ރ.އަތޮޅު މަޑުއްވަރީގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ބޭނުން ކުރަމުންދާ އިންޖީނުތައް ހަލާކުވެ ކޮންމެ ދުވަހަކު ވެސް އެރަށުގެ ގޭގެއިން ކަރަންޓު ކެނޑެ މައްސަލަ ބޮޑުވެއްޖެއެވެ.
ސީއެންއެމަށް މައުލޫމާތު ދެމުން މަޑުއްވަރީ މީހަކު މިއަދު ބުނީ ރޯދަ މަހުން ފެށިގެން ކޮންމެ ދުވަހަކު ހެން އެރަށުން 3 ގަޑި އިރަށް ނުވަތަ 5 ގަޑި އިރަށް ކަރަންޓު ކަނޑައިގެންދާ ކަމަށާއި އޭގެ ސަބަބުން ރައްޔިތުން ގެންގުޅޭ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކަކަށް ގެއްލުންވަމުންދާ ކަމަށެވެ.
2200 މީހުންގެ އާބާދީއެއް އޮންނަ މަޑުއްވަރީގެ 360 ގެއަށް ކަރަންޓު ފޯރުކޮށް ދެމުން ގެންދަނީ 80 ކިލޯ ވޯޓުގެ ދެ ޖަނެރޭޓަރާއި 31 ކިލޯ ވޯޓުގެ އެއް ޖެނެރޭޓަރު ބޭނުންކޮށްގެނެވެ.
ކުރިން މަޑުއްވަރީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ގެންދިޔައީ އެރަށުގެ ދެއަވަށުގައި ދެ އިންޖީނުގެ ބަހައްޓައިގެންނެވެ.
ނަމަވެސް ނިމިދިޔަ ސަރުކާރުންވަނީ އެރަށަށް އިތުރަށް ދެ ޖަނެރޭޓަރު ގެންގޮސް ކަރަންޓުގެ ހިދުމަތް އެއް އިންޖީނުގެއިން ދޭ ގޮތަށް ހަމަޖައްސާފައެވެ. މަޑުއްވަރީ ރައްޔިތުން މައުލޫމާތުދޭ ގޮތުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި މައްސަލަތަކެއް ދިމާވަމުންދަނީ ޖަނެރޭޓަރުތައް ބަލަހައްޓަން ޖެހޭ މިންވަރަށް ނުބެލެހެއްޓުމުގެ ސަބަބުން އެތަކެތި ހަލާކުވަމުންދާތީއެވެ.
މަޑުއްވަރީން ކަރަންޓު ކެނޑޭ މައްސަލާގައި އެރަށު ކައުނސިލުން ވެސްވަނީ ބަޔާނެއް ނެރެފައެވެ. މިބަޔާނުގައި ބުނެފައިވަނީ ކޮންމެ ދުވަހަކު ވެސް އެތައް އިރެއް ވަންދެން މަޑުއްވަރީން ކަރަންޓު ކަނޑައިގެން ދިއުމުގެ ސަބަބުން ކައުންސިލާއި މަދަރުސާ އަދި ހެލްތު ސެންޓަރުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކަށް ބުރޫ އަރަމުންދާ ކަމަށެވެ. އަދި އެތައް ފަހަރެއްގެ މަތިން ކަމާ ބެހޭ ފަރާތްތަކުގައި ދަންނަވައިގެން ވެސް އެމައްސަލައަށް ހައްލެއް ލިބިފައި ނުވާ ކަމަށެވެ.
ކައުންސިލުގެ ހަތަރު މެމްބަރަކު ސޮއިކޮށް ނެރެފައިވާ ބަޔާނުގައި އެރަށުގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ދިމާވަމުންދާ މައްސަލަތައް ހައްލުކޮށް ދިނުމަށް ސަރުކާރަށާއި ފެނަކަ ކުންފުންޏަށް ގޮވާލާފައިވެއެވެ.
މަޑުއްވަރީން އިރު އިރުކޮޅާ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ