"ގައުމީ ބަތަލު"ގެ ލަގަބު ގާސިމަށް އަރުވަން މައުމޫން އެދިވަޑައިގެންފި

"ގައުމީ ބަތަލު"ގެ ނަމުގައި، ޝަރަފުވެރި ކަމުގެ ލަގަބެއް އުފައްދައި އެ ލަގަބު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް އެރުވުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެދިވަޑައިގެންފި އެވެ. އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ކާމިޔާބު އިއުލާން ކުރުމަށް ރޭ ނަސަންދުރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމަށް އިޝާރާތް ކުރައްވަމުން މައުމޫން ވިދާޅުވީ ގާސިމަކީ އަގު ނުކުރެވޭ ވަރަށް ގިނަ ހިދުމަތްތަކެއް ގައުމަށް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. އަދި އެ ހިދުމަތުގެ އަގު އޭގެ އެންމެ ޝަރަފުވެރި ގޮތުގައި ފާހަގަކުރަން ޖެހޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑު މިހުށަހަޅަނީ 'ގައުމީ ބަތަލު' މިނަމުގައި އާ ލަގަބެއް، އާ ޝަރަފެއް، އާ އިއްޒަތެއް ރާއްޖޭގެ އާ ރައީސުލްޖުމްހޫރިއްޔާ އުފައްދަވައި ދެއްވައި އެމަގާމަށް ގާސިމް އިބްރާހިމް ހަމަޖެއްސުމަށް،" ރައީސްކަމުގެ މަގާމަށް ހޮވިވަޑައިގެން ޔާމީން އަރިހުގައި އިންނަވައި މައުމޫން ވިދާޅުވި އެވެ. ގާސިމަށް ތައުރީފް ކުރައްވަމުން މައުމޫން ވިދާޅުވީ ޕީޕީއެމްއަށް އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ސަބަބެއްގެ ގޮތުގައި ގާސިމް ގައުމާއި ދީނަށްޓަކައި ނެންގެވި މުހިންމު ނިންމުމެވުން ފާހަގަ ކޮށްލެވޭ ކަމަށެވެ. އެ މަނިކުފާނު ސިފަކުރެއްވި ގޮތުގައި ގާސިމަކީ އަމިއްލަ އެދުމަށް ވުރެ ބޮޑަށް ގައުމީ މަސްލަހަތު އިސްކުރައްވާ ބޭފުޅެކެވެ. މައުމޫނު ވިދާޅުވި ގޮތުގައި ގާސިމް ގައުމަށް ކޮށްދެއްވީ އަގުނުކުރެވޭނެ ތައުރީފް ހައްގު މަސައްކަތްތަކެކެވެ. ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ވެސް ގާސިމަށް ވަނީ ގައުމަށް ހިދުމަތް ކުރާ ޝަރަފުވެރިންނަށް ދޭ މަތީ ޝަރަފެއް ކަމަށްވާ ނިޝާން މުލީގެ އިއްޒަތްތެރި ވެރިޔާގެ ލަގަބު އަރުވައިފަ އެވެ. ދައުލަތުގެ އެންމެ މަތީ ޝަރަފެއްގެ ގޮތުގައި މިހާރު ދެނީ ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާގެ ލަގަބެވެ. އަދި ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިޔާގެ ލަގަބާއި ނިޝާން މުލީގެ އިއްޒަތްތެރި ވެރިޔާގެ ލަގަބު ވެސް ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ