މިނިވަން 50 ހަރަކާތްތަކުގައި 99 ޕަސެންޓް ރައްޔިތުން ބައިވެރިވޭ: ތަޒްމީލް

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރަން މި އަހަރު ކުރިއަށް ގެންދާ ހަރަކާތްތަކުގައި ރާއްޖޭގެ 99 ޕަސެންޓް މީހުން ބައިވެރިވަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު މިރޭ ވިދާޅުވެއްޖެ އެވެ. މިނިވަން 50 އޮފީހުން ހިންގާ ހަރަކާތްތަކާ ގުޅޭގޮތުން ވީޓީވީގައި ވާހަކަ ދައްކަވަމުން ތަޒްމީލް ވިދާޅުވީ މިނިވަން 50 ފާހަގަކުރަން ހިންގާ ހަރަކާތްތަކުގައި ބައިވެރިނުވުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ދަނިކޮށް ވެސް މިހާތަނަށް ބޭއްވި ހަރަކާތްތަކެއްގައި ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާ ކަމަށެވެ. މިހާތަނަށް ހިންގި ހުރިހާ ހަރަކާތްތަކެއް ކާމިޔާބުކަމާ އެކު ނިންމާލެވުނީ ވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ އެއްބާރުލުން ދިނުމުން ކަމަށް އޭނާ ވިދާޅުވި އެވެ. "މިހާތަނަށް ބޭއްވި ހުރިހާ ހަރަކާތްތަކެއް ވެސް ވަރަށް ކާމިޔާބު،" އޭނާ ވިދާޅުވި އެވެ. ތަޒްމީލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މިނިވަން 50 ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ރާވާފައިވާއިރު އެ ކަންކަން ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ އެއްބާރުލުން ބޮޑު ކަމަށެވެ. މިނިވަން 50 ފާހަގަކުރަން އެ ރަށަކުން ކުރަންވީ ކޮން ކަމެއްތޯ ބަލަން ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަޔަކު މިނިވަން 50 އޮފީހަށް ގުޅައި މައުލޫމާތު ސާފުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. "މިނިވަން 50ގެ ހަރަކާތްތަކުން އަޅުގަނޑުމެން ހާސިލްކުރަން ބޭނުންވާ ލަޑުދަނޑި އެބަ ހާސިލްވޭ،" ތަޒްމީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ މިނިވަން ދުވަސް ސަރުކާރުން ފާހަގަކުރަން ނިންމާފައި ވަނީ ވަރަށް ކުލަގަދަކޮށެވެ. ވަކިވަކި ފަރުދުންގެ ބައިވެރިވުމަށް ވުރެ ބޮޑަށް ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން މިނިވަން 50 ގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކަމަށް ވެސް ތަޒްމީލް ވިދާޅުވި އެވެ. މިނިވަން 50 ފާހަގަކުރަން ގަލޮޅު ދަނޑުގައި ހިންގާ ހާއްސަ ހަރަކާތްތަކުގައި، ތަޒްމީލް ވިދާޅުވި ގޮތުގައި، ރާއްޖޭގެ 20 އަތޮޅުގެ ބައިވެރިވުން ފެންނާނެ އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުގައި ތިބި ބެރުޖަހާ މީހުންގެ ހާއްސަ ހަރަކާތްތަކެއް ވެސް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ