މަންމޯހަން ސިންގް ކޯޓަށް ހާޒިރުކުރަން ހުށަހެޅި ޕެޓިޝަން ކޯޓުން ބަލައެއް ނުގަތް
ނިއު ދިއްލީ (އޮކްޓޯބަރު 18) - ބޯޓު ދެލި ނެގުމުގެ ކޮންްޓްރެކްޓެއް ބަޔަކާ ހަވާލު ކުރުމުގައި ނާޖާއިޒް ފައިދާ ނަގާފައިވާ ކަމުގެ ތުހުމަތުގައި އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގް ކޯޓަށް ހާޒިރު ކުރުމަށް ހުށަހެޅި ޕެޓިޝަން އިންޑިއާގެ ޚާއްސަ ކޯޓަކުން ގަބޫލް ނުކޮށް އަނބުރާ ފޮނުވާލައިފި އެވެ. ކޯޓުން އަންގާފައި ވަނީ ޕެޓިޝަން ހުށަހެޅި ނަމަވެސް މަންމޯހަން ސިންގަގަކީ މައްސަލައިގައި ބައިވެރިވެފައިވާ ފަރާތެއްކަން ސާބިތުކޮށް ނުދެވޭތީ އެ މަނިކުފާނު ކޯޓަށް ހާޒިރު ނުކުރެވޭނެ ކަމަށެވެ. ބޯޓު ދެލި ނެގުމުގެ ކޮންޓްރެކްޓް މާ އަގުހެޔޮކޮށް ބަޔަކާ ހަވާލު ކުރުމުން ސަރުކާރަށް 33 ބިލިއަން ޑޮލަރު ގެއްލުންވެފައިވާ ކަމަށް އޮޑިޓަރުން 2012 ވަނަ އަހަރު ބުނެފައިވެ އެވެ. ކޮންޓްރެކެޓް ހަވާލުކުރި އިރު ބޯޓު ދެލި ނެގުމާ ބެހޭ މިނިސްޓްރީއާ ހަވާލުވެވަޑައިގެން ހުންނެވި ސިންގް ވެސް ވިދާޅުވެފައި ވަނީ އެ މަނިކުފާން އެއްވެސް ނާޖާއިޒް ފައިދާއެއް ނުނަންގަވާ ކަމަށެވެ. އުމުރުފުޅުން 82 އަހަރުގެ ސިންގާ ދެކޮޅަށް ޕެޓިޝަން ހުށަހަޅާފައި ވަނީ ޖަރުޚަންދު ސްޓޭޓުގެ ކުރީގެ ޗީފް މިނިސްޓަރު މަދު ކޮޑާ އެވެ. އޭނާ ވިދާޅުވެފައި ވަނީ ބޯޓުދެލި ނެގުމާ ބެހޭ މިނިސްޓްރީއާ ހަވާލުވެވަޑައިގެން ހުންނެވީ ސިންގް ކަމަށްވާތީ އެ މަނިކުފާން ކޯޓަށް ހާޒިރު ކުރެވެން ޖެހޭނެ ކަމަށެވެ. މި މައްސަލާގައި ސިންގް ކޯޓަށް ހާޒިރު ކުރަން ނެރުނު އަމުރެއް އިންޑިއާގެ ސްޕްރީމް ކޯޓުން ވަނީ އެޕްރީލް މަހު ބާތިލްކޮށްފަ އެވެ. އިންޑިއާ ސަރުކާރުން 1993 ވަނަ އަހަރުގެ ފަހުން ދީފައިވާ ބޯޓު ދެލި ނެގުމުގެ ގާތްގަނޑަކަށް 200 ވަރަކަށް ލައިސަންސް އިންޑިއާގެ ސްޕްރީމް ކޯޓުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ކެންސަލްކޮށްފަ އެވެ. ކޯޓުން ބުނެފައި ވަނީ މިއީ ގަވާއިދާ ޚިލާފު ލައިސަންސްތަކެއް ކަމަށެވެ. ގިނަ ލައިންސް ދޫކޮށްފައި ވަނީ ސިންގުގެ ކޮންގްރެސް ޕާޓީ ވެރިކަމުގައި އޮތް ދުވަސްވަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ