ރިޔާސީ ޔޮޓް "އަރުމާޒު" ވިއްކާލަން ނިންމައިފި

ރިޔާސީ ޔޮޓު "އަރުމާޒު" ވިއްކާލާ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވީ، 4.7 މިލިއަން ޑޮލަރުގެ އަރުމާޒު ޔޮޓު ވިއްކާލުމަށް ހަމަޖައްސާފައިވަނީ އަންނަ ހޮނިހިރު ދުވަހު ފަށައި ބޯޓް ޝޯ ގައި ކަމަށެވެ. އެ ޔޮޓު ވިއްކާލަން މާކުރިން ވެސް ނިމިފައި ކަމަށާއި ބޯޓް ޝޯ ގައި ރިޔާސީ ޔޮޓު ވިއްކާލުމަށް ނިންމީ އެއީ އެކަން ކުރުމަށް "ވަރަށް ރަގަޅު ފުރުސަތެއް" ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ.ބޯޓު ޝޯވ އިންތިޒާމްކުރާ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ، އަރުމާޒު ވިއްކާލާނީ ވެސް އެހެން ހުރިހާ ލޯންޗްތައް ވިއްކާލާ ގޮތަށް ކަމަށެވެ. އެގޮތުން ގަންނަން ބޭނުންވާ ފަރާތްތައް އައުމުން، އެމީހުންނަށް އެ ލޯންޗު ދައްކާލާނެ ކަމަށާއި އެމީހުން ހުށަހަޅާ ހުށަހެޅުންތައް ލޯންޗުގެ ވެރިފަރާތަށް ދެއްކުމަށްފަހު، ވެރިފަރާތް ބޭނުންވާ ފަރާތަކަށް އެ ޔޮޓު ވިއްކާލާނީ ކަމަށް އާސިފް ވިދާޅުވި އެވެ."ކޮންމެ ކޮންމެ މީހަކަށް އެހާ އަގުބޮޑު ޔޮޓެއް ނުގަނެވޭނެ. އަޅުގަނޑުމެން ރަޖިސްޓާ ކުރުމަށް ފުރުސަތު ހުޅުވާލާފައި މިހާރު އޮތީ. ރަޖިސްޓާ ކުރާ ފަރާތްތަކުގެ ތެރޭ ހިމެނޭ ޕޮޓެންޝަލް ބަޔާސް (ޔޮޓު ގަތުމުގެ ގާބިލުކަން ހުރި ފަރާތްތައް) ފާހަގަކޮށް ފުރުސަތު ދޭނަން ޔޮޓު ބަލާލުމަށް. އަދި ހަމަ ރަޖިސްޓާކުރާ އާއްމުންނަށް ވެސް ޔޮޓު ބަލައިލުމުގެ ފުރުސަތު އޮންނާނެ، ކަނޑައެޅިފައިވާ ދުވަހަކާ ވަގުތެއްގައި" އާސިފު ވިދާޅުވި އެވެ.  ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޖަރުމަނުގެ ކުންފުންޏަކާއެކު 1998 ވަނަ އަހަރު ވެވެނު އެއްބަސްވުމެއްގެ ދަށުން ރިޔާސީ ގަނޑުވަރުގެ އުޅަނދެއްގެ ގޮތުގައި އޭރު ގެނެވުނު ލަގްޒަރީ ޔޮޓު ސަރުކާރުން ވިއްކާލަން ހަމަޖައްސާފައިވަނީ ކޮން އަގެއްގައި ކަމެއް އަދި ސާފުވާގޮތްވަނީ ނުވެފަ އެވެ.އޭރުގެ އިދިކޮޅު އަދި މިހާރު ވެރިކަން ކުރާ ޕާޓީގެ އެންމެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވި މި ޔޮޓާ ގުޅޭ މައްސަލަ އެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ތަހުގީގުކުރަން ވެސް ފަށައިފަ އެވެ. އޭސީސީން އޭރު ބުނެފައިވާ ގޮތުގައި، ޔޮޓުގެ އަގަކީ 4.7 ޑޮލަރު ނަމަވެސް، ޔޮޓު ބަނދެ، ރާއްޖެ ގެނައިރު 7.4 މިލިއަން ޑޮލަރު އެ ޔޮޓަށް ޚަރަދުކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ