޫ އަށް ގެންދިޔަ އިރު އިޝާރާތްކޮށްލައްވަނީ.-- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން ހައްޔަރުކުރުމާއި ދައުވާ އާއި ޝަރީއަތާ ގުޅިގެން ނަޝީދާއި އެމަނިކުފާނުގެ ޕާޓީ އާއި ސަޕޯޓަރުންގެ އެންމެ ބޮޑު ރުޅިވެރިކަމެއް އަމާޒުވެފައި ވަނީ ސަރުކާރަށެވެ. ނަޝީދުގެ މައްޗަށް ބޮޑު ހުކުމެއް ކުރީ ސިޔާސީ އެންމެ ބޮޑު ވާދަވެރިޔާގެ ދުވަސް ދުއްވާލަން ރައީސް އަބްދުﷲ ޔާމީން ރާއްވަވައިގެން ކަމަށް އެ މީހުން ތުހުމަތުކުރެ އެވެ. ރައީސް ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއި ވެރިކަންކުރާ ޕީޕީއެމްގެ ރައްދަކީ، ޕްރޮސެކިއުޓަ ޖެނެރަލް ކުރައްވާ ދައުވާތަކުން ބަރީއަވުމަކީ ދައުވާ ރައްދުވާ މީހާ ކުރަން ޖެހޭ ކަމެއް ކަމެވެ. އަދި ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ޝަރުއީ ދާއިރާގެ ކަމަކާ ސަރުކާރުން ނުބެހޭނެ ކަމެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނަނީ ފާއިތުވި މަސްތަކުގައި ކަން ހިނގާފައިވާ ގޮތުން ސަރުކާރުގެ އެ ވާހަކަ ގަބޫލުނުކުރާ ކަމަށެވެ. ފުރަތަމަ ކަމަކީ ސަރުކާރުގެ ސާފު އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ޑިސެމްބަރު މަހު ކޯޓުތަކުގެ ގާނޫނަށް ގެނައި ބަދަލުތަކެވެ. ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމެވެ. ދެން އައީ، ނަޝީދާއި އަނެއް ހަތަރު ބޭފުޅުންގެ މައްޗަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަހުމަދު މުއިއްޒު ކުރެއްވި ދައުވާ މިހާރުގެ ޕީޖީ މުހުތާޒް މުހުސިން އަނބުރާ ގެންދަވައި، ކުއްލި ގޮތަކަށް މާ ސީރިއަސް ދައުވާއެއް އުފުއްލެވި މައްސަލަ އެވެ. އެމްޑީޕީން ބުނާ ގޮތުގައި ފެބްރުއަރީ 22 ގައި ނަޝީދު ހައްޔަރުކޮށް ބަންދުގައި ބެހެއްޓީ އެމަނިކުފާނުގެ ސިޔާސީ ހަޔާތް "ދުއްވާލަން" ކުރި "ސިޔާސީ ދައުވާއެއްގަ" އެވެ. ގާނޫނުލް އުގޫބާތުގެ ދަށުން، "ގާނޫނާ ހިލާފު ގޮތަކަށް، ކުށް ނުކުރާ މީހަކު ގަސްދުގައި ހިފައި ހައްޔަރުކުރުމުގެ" ދައުވާ ކުރި އިރު ނަޝީދުގެ ކުރިމަތީގައި އޮތީ ތިން އަހަރަށް އަރުވާލުން ނުވަތަ ޖަލަށް ލުން ނުވަތަ ގިނަވެގެން 2،000 ރުފިޔާ އިން ޖޫރިމަނާކުރުމުގެ އަދަބެވެ. އެކަމަކު އަބްދުﷲ ގާޒީ "ގަދަކަމުން ފޮރުވުމުގެ" ދައުވާ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކުރުމާ ގުޅިގެން، ޖަލު ހުކުމް 10-15 އަހަރަށް ބޮޑުވެ، ނަޝީދު ޓެރަރިސްޓަކަށް ވި އެވެ. އަދި އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސް، އިންތިހާބެއްގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ވަނީ ގެއްލިފަ އެވެ. ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލޭނެ ކަމަށާއި އެކަން ސިޔާސީކުރާތީ ކަންބޮޑުވާ ކަމަށް ޕީޖީ އޮފީހުން އެންމެ ކުރިން ވެސް ވަނީ ބުނެފަ އެވެ. އެކަމަކު ޕީޖީއާ މެދު އިދިކޮޅު ފަރާތްތަކުގެ ހިތް ސާފެއް ނޫނެވެ. އެ މީހުން ދެކޭ ގޮތުގައި އެމްޑީޕީ އާއި އެ ޕާޓީއާ ގުޅިގެން މަސައްކަތްކުރަމުން ދިޔަ ޖޭޕީއާ މެދު މުހުތާޒު އެ ދުވަސްކޮޅު ގެންގުޅުއްވި "އިންޒާރުގެ" ބަސް މަގަކީ އޭނާ ސަރުކާރު ކޮޅަށް ޖެހިފައިވާ ކަމުގެ ހެއްކެކެވެ. އިދިކޮޅު ފަރާތްތަކަށް ރައްދުވާ ކަންކަމުގައި އެކަނި ބަސް ވިދާޅުވެ، ސަރުކާރާ ގުޅޭ އެފަދަ މައްސަލައެއްގައި އެއްޗެއް ވިދާޅުނުވުމަކީ ގާނޫނުއަސާސީގައި ބުނާ މުސްތަގިއްލުކަން އޭނާގެ ކިބައިގައި ނެތުން ކަމަށް މާނަކުރެވުނެވެ. އެހެންވެ، ނަޝީދުގެ މައްޗަށް މުހުތާޒު ދައުވާ އުފުލެއްވީ ސަރުކާރަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ކަމަށް އެމްޑީޕީން ތުހުމަތުކުރި އެވެ. އަބްދުﷲ ގާޒީ "ގަދަކަމުން ފޮރުވަން" ނަޝީދު އޯޑަރު ކުރެއްވި ކަން ކްރިމިނަލް ކޯޓުގެ ޝަރީއަތަށް ވަނީ ސާބިތުވެފަ އެވެ. ގާޒީ ބަންދުކުރި ކުރުމަށް ތާއީދުކުރައްވައި އެމަނިކުފާނު ކުރިން އެތައް ފަހަރަކު ވާހަކަފުޅު ދައްކަވާފައި ވެސް އެބަ ހުއްޓެވެ. އެކަމަކު، އަމިއްލަފުޅަށް ޒިންމާ ނުނަންގަވައި އެމަނިކުފާނުގެ ބައެއް ވަޒީރުންނަށް ނިސްބަތްކުރައްވައި ވިޔަސް، ނަޝީދު ފަހުން ވިދާޅުވެފައި ވަނީ ގާޒީ ބަންދުކުރުމަކީ އެ މަނިކުފާނުގެ ސަރުކާރުން ހެދި "ގޯހެއް" ކަމަށެވެ. ސިޔާސީ ވިސްނުން އެއްފަރާތްކޮށްފައި ވާހަކަދައްކަވާ ބޭފުޅުން ވެސް ވިދާޅުވަނީ ގާޒީ ބަންދުކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އެކަމަކު، ނަޝީދުގެ ޝަރީއަތް ގެންދިޔަ ގޮތް ވެސް ގޯސްކަން، އެ ވަކީލުން ފާހަގަކުރައްވާ ސަބަބުތަކެއް އެބަ ހުއްޓެވެ. އެ ބޭފުޅުންގެ ނަޒަރުގައި މައްސަލައަކީ ނަޝީދަށް އަދަބު ދިނުމެއް ނޫނެވެ؛ އަދަބު ދިން ގޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ