މަޖިލީހުގެ އިމްތިޔާޒަށް ސުޕްރީމް ކޯޓުން އަރައިގެންފައިވާ ކަމަށް ކޮމިޓީން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ ބައެއް މާއްދާތައް ސުޕްރީމް ކޯޓުން ބާތިލް ކުރުމަކީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތައް ނަގާލުން ކަމަށް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން މިއަދު ކަނޑައަޅައިފި އެވެ. އެހެން ނަމަވެސް މި ހުށަހެޅުން އަދި މަޖިލީހުގެ ތަޅުމުން ފާސްކުރަން ޖެހެ އެވެ. ކޮމިޓީގެ ހަ މެމްބަރުންގެ އިއްތިފާގުން ފާސްކުރި އެ ހުށަހެޅުމުގައި ބުނީ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނަކީ ރައްޔިތުން މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފައިވާ ގާނޫނަކަށް ވާއިރު އެ ގާނޫނުގެ ބައެއް މާއްދާތައް ސުޕްރީމް ކޯޓުން ބާތިލް ކުރުމަކީ "ގާނޫނު އަސާސީގައި ދައުލަތުގެ އެއްބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވުމުގެ އުސޫލާއި ހިލާފަށް ނިންމާފައިވަ ނިންމުމެއް،" ކަމަށެވެ. މި މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނައުމުގެ އިތުރުން އިިންޓަ ޕާލިމެންޓްރީ ޔޫނިއަނާއި އދ. ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ ސަމާލުކަމަށް ގެނެސް އަދި މަޖިލީހުގެ ބާރުވެރިކަމާއި އިމްތިޔާޒު ނެގެހެއްޓޭނެ ގޮތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެ ޖަމާއަތްތަކުގައި ދެންނެވުމަށް ވަނީ ފާސްކޮށްފަ އެވެ. މި މައްސަލަ ހުށަހެޅުއްވި އިމްތިޔާޒު ކޮމިޓީގެ ނައިބު މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އިމްތިޔާޒު ގާނޫނުގެ މާއްދާތައް ބާތިލުކުރުމަކީ ސުޕްރީމް ކޯޓުން "ރައްޔިތުންގެ މަޖިލީހަށް ގޮންޖެއްސެވުން" ކަމަށެވެ. "ޑިމޮކްރެޓިކް ޕްރޮސެސް އަށް އޮތް އެންމެ ބޮޑު ހުރަހަކީ ސުޕްރީމް ކޯޓް،" އޭނާ ވިދާޅުވި އެވެ. މަޑަވެލީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު ވިދާޅުވީ މިހާރު ފެންނަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ރާއްޖޭގެ ވެރިކަން ކުރަމުން ގެންދާ މަންޒަރު ކަމަށެވެ. ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިދިޔަ ބުރާސްފަތިދުވަހު ކުރި ހުކުމުގައިވަނީ ޖިނާއީ އިޖްރައާތުގެ ވަކި އުސޫލުތަކެއް މެމްބަރުންނަށް ނުހިނގާ ގޮތަށް އެހެން ގައުމުތަކުގައި އިމްތިޔާޒްތައް ދެވޭ ކަމަށެވެ. ނަމަވެސް އެފަދަ އިމްތިޔާޒްތައް ދެވޭ ގައުމުތަކުގައި ވެސް ވަކި ޚާއްސަ ހާލަތްތަކެއްގައި އެ އިމްތިޔާޒްތައް ނިގުޅައިގަނެވޭ ކަމަށާއި ނަމަވެސް ރާއްޖޭގައި އަމަލުކުރަމުންދާ އިމްތިޔާޒްގެ ގާނޫނުގައި އެކަން އޮތީ އެއްވެސް ހައްދެއް ނެތި)މުތުލަގުކޮށް( ކަމަށްވުމުން އެއީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށް ހުކުމްގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ